ދިވެހިންގެ މިނިވަން ކަމަށް ބުރޫ އަރާ އެއްވެސް ކަމަކަށް ޒުވާނުން ޖާގަ ދީގެން ނުވާނެ: މަލީހް

ރާވެރިބެ ޖިހާދުގެ ފެތުމުގައި ޔޫތު މިނިސްޓަރު މަލީހް ބައިވެރިވެވަޑައިގަންނަވަނީ: ސަން ފޮޓޯ / އަލީ ނަސީރު

ދިވެހިން މިނިވަން ވިތާ 50 އަހަރު ފުރިގެންދާއިރު ދިވެހިންގެ މިނިވަން ކަމަށް ބުރޫ އަރާ އެއްވެސް ކަމަކަށް ޒުވާނުން ޖާގަ ދީގެން ނުވާނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

ރާވެރިބޭ ޖިހާދުގެ ފެތުން މި ހަރަކާތާ ގުޅޭ ގޮތުން ޓީވީއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މަލީހް ވިދާޅުވީ ދިވެހި ގައުމަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައިވީ ނަމަވެސް ދިވެހިންނަކީ ފުރިހަމަ މިނިވަންކަމެއް ލިބިފައިވާ ގައުމެއް ކަމަށާއި އެކަމާ ދިވެހިން ފަހުރުވެރިވާން ޖެހޭ ކަމަށެވެ.

"ފަހަރުވެރިވުން ބިނާވެފައި މިވަނީ މިނިވަންކަމާއި އެގައުމެއްގެ ޒުވާނުން ނޫނީ އެ ގައުމެއްގެ ރައްޔިތުން ހޯދާ ކާމިޔާބީގެ މައްޗަށް. އެހެންވީމާ އަޅުގަނޑުމެންގެ ދިވެހި ރާއްޖެ ކިތަންމެ ކުޑަ ކަމުގައިވީ ނަމަވެސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގައުމެއްގެ ގޮތުގައި ރާއްޖެ މިއޮތީ،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަކީ އުފެއްދުންތެރި ބައެއްކަން މިއަދު މުޅި ދުނިޔެ އަށް ދައްކުވައިދީފައިވާ ކަމަށެވެ. އެހެންކަމުން މިނިވަންކަމަށް 50 އަހަރު ފުރިގެންދާ އިރު މިކަންކަން އަތުން ބީގެން ދިޔަ ނުދީ ހިފަހައްޓައިގެން އިތުރަށް ކުރިއެރުވުމަކީ މިއަދު ކުރަން ޖެހޭ ކަމެއް ކަމަށް މަލީހު ވިދާޅުވި އެވެ.

"މީގެ އިތުރުން މި މިނިވަންކަން އަންނަން އޮތް ޖީލަށް ގެންގޮސް ދިނުމަކީ މިއަދުގެ ޒުވާނުންގެ ޒިންމާއެއް. އެމީހުންގެ ވާޖިބެއް. އެހެންވީމާ އެކަން ކުރުމުގައި އަޅުގަނޑުމެން ދެމި ތިބެނީ މި. މިކަމުން ވެސް [ރާވެރިބޭ ޖިހާދުގެ ފެތުމުން] ދައްކުވައިދެނީ." މަލީހް ވިދާޅުވި އެވެ.

ރާވެރިބޭ ޖިހާދުގެ ނަމުގައި މިއަދު ގިނަ އަދަދެއްގެ މީހުން އަންނަނީ ފަތަމުން ނެވެ. އެގޮތުން ހޯމް މިނިސްޓްރީ އިން އިއްޔެ ބުނީ 1500 އެއްހާ މީހުން ފެތުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ މަރިޔަމް ރާނިޔާ ބުނީ 1500 މީހުން ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް 2000 ވަރަކަށް މީހުން މިއަދުގެ ފެތުމުގައި ބައިވެރިވި ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް