ގައުމަށްޓަކައި ގުރުބާނީވާން ތައްޔާރުކަން ދިވެހިން ދައްކުވައިފި: ނައިބު ރައީސް

27 މާރޗް 2015، މިނިވަން ފަންސާސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ރައިވެރިބޭގެ ޖިހާދުގެ ފެތުމުގެ" ތެރެއިން --- ސަން ފޮޓޯ/ އަލީ ނަސީރު

"ރާވެރިބޭ ޖިހާދުގެ ފެތުމުން" މިއަދު ދައްކުވައި ދިނީ ގައުމަށްޓަކައި ވާންޖެހުން ކޮންމެ ގުރުބާނީއެއް ވުމަށް ދިވެހިން ތިބީ ތައްޔާރުވެފައި ކަން ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޓީވީއެމް އަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ މިއަދުގެ އެންމެ މުހިއްމު އެއް ތަޖުރިބާ އަކީ ގައުމަށްޓަކައި ދިވެހިން ތިބީ ތައްޔާރަށް ކަމަށާއި ދިވެހިންގެ ގައިގައި އަދިވެސް އެ ލެޔާ އެ ކެރުން އެބަހުރިކަން ކަމަށެވެ.

"އެ އެކުވެރި ކަމާ ގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ހުރިކަން އަދި އެކަން ތަޖުރިބާ ކުރަން ބޭނުންވާ ކަން އެއީ މިއަދު އެންމެ ބޮޑަށް ރަމްޒުކޮށްދޭ ކަމަކީ. ހަމައެއާއެކީ ގައުމަށްޓަކައި ގުރުބާންވާންޖެހޭ ވަގުތެއްގައި ވަކި ބޮޑު ކުޑަ ވަކި އިސް ވަކި ފަހަތުގައި ހުރި މީހެއް ނެތްކަން. ކޮންމެ މީހަކު ވެސް އެމީހަކަށް ވި ގުރުބާނެއް ވެގެންކަން އަޅުގަނޑުމެންނާ ހަމައަށް މި ގައުމު އައިސްފައި މިވަނީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ރައިވެރިބޭ ޖިހާދުގެ ފެތުން ނިންމާ ސަރަހައްދު ކަމުގައިވާ ސޯޝަލް ސެންޓަރު ސަރަހައްދު ---- ސަން ފޮޓޯ/ މަރިޔާމް ރާނިޔާ

ދިވެހިންނަކީ ކިހާ ފަޚުރުވެރި ބައެއްކަން ހުރިހާ ބޭފުޅުން ވެސް ހަނދާން ކުރަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. ނައިބު ރައީސް ވިދާޅުވީ މިއަދު "މި ފަސްގަނޑު މިހާ ހިސާބަށް އައީ ބަތަލުންތަކެއްގެ މިންނެތް މަސައްކަތުން" ކަމަށެވެ.

"ރާވެރިބޭ ޖިހާދުގެ ފެތުން" ފަށާފައި ވަނީ މިއަދު ވިލިމާލޭގައި 3:15 ހާއިރު އެވެ. ފަތުމުންދާ ވަގުތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުން ނެވެ.

"ރައިވެރިބޭގެ ޖިހާދުގެ ފެތުމުގައި" ބައިވެރިވުމަށް 1500 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ. މި މުބާރާތް ކުރިއަށްދާ ވަގުތު ވިލިމާލޭގައި ގައުމީ ލަވައިގެ ހަރަކާތް ކުރިއަށް ދާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ. އަދި ހަމައެއާއެކު ފަތާ ނިމުމަށްފަހު މާލެއަށް އަރަން ހަމަޖެހިފައި އޮތް ސަރަހައްދަކީ ޝޯޝަލް ސެންޓަރާ ދިމާލަށް ކަމަށް ވުމުން އެ ދިމާލު ގައުމީ ކުލަތަކުން ވާނީ ޒީނަތްތެރިކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް