އެއްގަމު މަގުން ޔަމަނަށް އަރަން އަދި ނުވިސްނާ ކަމަށް ސައޫދީން ބުނެފި

ސައޫދީ ދިފާޢީ ވަޒީރު މުޙައްމަދު ބިން ސަލްމާން

ރިޔާޒް (މާޗް 27) : ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނުގެ ޙޫޘީންނާ ދެކޮޅަށް ވައިގެ މަގުން ހިންގާ އަސްކަރީ އޮޕަރޭޝަންގައި އެއްގަމު މަގުން ޔަމަނަށް އަރަން އަދި ނުވިސްނާ ކަމަށް ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ.

ސައޫދީ އަސްކަރީ މަސްއޫލުވެރިއަކާ ޙަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނީ ޙޫޘީ ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމުމަގުން ސައޫދީ ސަރަހައްދީ ރޮނގަށް ނުރައްކާ ކުރަމުން ގެންދާ ކަމަށާ ނަމަވެސް އެއްގަމު މަގުން ޔަމަނަށް އަރަން އަދި ނުވިސްނާ ކަމުގައެވެ. ނަމަވެސް ޙާލަތު ބަދަލުވެއްޖެނަމަ ނުވަތަ ސައޫދީ ބިމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެއްޖެނަމަ އެއްގަމު މަގުން ޔަމަނަށް ވަދެގަތުމާމެދު ވިސްނަން ޖެހިދާނެ ކަމަށްވެސް ނަންހާމަ ކުރަންނޭދޭ ސައޫދީ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އަނެއްކޮޅުން ސައޫދީން އިސްކޮށް ތިބެގެން ޔަމަނުގެ ޙޫޘީންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނަށް ތާއީދުކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް މަސައްކަތްކުރަމުން ގެންދާކަން ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ވަނީ ހާމަކޮށްފައެވެ. އދ. ގައި ތިއްބަވާ ޖީސީސީގެ ގައުމުތަކުގެ ސަފީރުން ހާމަކުރައްވާ ގޮތުގައި މިގަރާރުގެ ދެލިކޮޕީ ބިނާވެފައިވަނީ ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ޙޫޘީ ޖަމާއަތާ ދެކޮޅަށް އދ. ގެ ޗާޓަރުގެ 7 ޗެޕްޓަރުގެ ދަށުން ފިޔަވަޅު އެޅުމަށާއި ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގައި ހިންގާ އަސްކަރީ އޮޕަރޭޝަނަށް ތާއީދު ކުރުމަށެވެ.

ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމުތަކުގެ ތެރޭން ޗައިނާއާއި ރަޝިޔާގެ ތާއީދު މިގަރާރަށް ލިބޭނެ ކަމުގެ ޔަގީންކަން އަދި ނެތްކަމަށް މުރާސިލުން ބުނެއެވެ. އަންނަ ހަފްތާގައި ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ މިގަރާރު ގެ ދެލިކޮޕީ ގޮވާލަނީ ހޫޘީ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަން ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުންނާއި ވެރިރަށް ސަންއާއިން ތިން ދުވަހުގެ ތެރޭގައި އެމީހުން ފޭބުމަށެވެ. މީގެއިތުރުން ޙޫޘީންގެ ކޮންޓްރޯލް ކުރާ ޔަމަންގެ ބޮޑެތި ރައްތަކުން އެޖަމާއަތުގެ ހަނގުރާމަވެރިން ފޭބުމަށްވެސް މި ގަރާރު ގޮވާލާ ކަމަށް ޖީސީސީގެ މަސްއޫލުވެރިން ވިދާޅުވިއެވެ. (އަލްޖަޒީރާ)

comment ކޮމެންޓް