ޙޫޘީ ޖަމާއަތް ބަލިކޮށްލެވެންދެން ޔަމަނަށްދޭ ޙަމަލާތައް ކުރިޔަށް ގެންދާނަން: ސައޫދީ

ސަންޢާ އިންޓަނޭޝަލް އެއަޕޯޓްގެ ކައިރީގައިވާ ސަރަހައްދެއް ސައޫދީންގެ ވައިގެ ޙަމަލާތަކުގެ ސަބަބުން ހަލާކުވެފައި --.

ރިޔާޒް (މާޗް 27) : ޔަމަނަށް ދެމުން ގެންދާ ވައިގެ ޙަމަލާތައް ހުއްޓާނުލައި ކުރިޔަށް ގެންދާނެ ކަމަށް ސައޫދީ އަރަބިޔާއިން ބުނެފި އެވެ.

ސައޫދީ އަރަބިޔާގެ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވީ އެ ޙަމަލާތަކުގެ މަގްސަދް ޙާސިލްވަންދެން ކުރިޔަށްގެންދާނެ ކަމަށާ އެގައުމު އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަންގެ ގައުމުތަކުން ދޭ ވައިގެ ޙަމަލާތައް އަމާޒުކުރަނީ ޔަމަންގެ ހޫޘީ ޖަމާއަތުގެ އަމާޒުތަކަށާއި އެގައުމުގެ ކުރީގެ ރައީސް ޢަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ޔަމަންގެ ސިފައިންނާއި ޖުމްހޫރީ ލަޝްކަރުގެ މަރުކަޒުތަކަށް ކަމުގަ އެވެ. ކޯލިޝަންގެ ޙަމަލާތައް ހުއްޓުމެއްނެތި އިއްޔެއާއި މިއަދުވެސް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓޯމް ފާމްނެސް" ގެ ނަމުން ނަންދީފައިވާ އަސްކަރީ އޮޕަރޭޝަން ޔަމަނާ ދެކޮޅަށް ފަށާފައި ވަނީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ 10 ގައުމު ހިމެނޭ ކޯލިޝަނަކުން އިއްޔެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. މިއޮޕަރޭޝަންގައި ގަލްފުގެ އިތުރު ހަތަރު ގައުމާއެކު މިސްރާއި އުރުދުން އާއި މަޣްރިބް ބައިވެރިވާކަން ސައޫދީ ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް ޔަމަނަށް ހަމަލާދިނުމުގައި ހަރަކާތްތެރިވަނީ ސައޫދީ ވައިގެ ސިފައިންނާއި ސައޫދީ އަސްކަރީ މަތިންދާބޯޓުތަކެވެ.

"ސްޓޯމް ފާމްނެސް" ކޯލިޝަންގެ ނަމުގައި ވާހަކަ ދެއްކި ސައޫދީ ސިފައިންގެ އޮފްސަރަކު ވިދާޅުވިގޮތުގައި މިއޮޕަރޭޝަންގެ މަގްސަދަކީ ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ޙޫޘީ ޖަމާއަތާއި އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙަށް ވާގިވެރިވާ ފަރާތްތައް ބަލިކަށިކޮށްލުމެވެ. މިމަގްސަދު ޙާސިލް ނުވަނީސް އޮޕަރޭޝަން ހުއްޓާނުލާނެ ކަމަށްވެސް ކޯލިޝަންގެ ތަރްޖަމާން ވިދާޅުވިއެވެ. ޔަމަނަށް ވައިގެ މަގުން ޙަމަލާތައް ދިނުމުގެ އޮޕަރޭޝަން ކުރިޔަށްގެންދަނީ ސައޫދީ ދިފާޢީ ވަޒީރު މުޙައްމަދު ބިން ސަލްމާންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގެ ހޫޘީ ޖަމާއަތާ ދެކޮޅަށް ހިންގާ މިއޮޕަރޭޝަނަކީ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ އެދިވަޑައިގަތުމުގެ މަތިން ހޫޘީ ޖަމާއަތް ބަލިކޮށްލުމަށް ހިންގާ އޮޕަރޭޝަނެއްކަން އެގައުމުންވަނީ އިޢްލާންކޮށްފަ އެވެ.

ޔަމަންގެ ރައީސް ހާދީ ރޭގެ ވަގުތެއްގައިވަނީ ޔަމަނުން ފުރާވަޑައިގެން އުމާންގެ މަގުން ސައޫދީ އަރަބިޔާއަށް ވަޑައިގެން ސައޫދީ ސަރުކާރުގެ ޙިމާޔަތް ހޯއްދަވާފަ އެވެ. ސައޫދީންގެ ޙިމާޔަތުގައި ހާދީ ވަޑައިގަންނަވާނީ މާދަމާ ގާހިރާގައި ފެށޭ އަރަބި ސަމިޓަށް ކަމަށް އަލްޖަަޒީރާ ބުނެ އެވެ. ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކަށް ދުނިޔޭގެ ބައެއް ގައުމުތައް ތާއީދުކޮށްފައިވާއިރު އަނެއްބައި ގައުމުތައްވަނީ މިކަމާ ދެކޮޅަށް އަޑުއުފުލައި ހަމަލާތައް ހުއްޓާލުމަށް ގޮވާލާފަ އެވެ.

ސީރިޔާއާއި އިރާގު ފަދަ ގައުމުތަކަށް އީރާން ވަންނަ މައްސަަލާގައި އެންމެ ބޮޑަށް އަޑުއުފުލައި އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ސައޫދީ އަރަބިޔާ އިން ޔަމަންގެ ދާޚިލީ އަރާރުންތަކުގެ ތެރެއަށް ފާޅުގައި އަސްކަރީ ގޮތުން ވަދެ ވަކިބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ފެށުުމުން ސީރިޔާއާއި އިރާގުންވަނީ ސައޫދީންގެ ބަހާއި އަމަލާ ދިމާނުވާ ކަމަށްބުނެ ފާޑުކިޔާފަ އެވެ.

ސައޫދީންގެ ޙަމަލާތަކަށް ތާއީދުކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ތުރުކީ ހިމެނޭއިރު ރަޝިޔާއާއި ޔޫރަޕްގެ އިއްތިޙާދާއި ޗައިނާއާއި އީރާނުންވަނީ މިޙަމަލާތަކުގެ ސަބަބުން ޔަމަންގެ ކުށެއްނެތް އާންމުން މަރުވަމުންދާ މައްސަލަ ފާހަގަކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި ޔަމަންގެ މައްސަލައަކީ ބޭރުގެ ފަރާތްތައް އަސްކަރީ ގޮތުން ވަދެ ބާރުގެ ބޭނުންކޮށްގެން ޙައްލު ކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި ޔަމަންގެ މައްސަލަ ޙައްލުކުރެވެނީ އެގައުމުގެ ވާދަވެރި ފަރާތްތަކުގެ މެދުގައި ވާހަކަ ދައްކައިގެން ސުލްޙަވެރި ގޮތުގައި ކަމަށް ވެސް މި ޙަމަލާތަކާ އިދިކޮޅު ގައުމުތަކުން ބުނެ އެެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި އާންމުންގެ 25 މީހުން މަރުވެފައިވާއިރު މީގެތެރޭގައި ނުވަ ކުޑަކުދިން ހިމެނޭ ކަމަށް އަލްޖަޒީރާ ބުނެ އެވެ. އަދި ޙޫޘީ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަންގެ ރިޔާސީ ގަނޑުވަރާއި ޔަމަން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ޔަމަން ސިފައިންގެ ގިނަ އަދަދެއްގެ މަރުކަޒުތަކާއި ސަންއާގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ބޮޑުބައެއް ވެސް މި ޙަމަލާތަކުގައި ހަލާކުކޮށްލާފައިވާ ކަމަށް އަލްޖަޒީރާ ބުނެއެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު