އަދުލުއިންސާފަށް ގޮވާލި ހުތުބާ: ހެކި ވަންހަނާނުުކޮށް، ރިޝްވަތުން ދުރުވުމަށް ގޮވާލައިފި

ޖަމާއަތުގައި ކުރި ނަމާދަކަށް ޖުމްހޫރީ މައިދާން ވެސް ފުރިފައި-- ސަން ފައިލް ފޮޓޯ

ޝަރީއަތުގެ މަޖިލިސްތަކުގައި ހެކި ވަންހަނާ ނުކުރުމަށާއި ރިޝްވަތުގެ ނުބައި އަމަލުން ޝަރީއަތްތަކަށް ހުރަސް ނޭޅުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

އަދުލު އިންސާފުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާފައިވާ ހުކުރު ހުތުބާގައި ބުނެފައި ވަނީ އިސްލާމް ދީނުގައި ހެކި ބަސް ދިނުމަށް ގޮވާލާ ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި ހައްގު ހޯދުމަށް ޓަކައި ލިބިގެންވާ އެންމެ މުހިއްމު އެއް ވަސީލަތަކީ ހެކި ބަސް ކަމަށެވެ.

"މިި ބިމުގައި" އަދުލު އިންސާފު ގާއިމް ކުރުމަށް ގޮވާލާފައިވާ ހުތުބާގައި ބުނެފައި ވަނީ އަދުލު އިންސާފަކީ ވެރިކަމެއްގެ އަސާސު ކަމަށެވެ. ގައުމެއްގެ ތަހުޒީބާއި ރަށްވެހިކަން އާރާސްތު ކުރެވޭނީ އަދުލު އިންސާފުން ކަމަށާއި އަދި ހަމަ އެއާ އެކު ގައުމެއްގެ ސުލުހަ މަސަލަސްކަން ގާއިމް ކުރެވޭނީ ވެސް އަދުލު އިންސާފު އެ ބިމެއްގައި ގާއިމް ވެގެން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

އިމާމު މިއަދު ހުކުރު ހުތުބާ ދެއްވަނީ --

"އަދުލުވެރި ޝަރުއީ ނިޒާމަކީ ގައުމު ނުރައްކާތެރި އާފާތްތަކުންނާއި ކާރިސާތަކުން ހިމާޔަތްކޮށްދޭ ބާރުގަދަ އަށްޑަނައެކެވެ. އެއީ ގައުމު ކުރިއެރުވުމަށް ޓަކައި ބޭނުންވާ ހަކަތަ ވެސް މެ އެވެ. އެހެނީ އިޖުތިމާއީ ހަޔާތުގެ މައި ނާރަކީ އަދުލު އިންސާފާ މިނިވަންކަމާއި އިންސާނީ ކަރާމާތެވެ. އަދުލުވެރި ޝަރުއީ ނިޒާމެއް ނެތްނަމަ ތަނުގައި އޮންނާނީ ގަޑުބަޑު ކަމެވެ. ފެތުރިފައި އޮންނާނީ ބިރުވެރިކަމާ ނާމާން ކަމެވެ. ހައްގުތައް އޮންނާނީ ގެއްލިފައި އެވެ،" ހުތުބާގައިވެ އެވެ.

އިސްލާމްދީނުގައި އަދުލު އިންސާފަކީ އެއަށް އެއްވެސް މީހަކު އެއްވެސް ގޮަތަކަށް ހުރަސް އަޅަން މަސައްކަތް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ތިމާގެ ދުޝްމަނަކަށް ވިއަސް އަދި ތިމާ ނުދަންނަ މީހަކަށް ވީ ކަމުގައި ވިއަސް އިންސާފު ވެރިވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

"ގާޒީންނަށް ރިޝްވަތު ދީގެން ނުވަތަ ހަދިޔާ ބަދިޔާ ދީގެން އިންސާވެރި ނިޔާތައް އިއްވުމަށް ހުރަސް އަޅަން މަސައްކަތް ކުރުމަކީ އިސްލާމްދީން ހަރާމް ކުރާ ކަމެކެވެ. ރިޝްވަތަކީ ވަރަށް ނުބައި ބައްޔެކެވެ. އަދި ކީއްތޯ އެވެ؟ އެއީ ވަބާއެކެވެ. މި ވަބާގެ ސަބަބުން މުޖުތަމައުގެ އަމާންކަމާ ސުލްހަވެރިކަން ގެއްލި މުޖުތަމައުގައި ހަސަދަވެރިކަމާ ނީހަ ފެތުރިގެން ދެ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

އިސްލާމީ ޝަރީއަތުގައި ކޮންމެ ދައުވާއަކަށް ވެސް ހެއްކާއި ދަލީލު ބޭނުންވާނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި އެއްވެސް ދަލީލެއްނެތި އުފުލޭ ދައުވާއަކަށް ނިޔާއެއް ނީއްވޭނެ ކަމަށާއި ދަލީލެއްނެތި ދައުވާތަކަށް ނިޔާ އިއްވެން ފަށައިފި ނަމަ މީސްތަކުން މުދަލަށާއި އަބުރަށް އަރައިގަންނަން ފަށާފާނެ ކަމަށް ހުތުބުގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނެފައި ވަނީ ކުރެވޭ ދައުވާތައް ސާބިތު ކުރުމަށް މަސްލަހަތަށް ބަލައި ފައިސިލާ ކުރާ ފަރާތަކީ ގާޒީ ކަމަށެވެ. ގާޒީގެ ކިބައިގައި ހުންނަ ޖެހޭ އަސާސީ ޝަރުތަކީ އަދުލުވެރިވުން ކަމަށާއި ދެ ހަސްމުންގެ އަޑު ރަނގަޅަށް އަހައި ދެ ފަރާތުގެ ވާހަކަތައް ރަނގަޅަށް ބަލަން ގާޒީއަށް ގޮވާލަނީ ވެސް އޭނާގެ އަދުލުވެރިކަން ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް