ކާރުތަކުގައި ރޯކޮށް، ފިހާރަތައް ތަޅާލި ބަޔަކު އަދި ނޭނގޭ: ފުލުހުން

ސަލްޓަން ޕާކް ކައިރީގައި ޕާކު ކޮށްފައި އޮތް ތިން ވެހިކަލް: ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖީދީ މަގުގައި ހުރި ބައެއް ފިހާރަތަކުގެ ބިއްލޫރި ގަނޑުތައް ތަޅާލައި ސަލްޓަން ޕާކު ކައިރީ، ލިލީ މަގުގައި ޕާކުކޮށްފައިކޮށްފައި އޮތް ތިން ވެހިކަލެއްގައި ރޯކޮށްލި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މާލެ ތެރޭގައި ހިނގާ ދިޔަ ކަންތައްތަކާ ގުޅޭ ގޮތުން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި އެކަންތައް ކުރި ބަޔަކު ވެސް ނޭނގޭ ކަމަށެވެ.

ރޭ ގާތްގަނޑަކަށް އެކެއް ޖަހާކަށް ހާއިރު ލިލީމަގުގައި ޕާކްކޮށްފައި އޮތް ތިން ވެހިކަލެއްގައި ވަނީ ރޯކޮށްލާފައި އެވެ. އެ ވެހިކަލްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ.

އަދި ހަމައެއާއެކު ރޭ ވަނީ މަޖީދީ މަގުގައި ހުރި ތިން ފިހާރައެއްގެ ބިއްލޫރި ގަނޑު ތަޅާލާފައި އެވެ.

ރޭ މެންދަމު 12:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައި ބިއްލޫރި ގަނޑު ތަޅައިލާފައިވާ ފިހާރަ ތަކަކީ މަޖީދީ މަގު ޔޫސުފް ބަރްބަރީ މިސްކިތް ކުރިމައްޗަށް ވާގޮތަށް ހުންނަ ކިޑްސްވެއާ އާއި، ޑްރީމްސް ފެބްރިކް ފިހާރައިގެ އިތުރުން ޖަސްޓް ލުކް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް