ދީނާ ފޯނުން ނާއިކް ނަންބަރަށް ޑައިލް ކުރަމުން އަނެއް އަތުން ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފާ ކޮށިކޮށްގެން ދުވެފައި މަގުމައްޗަށް ނިކުތުމާއެކު އެފޯނަށް މެސެޖެއް އައެވެ. ކިޔާލިއިރު އިމާން މެސެޖްކޮށްފައި އޮތީ ހެދުން ބަދަލުކޮށްގެން ބައްދަލު ކުރުމަށެވެ. އޭނާ އެމެސެޖް ކިޔާފައި އިސްއުފުލާލި ގޮތަށް މަގުގެ ދެކޮޅު ހޯދާލުމާއެކު ނާއިކް ނިކުތީ މަގުގެ އަނެއްފަރާތުގައި އޮތް ކަޅު ކާރަކުންނެވެ. ބަލާކަށް ނުހުރެ އެދިމާއަށް ދާން ހިނގައިގަތްއިރު ވައިގަދަ ކަމުން މަގުގައި ހުރިއްޔާ ހުރި ހިކި ފަތަކާއި އެފަދަ ލުއި އެންމެހާ އެއްޗެއް މަތީގައި އުދުހެން ފެށިއެވެ. މަތިން ވިދުވަރުގެ އައްޔާއި ދުރުން ގުގުރީގެ އަޑު އައީ ތޫފާން އައުމުގެ ކުރިން ދިން އިންޒާރެއް ފަދައިންނެވެ. އެކަމަކު ދީނާގެ ފިޔަވަޅުތަކަށް މިއިން އެއްވެސް ކަމަކުން އަސަރެއް ނުކުރިއެވެ. ސިހޭގޮތްވެގެން މަޑު ޖެހިލާފައިވެސް އޭނާ ދިޔައީ ހައްތަހާ ކުރިއަށެވެ. ތޫފާނުގެ ބިރަށްވުރެ ބޮޑަށް އޭނާގެ ހިތުގައި ނާއިކް އާ ބައްދަލު ކުރުމުގެ އެދުން ބޮޑެވެ.

"ނިކް؟...ނިކް ކޮންތާކު އުޅެފަ ތިއައީ؟ ކީއްވެ އެއްފަހަރުވެސް އަހަރެން ކުރިމައްޗަށް ނައީ؟ އެނގޭތަ އަހަރެން ބިރުގަތްވަރު؟ ނިކްއަކަށް އިހްސާސެއް ނުކުރެވޭނެ އަހަރެންގެ ހިތަށް ކުރި އަސަރެއް. ރުއި ރުއިމެއް. އަހަރެން ހީކުރީ ދެން ދުވަހަކުވެސް ބައްދަލެއް ނުވާނެ ކަމަށް. އެންމެފަހުން ތިގެއަށްވެސް ދިޔައިން.." ދިޔަބާރުމިނުގައި ކޮންޓްރޯލް ނުވެގެން ނާއިކްގެ ގައިގައި ލައްވުމާއެކު ދީނާ ޝަކުވާ ކުރަމުން ދެއަތުން ހިފާ ބޮނޑިކޮށްލީ ނާއިކްގެ ޓީޝާޓެވެ. ދެލޮލަށް ޖަމާވި ބޮޑެތި ކަރުނަތަކުން އެސްފިޔަތަކަށް ނުކުޅަދާނަވެގެން ކޯތާފަތްމައްޗަށް ފައިބަން ފެށިއިރު ވަޔާއެކު އައި ބޯކެރީގެ އަމާޒުފަތްގަނޑަކަށް އެދެމީހުން ވެއްޖެއެވެ.

"ޑީ އަހަރެން ޕްރޮމިސް ކުރަން. އައި ވިލް މޭކް އިޓް އަޕް ޓު ޔޫ. އެކަމަކު އޭގެ ކުރިން ހިނގާ އެތެރެއަށް. އިޓްސް ރެއިނިން." ނާއިކް އުޑާއި ދިމާއަށް ނަޒަރެއް ދީފައި ދީނާއަތުގައި ހިފައި ކުއްލިއެއް ޖެހީނުން އެނބުރި ކާރާއި ދިމާއަށް ދުއްވައިގެންފިއެވެ. ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި އޭނާ ކާރުގެ ދޮރުފަތް ހުޅުވާލައިފައި ދީނާ އެތެރެއަށް ގަޅުވާލުމަށްފަހު އަވަހަށް ގޮސް އަނެއްފަރާތުން އަރައި އިށީންދެއްޖެއެވެ. އެހާ އަވަސްކޮށްލީމައިވެސް ނުތެމި ސަލާމަތް ވާވަރެއް ނުވިއެވެ. ނާއިކް ޓިޝޫ ފޮށިން ޓިޝޫއެއް ދަމައިގެންފައި މޫނު ހިއްކަމުން އެނބުރުނުއިރު ދީނާ އިސްޖަހައިގެން އިނީ އަތުގެ އިނގިލިތަކާ ކުޅޭށެވެ. އެމޫނާއި އިސްތަށިގަނޑުގައި ފެންތިކި ހަރުލާފައި ވާއިރު ކާރުތެރެއަށް ވެރިވެފައިވާ ފަނޑު އޮރެންޖް އަލިވެސް ވީ ރީތިކަން އިތުރުކޮށްދިން އެއްޗަކަށެވެ. "ބެލް" ގެ ކޮސްޓިއުމްގައި ގަނޑުވަރެއްގެ ރަނިކަނބަލަކަށް އެންމެ ތަންކޮޅެއްވެސް ދޫ ނުކުރެއެވެ.

"ޑީ؟" ނާއިކް ގޮވައިލުމާއެކު ދީނާ އިސްއުފުލާލިއިރު އަދިވެސް ލޮލުގައި ކަރުނައެވެ. ނާއިކް އޭނާގެ ޝަކުވާތަކަށް ރައްދު ނުދޭހާ ހިނދަކު ހަމަޖެހުމެއް ނެތެވެ. ކުޑަމިނުން ވެގެން އުޅޭ ގޮތްވެސް އޮޅުންފިލުވަދޭން ޖެހޭނެ ނޫން ހެއްޔެވެ؟ އެވަގުތު ނާއިކް ބަލަން އިނދެލާފައި ކުޑަކޮށް ކައިރިވެލައި އަތުގައި އޮތް ޓިޝޫއިން މޫނު ހިއްކަދޭން ފެށުމުން ދީނާގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފު ބާރު މިނެއްގައެވެ. ހިތާމައިގެ މައްޗަށް ލަދުވެތިކަން ވެރިވެގަތުމުން އެސްފިޔަތައް ތިރިކޮށްލަން މަޖުބޫރުވިއެވެ. "އަހަރެން ބުނީމެއްނު އަހަރެން ކުރިމަތީ އިސްނުޖަހަން." ނާއިކް ހަނދާންކޮށްދިން އަޑަށް ދީނާ ބަލައިލިއިރު އެމޫނު ފެނުނީ އެންމެގާތުންނެވެ. ހޫނު ނޭވާތައް މޫނަށް އެޅެން ފެށިއިރު އުނގުމަތީ އޮތް އަތްތިލަ ނާއިކްގެ މުށުތެރޭ ފިތިގެން ދިޔައެވެ. އިތުރަށް އެނޭވާގެ މީރުކަން އިހްސާސްކޮށްލަ ދީފައި ނާއިކް ދުރުވެލިއިރު ދީނާއަށް އިނދެވުނީ ލޯމަރާލައިގެންނެވެ. ކައިރީގައި އަލިފާންގަނޑެއް އަނދައަނދާ ހުރިނަމަވެސް މޫނަށް ރަތް ކުލަ އަރާނީ އެވަރަކަށެވެ. ވާނީވެސް އެހެންނެވެ. ހަޔާތުގައި ފިރިހެނެއްގެ ފަރާތުން ލިބުނު ފުރަތަމަ ހަދިޔާއެވެ. އަދި އެވެސް ލޯބިވެރިޔާގެ ފުށުންނެވެ.

"އަހަންނަށް ޓްރަސްޓް ކުރަންތަ؟" އިރުކޮޅަކުން ނާއިކް ވާހަކަދެއްކި އަޑަށް ދީނާއަށް ލޯ ހުޅުވައިލެވިއްޖެއެވެ. ހަތަރުކަޅި ހަމަކޮށްލާފައި އޭނާ ބޯ ޖަހައިލުމުން ނާއިކްގެ ތުންފަތަށް ވެރިވެގެން އައި ފުން ހިނިތުންވުމާއެކު ކާރު ސްޓާޓްކޮށްލައިފިއެވެ. ތެޅި ތެޅި އޮތް ހިތް ހަމައަކަށް އެޅުމުގެ މަސައްކަތުގައި ދީނާ އިނީ ދަތުރު ނިމެންދެން އެމޫނަށް ބަލާށެވެ. އޭނާއަށް ހީވެފައި ވަނީ އެމޫނުން ނަޒަރު ވަކިވެއްޖެނަމަ އެއީ ބިލާހަކަށް ވެގެން ހުވަފެނުން ހޭލެވިދާނެ ކަމަށެވެ. އިރުގަނޑެއް ފަހުން ނާއިކް ކާރު މަޑު ކުރުމުން ބަލާލިއިރު އެއީ ގެ ހުންނަ ސަރަހައްދެވެ. ފައިބާފައި ދީނާއަށް ހުރެވުނީ ފުރަތަމަ ގެއާ ދިމާއަށް ބަލާށެވެ. ނާއިކް އަތުގައި ހިފާ ދަމާލުމުން ދުވެލާފައި ދެމީހުން ގޯޅިގަނޑު ކަޑައްތުކޮށް ވަންއިރު ކުރިއަށްވުރެ ބޮޑަށް ވާރޭގެ އަސަރުކޮށްފިއެވެ.

"ދެން ލޯމަރާ!" ދޮރާއި ހަމައިން ނާއިކް އެދުނެވެ. ދީނާ ލޯ ބޮޑުކޮށްލާފައި ބަލައިލުމުން ނާއިކް ހީލައިފައި ފުރަގަހުގައި ހުއްޓި ލޯމަތީ އެއްއަތުން ހިފަހައްޓާލައިފިއެވެ. ދޮރު ހުޅުވިގެން ދިޔަ އަޑާއެކު ކުދި ފިޔަވަޅުތަކެއްގައި ވަންއިރު ނޭފަތުގައި ހަރުލީ ހިތްގައިމު ވަހެކެވެ. ދެން އިވުނީ ފަހަތުން ދޮރު ލެއްޕި އަޑެވެ. ނާއިކް އަތް ދުރަށް ލުމާއެކު ނުވެސް ބުނަނީސް ދީނާ ލޯ ހުޅުވައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ހުރީ އަނގަމަތީ އަތް އަޅާލައިގެންނެވެ. ނާއިކްގެ އެޕާޓްމެންޓް އޮތީ އުއްބައްތީގެ ރަތް އަލީން ޖަރީ ކުރެވިފައެވެ. ސޯފާތަކުގެ މެދުގައި ހުރި ކުޑަ މޭޒުމަތީ ރަތް ފިނިފެންމާ ބޮނޑިއަކާއި ޕާރސަލެއް އޮތްއިރު ކުޑަތަންކޮޅެއް ދުރުން ކާ މޭޒުމަތީ ހުރީ ކެއުން ތައްޔާރަށެވެ.

"ދީނާ އެމެސެޖް ކުރީ. ޑްރާމާ ނިންމާފަ އެކުވެރިންތައް ޤުރޫޕް ހަދާފަ މިތާގަޔޯ ކަނީ. އެމީހުންނާއެކު ގެއަށް ދެވިދާނެއޯ. އޭނަ ނިމިގެން އަންނާނެއެއްނު. ހިނގާ އަހަރުމެން ދެން ގެއަށް ދާން. މާ ލަސްވެއްޖެއްޔާ އަކްޔަން ރޯން ފަށާފާނެ." ފޯނުގައި އޮތް މެސެޖް ކިޔާލައިފައި ޖަނާ ވާހަކަ ދެއްކީ ކައިރީގައި އަކްޔަން އުރާލައިގެން އިން ޝަރުމީލާއާއެވެ. އުދަނގުލުން އެންމެ ޓެކްސީއެއް ލިބުމުން ދެމައިން ދިޔައީ ފުރަތަމަ ޖަނާގެ އެޕާޓްމެންޓަށެވެ. މަންމަ ފޮނުވާލައިފައި ޖަނާ އަކްޔަން ނިންދަވާފައި ފޯނު ހިފައިގެން ނިކުމެ އިނީ ސިޓިންރޫމްގައެވެ. ބައެއްފަހަރު ގުގުރާލުމުން އޭނާ ސިހެއެވެ. ވިދުވަރުގެ އަލީން ތަން އަލިކޮށްލާއިރު ހިތް އަވަސް ވެއެވެ. އެހެން އިނދެގެން އޭނާ ދީނާއާމެދުވެސް ކަންބޮޑުވާން ފެށިއެވެ. ވިއްސާރައިގެ ސަބަބުން ދީނާއަށް ޓެކްސީއެއް ނުލިބި ލަސްވާނަމަ ޒަލަފްއަށް ގުޅައިގެން ކާރުގައި ދީނާ ބަލައިދާން ހިޔާލު ކުރިއެވެ.

ކެއުމުގެ ވަގުތުގައި ނާއިކް މަޢާފަށް އެދިފައި ކަންވީ ގޮތް އޮޅުންފިލުވައިދިނެވެ. އޭނާ އާއިލީ ކަމަކު ކުއްލިއަކަށް ފުރައިގެން ދާން ޖެހުމުން އަންގާލާނެ ވަގުތު ނުވީއެވެ. ދީނާ ރަކިވެފައި އިނދެގެން އެހީ ޕީނަޓްގެ ކަންތަކާ އަދިވެސް ހިތްހަމަ ނުޖެހިފައި ހުރިތޯއެވެ. ނާއިކް ހިނިތުންވެފައި ދެފަރާތަށް ބޯ ހޫރާލުމުން ހިތް އުފަލުން ފޮޅުނެވެ. ދެން ދުވަހަކުވެސް ނާއިކް ނުރުހޭ ކަމެއް ނުކުރަން އަޒުމް ކަނޑައެޅިއެވެ. މިފަހަރު ވީފަދަ ގޮތެއް ދެވަނަ ފަހަރު ތަހައްމަލު ކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ.

"ކިހިނެތްވީ؟" ކައި ނިމިގެން ނާއިކް ތަށިތައް ސިންކަށް ލާފައި އައިއިރު ދީނާ ފޯނަށް ބަލަން ކުޑަދޮރު ކައިރީ ހުރުމުން ސުވާލު ކުރިއެވެ. "ދޮންތަ އެ މެސެޖް ކުރީ. ޓެކްސީއެއް ނުލިބުނިއްޔާ އަންގާށޯ." ބިއްލޫރިގަނޑުގައި ބީހެމުންދިޔަ ވާރޭތިކިތަކަށް ބަލަން ހުރެފައި ދީނާ އެނބުރިލަން އުޅެނިކޮށް ނާއިކް ފަހަތުން ބައްދާލުމުން ސިއްސައިގެންދިޔައެވެ. އުނަގަނޑުގައި އެބާރުގަދަ ދެއަތުން ހިފާ ފިތާލުމުން ނާރުތަކުގައި ދަތުރުކޮށްލި ކަރަންޓާއެކު އިތުރަށް ހަލަބޮލި ކޮށްލީ ކޮނޑުގައި ބީއްސައިލި ތުންފަތެވެ. އިސާހިތަކު ނޭވާ ހިފަހައްޓާލެވިއްޖެއެވެ. "މްމްމް...ހާދަ މީރުވަސްދުވައޭ. ކާލާހިތްވަނީ..." މަސްތީ އަޑަކުން އެބަސްކޮޅު އިއްވައިލާފައި ކަންފަތުގައި ދަތް އަޅައިލުމުން ހީލިކަރުވައިގަތްވަރުން ލޯލިތައް ކޮޅަށް ހިއްލުނެވެ. އެވަގުތު ތެޅިގަނެފައިވެސް ދީނާއަށް ދުރަކަށް ނުދެވުނެވެ. ނާއިކް ހުރީ އަދިވެސް އޭނާ ވަށާލައިގެންނެވެ. އެރީތި ތުންފަތުން އޭނާގެ ކަނދުރާގައި ބޮސްދެމުން ނޭވާ ފުން ކުރުވާފައި ޖަޒުބާތުގައި ފޯކޮށްލައިފިއެވެ. ބަސް ބުނަން އުޅެފައިވެސް ތިރީ ތުންފަތުގައި ދަތް އަޅާލުން ނޫންކަމެއް ދީނާއަކަށް ނުކުރެވުނެވެ. ނާއިކް ހެދިހާ ގޮތަކަށް ކިޔަމަންވެގެން ހުރި އޭނާގެ އަޅެކޭ ދީނާއެކޭ އެއްފަދައެވެ.

*****

ސޯފާގައި ޓީވީ ބަލަން އޮވެގެން ނިދިފައި އިރުގަނޑެއް ފަހުން ޖަނާއަށް ހޭލެވުނީ ގުގުރައިގަތް އަޑަށެވެ. ހަމަ ލޯ ހުޅުވާލެވުނު ހެނެއް ހިއެއްނުވެ ބަލާލެވުނީ ފޯނަށެވެ. ދީނާގެ މިސްކޯލެއް ނެތްތާނގައި މެސެޖެއްވެސް ނެތެވެ. އަނެއްކާ ދީނާ ގެއަށް އައީ ނޫންބާވައެވެ؟ ޖަނާ އަވަހަށް ތެދުވެގެން ގޮސް ކޮއްކޮގެ ކޮޓަރި ބަލާލައިފައި ޝޮކެއް ލިބުނެވެ. އެގާރަ ޖެހިއިރު ދީނާ ނައިސް ކުރަނީ ކީއް ހެއްޔެވެ؟ އެހާ ފިނީގައިވެސް ދާހިއްލާ ލުމުން ނިއްކުރީ އަތް ހާކާލައިފައި އަވަހަށް ކޮއްކޮގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

ފޯނު އަޑު ދީނާއަށް އިވުނީ ނިދެމުން ދަނިކޮށެވެ. އަވަހަށް ފުންމައިގެން ތެދުވެފައި ވަށައިގެން ހޯދައިލެވުނީ ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިންނެވެ. ކައިރީގައި ނާއިކް އޮތީ ފުން ނިދީގައެވެ. އެވަގުތު ސްކްރީނަށް އަރާފައިވާ ދޮންތަގެ ނަން ފެނުމުން ބިރުން ތުރު ތުރު އަޅައިލިއެވެ. ދޮންތަ އެގުޅަނީ ކަމެއް އެނގިގެންބާވައޭ ހިތަށް އަރާފައި ދާހިއްލާ ފޯވިއެވެ. ބިރުން ހުރިވަރުން ނާއިކްއަށް ނުވެސް ގޮވާ އޭނާ ބެލީ އެތަނުން ނިކުމެގެން ދެވޭތޯއެވެ. ގެއަށް ދިޔައިރު ޖަނާ ހުރީ ރުޅިގަދަ ވެފައެވެ. ލައިގެން ހުރެވުނު ހެދުމާމެދު ވިސްނައިލަން ދިނާއަށް އެނގުނީ ޖަނާ ސުވާލު ކުރީމައެވެ. ސަލާމަތްވާން އެތައް ދޮގެއް ހަދަން ޖެހުނެވެ. އެވަރުންވެސް ކަމެއް އޮޅުންފިލިއަކަ ނުދެއެވެ. ނިދަން ވަދެފައި ބާލީހުގައި ބައްދާލައިގެން އޮވެ ލޯމަރާލުމުން ސިކުނޑި ވަށައިލީ އަނެއްކާވެސް ނާއިކްގެ ހަނދާންތަކެވެ. އޭނާ ހައިރާންވެފައި އޮވެގެން ވިސްނީ ނާއިކް ދެއްކި ވާހަކަތަކާ މެދުގައެވެ. އެހާ އިޝްޤީކޮށް އުޅެފައި ކުއްލިއަކަށް މޫޑުބަދަލުވެ އޭނާ ދުރަށް ވިއްސައިލި ގޮތެވެ. ދީނާއަށް އެވަގުތު އުޅަބޮށީގައި ފިރުމާލެވުނެވެ. ތަދުވެސް ވެއެވެ. ބޭހެއް އުނގުޅަން ޖެހެންޏާ އެނގޭނީ މާދަން ތެދުވާއިރު ހުންނަ ގޮތަކުންނެވެ.

ނާއިކްއަށް ނިދެންދެން ދެމީހުން ތިބީ އެކަކު އަނެކަކަށް ކުރިމަތިލައިގެން ނިދާ އެނދުގައެވެ. ލޯބިވެރިޔާ ކިޔައިދިން ވާހަކަތަކުން އެތައް ފަހަރު ދީނާގެ ހިތް ހަލާކުވިއެވެ. ހަމްދަރްދީން އެހިތް ފުރި ބައެއްފަހަރު ރުޅި އައިސްގެން ހަލާކުވިއެވެ. ފެންނަ ފެނުމަށް ނޭނގޭ ކިތައް ކަންތައް މީސްމީހުންގެ ހަޔާތާއި ގުޅިފައިވާނެ ހެއްޔެވެ؟ ގައިމުވެސް ނާއިކްކަހަލަ ރީތި ޒުވާނަކުދެކެ ލޯބިނުވާނީ ކޮންކަހަލަ ހިތެއް ނެތް އަންހެން ކުއްޖެއް ހެއްޔެވެ؟ ފިރިމީހާއަށް ފުރަގަސްދީފައި އެހިތުން އެހެން މީހަކަށް ޖާގަ ދޭނީ ހާދަ ނުބައި އަންހެނެކެވެ. އެވަރުން ނުވެގެން ތުއްތު ދަރިފުޅާވެސް ދުރުކޮށްލީއެވެ.

ސުކޫލަށް ގޮސް އިމާން ދިމާވެގެން ދީނާ ހުރީ ދައްކާނެ ބަހަނާއެއް ނޭނގިފައެވެ. ދޮންތައަށް ދޮގު ހެދި ފަދައިން އެންމެ ފަހުން އިމާންއަށްވެސް އިތުރު ދޮގެއް ހަދާފައި އޭނާ ބެލީ ދުރަށް ދެވޭތޯއެވެ. ނާއިކް އައުމުން އިމާންއަށް އޮތް ޝައުޤުވެރިކަން މުޅިން ގެއްލިއްޖެއެވެ. ދެވަނަ ފަހަރަށް ބައްދަލު ކުރަން އެދުމުން އޭނާ އެކަމަކަށްވެސް އެއްބަހެއް ނުވިއެވެ.

*****

އަކްޔަން ސުކޫލުން އައިސް މާ ހިމޭނުން އިނދެފައި ބައްޕަގެ ވާހަކަ އެހުމުން ޖަނާ ދިޔައީ ސިއްސައިގެންނެވެ. އަކްޔަން ތުއްތު އަޑުން ބުނީ ކުލާހުގައި އުޅޭ ކުއްޖެއްގެ ދެބައްޕަ ހުންނައިރު އަކްޔަންގެ ބައްޕަ ކައިރީގައި ނޫޅޭ ވާހަކައެވެ. ދަރިފުޅުގެ އެވާހަކައިން ޖަނާ އިނީ ބަސް ހުސްވެފައެވެ. ބައްޕަ އަންނާނެއޭ ބުނެ ދޮގު ހުވަފެންތަކެއް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި އަކްޔަންއަށް ދެވަނަ ބައްޕައެއް ހޯދައި ދިނުމަކީ އޭނާ ވިސްނާފައިވެސް ނެތް ކަމެކެވެ. ޒަލަފް ގުޅީ އޭނާ އެކަމާއި ވިސްނަން އެކަނި އިންދައެވެ. ހަވީރު ސަޔަށް އެގެއަށް ދާން ދައުވަތު ދިނުމުން ޖަނާ ކަންބޮޑުވިއެވެ. ބަހަނާ ދައްކަން އުޅެގެން ޒަލަފް އެފުރުސަތެއް ނުދިނެވެ. އެންމެފަހުން އެއްބަސްވެގެން ހަވީރު ގަޑިއަށް ދެމައިން ތައްޔާރުވިއެވެ.

ޒަލަފް ބަލާ އައުމުން ކާރުގައި އެގެއަށް ދިޔަ މަގުމަތީ އަކްޔަން ހުއްޓާނުލާ އެކި އެކި ވާހަކަދެއްކިއެވެ. ޖަނާ ފަހަތުގައި އިންއިރު ޒަލަފްއާ އަކްޔަންގެ ގާތްކަން ފެނިގެން ތަފާތު އެތަކެއް އިހްސާސް ކުރެވުނެވެ. ފަސް އަހަރުތެރޭ ލައިލަކް ވިއުއަށް ވެސް ހުރީ ބޮޑެތި ބަދަލުތައް އައިއްސައެވެ. ކުރިން ބަގީޗާ އޮތް ހިސާބުގައިވެސް މިހާރު އިތުރު އިމާރާތެއް ހުއްޓެވެ. ޖަނާމެން ގޭޓުން ވަނީއްސުރެ ނޯކަރުން ހުރީ ފަހަތު އަޅުވާލައިފައެވެ. މައިދޮރާއި ހަމައިން ނާސިހާ އާއި ޒީކް ބައްދަލު ކުރިއިރު ހުރިހާ ދަތެއް އެކުއެކީ ފެނިލިއެވެ. އަކްޔަން، އަތްދިގު ކަޅު ގަމީހާ ޖިންސްގައި ރީތިކަމުން އެންމެންގެ ނަޒަރު ހުރީ އެމޫނަށެވެ.

އަންހެންވެރިން ސޯފާތަކުގައި އަނގަތަޅާލަން ބައިތިއްބާފައި ޒަލަފް އަކްޔަން ކޮނޑަށް ލައިގެން ދިޔައިރު ކޮންމެ ލޮލެއްގައި އެމަންޒަރު އަޅައިގަތެވެ. ޚުދު ޖަނާއަށްވެސް އިނދެވުނީ އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްނުލެވިފައެވެ.

"ޖަނާދެން އެހެންމީހަކާ ނީންނަނީތަ؟" ޒީކް ކޮށްލި ސުވާލަކުން ޖަނާގެ ކުލަ އޮއްސުނެވެ. ނާސިހާ އެވަގުތު ދަރިފުޅަށް ބަލާލައިފައި ހިމޭންވާން އެންގިއިރު ޖަނާއަށް އިނދެވުނީ އިސްޖަހާލައިގެންނެވެ. އޭނާ ކުރިން ނާސިހާއަށްވެސް ދިން ޖަވާބު ޒީކްއަށްވެސް ދިނެވެ.

ކުޑައިރުކޮޅެއް ފަހުން ނައީމު އައުމުން ސައިމޭޒުދޮށަށް އެންމެން އެންމެން ދިޔައިރު ޒަލަފް ކުއްލިއަކަށް ފަހަތުން އައިސް އަތުގައި ހިފާލުމުން ޖަނާ ސިހުނެވެ. އޭނާ ހާސްވެފައި ކުރީގައި ތިބި މީހުންތަކަށް ބަލައިލާއިރަށް ޒަލަފް އެއަތަށް ދަމާފައި ގެންގޮސް ތަނބެއްގެ ފުރަގަހުގައި މަޑުކުރުވައިފިއެވެ. "ޒަލަފް؟ ކީއްކުރަން ތިއުޅެނީ؟" ކަންބޮޑުވިވަރުން ޖަނާގެ އަޑު ކުރެހުނެވެ. "އަހަރެން ކުޑަ ވޯނިންއެއް ދޭން މިގެނައީ. ސައިމޭޒު ދޮށުގައި އިނދެފައި އަހަރެން ބުނާ ވާހަކައަކުން މާބޮޑަށް ސިހިދާނެތީ ކުރީބައިގައި އަންގާލީ." ޒަލަފް އެއްލޯ މަރާލައިފައި ކުރީގައި ގޮސް ގެއްލިއްޖެއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޖަނާ ފަހަތުން ގޮސް ވަންއިރު އަކްޔަން އިނީ ޒީކް ކައިރީގައެވެ. ޖަނާ އިށީންދެލީ ޒަލަފްގެ ކައިރީ ހުހަށް ހުރި ހަމައެކަނި ގޮނޑީގައެވެ. ނައީމުގެ މޫނުން މާ އުފާވެރި ކުލައެއް ނުފެނުނު ނަމަވެސް ޖަނާގެ ހާލު އަހުވާލު އަހައި އަކްޔަން ބައްޕައާ ބެހޭގޮތުން ސުވާލު ކުރިއެވެ. ނަސީބަކުން އެސުވާލަށް ނާސިހާ ޖަވާބު ދިނުމުން ޖަނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އަކްޔަން ބީރަތްޓެހިވެފައި އިންދާ ޒަލަފް ބައެއް ސުވާލު ކުރުމުން ދިން ޖަވާބުތަކުން ނައީމުގެ ތުންފަތަށްވެސް ހިނިތުންވުން ވެރިވިތަން ފެނުނެވެ.

"ބައްޕާ! މަންމާ! އަހަރެން މިއަދު ޖަނާ މިގެއަށް މިގެނައީ މުހިންމު ވާހަކައެއް ބުނަން." ސައިން ނިމެން ކައިރިވެފައި ހުއްޓާ ޒަލަފް ފެށިއެވެ. ޖަނާ އަނގައިގައި އޮތް ކާއެތިކޮޅު ކުއްލިއަކަށް ދިރުވާލައިފައި ޒަލަފް މޫނަށް ބަލައިލެވުނެވެ. ދެންތިބި މީހުންވެސް ޒަލަފްގެ ވާހަކައަށް ސަމާލުވެގެން އެމޫނަށް ނަޒަރު ހުއްޓާލައިފިއެވެ. "އަހަރެން ބޭނުން ޖަނާއާ ކައިވެނި ކުރަން." ޒަލަފްގެ ޖުމްލައާއެކު އެތަނުގައި ބޮމެއް ގޮވިކަހަލައެވެ. ކޮންމެ މޫނަކަށް ކަޅު ދެލިތައް ބުރައިގެން ދިޔައިރު ނައީމުގެ ހާލު ވަކިން ބޮޑެވެ. އޭނާ ފުންމައިގެން ތެދުވެ ހުރީ ކޮޅަށެވެ. އަކްޔަން އިނުމުން ރުޅި ކޮންޓްރޯލް ކުރަން ނިތުގައި ހިފާލައިފައި ތިރިކޮށްލިއިރު ލޮލުން ބުރައިލި އަލިފާންކަނިތައް އެންމެނަށް ފެނުނެވެ. "ސޮރީ ޖާން. ޖާންގެ ހުއްދަވެސް ނުހޯދާ ޖާން ދެކޭގޮތްވެސް ނުބަލާ އަހަރެން މިވާހަކަ މިހިސާބަށް މިގެނައީ. އެކަމަކު އަހަރެން މިހެން ކަންތައް ކުރީ ޖާންއަށް އަހަރެންގެ މަޤްސަދު ސާފުކަން އަންގައިދޭން. އަހަރެންގެ ހަޔާތުން އެންމެ މުހިންމު އަހަރެން އެންމެ އިޚުތިރާމް ކުރާ މީހުންގެ ކުރިމަތީ އިނދެ މިއަހަނީ ޖާން އަހަންނާ މެރީކުރާނަންތަ؟" ޒަލަފް ޖެހިލުމެއްނެތި ވާހަކަ ފަށާފައި އަތުގައި ހިފައިލުމުން ޖަނާ އަތް ފޮޅުވައިލާފައި އިސްޖަހައިލީ ނައީމުދެކެ ބިރުންނެވެ. އޭނާ ބޭނުންވިއަސް އެތާ އެމީހުން ކުރިމަތީ ތެދު ޖަވާބެއް ނުދެވޭނެއެވެ. އަދި އެއީ އެގޮތަށް ކުއްލިއަކަށް ދެވޭނެ ޖަވާބެއްވެސް ނޫނެވެ. ފުރަތަމަ އަމިއްލަ ހިތާއި ސުވާލު ކުރަން ޖެހެއެވެ. ގޮތެއް ނިންމާނީ އަދި އޭގެ ފަހުންނެވެ.

"އަކްޔަން ހިނގާ ދާން." ޖަނާ ހަދާނެގޮތެއް ނޭނގިގެން ތެދުވެފައި ބުނެލިއެވެ. އެވަގުތު ނާސިހާ އޭނާ ކައިރީ ޒަލަފްއަށް ޖަވާބެއް ދޭން އެދުމުން ނައީމުވެސް ހައިރާންވިއެވެ. ނާސިހާގެ އެހިތްވަރު ހުރެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާ ދެކޭ ގޮތް އެއްކޮޅުގައި އޮތްވާ މަޝްވަރާއެއްވެސް ނެތި ޒަލަފްއާ އެއްކޮޅަށް ޖެހުނީއެވެ.

"މާފުކުރޭ. އަހަންނަށް އެހާ ފަސޭހައެއް ނޫން ކުއްލިއަކަށް ޖަވާބު ދޭކަށް. މިތާ މިއެންމެންތެރޭ އިނދެ ތެދު ޖަވާބެއް ނުދެވުމަކީވެސް އެކަށީގެންވާ ކަމެއް." ޖަނާ ގޮނޑި ދުރުކޮށްލާފައި ގޮސް އަކްޔަން ތިރިއަށް ބާލުވައިގެން އެތަނުން ނިކުތެވެ. އަކްޔަން އެވަގުތު ނުދާންވެގެން ދެފައި ވިއްދާލުމުން ނަގައި އުރާލައިގެން ދޮރާއި ހަމައަށް ނުދެވެނީސް ކާކޮޓަރިތެރެއިން ބާރު އަޑުފަތްގަނޑެއް އިވިގެން ދިޔައެވެ. ހީވީ ތަށިތަކެއް ތެޅުނު އަޑު ހެންނެވެ. ޖަނާ ގަންނާކުރެއްވި ބިރުން ހިނގުނު އެންމެ ބާރަކަށް ގޮސް އެގެއިން ނިކުތެވެ.

ހާސްވެފައި ހުރެގެން ޖަނާ ހިޔާރު ކުރީ މަންމަގެއަށް ދާށެވެ. އަކްޔަން ނުރުހުމުގައި ނެރުމުން ބޮޑައި ދައްކާތީ އޭނާ ކައިރިކޮށްލީއެވެ. މަންމަ ދޮރު ހުޅުވުމުން އަކްޔަން ހަވާލުކޮށްފައި ދީނާ ކޮޓަރިއަށް ވަންނަން ދަނިކޮށް މާކިން ވާހަކަދައްކާ އަޑު އިވިގެން އެދިމާއަށް ބަލައިލެވުނެވެ. ދޮރު ނުލެއްޕި ހުރުމުން އޭނާ ގޮސް ކައިރިވެލީއިރު މާކިން ފޯނެއްގައި ހުރެގެން ދެކޮޅަށް ހިނގައެވެ. ދެން ކުއްލިއަކަށް އެފޯނު ކަންފަތާއި ވަކިކޮށްލާފައި ފާރަށް ޖެހިތަން ފެނިފައި ސިއްސައިގެންގޮސް ތޫލިކޮށް ހަޅޭތްލަވައިގަނެވުނެވެ. މާކިން އެނބުރި ބަލާލުމުން ޖަނާ ކަންބޮޑުވެފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ބަލަހައްޓައިގެން ހުއްޓާ އައިގޮތަށް އައިސް މޫނުމައްޗަށް ދޮރު ޖަހާލުމުން ޖަނާއަށް ހީވީ އޭނާގެ މޫނުމަތީ މާކިން އެތިފަހަރެއް ޖެހިހެންނެވެ

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު