ތިން ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިފި

މަޖީދީ މަގުގައި ހުންނަ ޑްރީމްސް ފެބްރިކް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި -- ސަން ފޮޓޯ: އާދަމް ނަޒީރު

މަޖީދީ މަގުގައި ހުރި ތިން ފިހާރައެއްގެ ބިއްލޫރި ގަނޑު ތަޅާލައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، މިރޭ މެންދަމު 12:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުރި ތިން ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ މައުލޫމާތު، ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ބިއްލޫރި ގަނޑު ތަޅާލާފައިވާ ފިހާރަތަކަކީ މަޖީދީ މަގު ޔޫސުފް ބަރްބަރީ މިސްކިތް ކުރިމައްޗަށް ވާގޮތަށް ހުންނަ ކިޑްސްވެއާ އާއި، ޑްރީމްސް ފެބްރިކް ފިހާރައިގެ އިތުރުން ޖަސްޓް ލުކް އެވެ.

މަޖީދީ މަގުގައި ހުންނަ ކިޑްސް ވެއާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި -- ސަން ފޮޓޯ: އާދަމް ނަޒީރު

އޭނާ ވިދާޅުވީ، އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންއަންނަ ކަމަށްވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި މިރޭ ތިން ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު، މިދިޔަ ބުދަ ދުވަހުގެ ރޭ، ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ދިރިއުޅުއްވާ ގ. ހޭޅި ތިރީބައިގައި ހުންނަ ހޭޅި ސްޓޯރުގެ ބިއްލޫރިގަނޑުވެސް ވަނީ ތަޅާފައިފައެވެ.

މި ހާދިސާ ތަކުގެ އިތުރުން މިރޭ ސަލްޓަން ޕާކު ކައިރީ ބާއްވާފައި އޮތް ދެ ކާރަކާއި ވޭނެއްގައި ވެސް ވަނީ ރޯކޮށްލައިފައެވެ.

comment ކޮމެންޓް