ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވައިފި

ހުކުމް އިއްވުމާ އެކު ކާނަލް ނާޒިމް ކޯޓުން ނެރެނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވައިފި އެވެ.

ކްރިމިނަލް ކޯޓުން މިރޭ އިއްވި ހުކުމްގައި ވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައަކީ އޭނާގެ އެއްޗެއްކަން ހެކީންގެ ހެކިބަހުންނާއި ނާޒިމްގެ ކަބަޑުން ފިސްތޯލަ ފެނުނު ކަމަށް ބުނެ ނާޒިމް ދީފައިވާ ބަޔާނަށް ބެލުމުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނާޒިމުގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެއީ ނާޒިމުގެ އެއްޗެއްކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި މިރޭ އިއްވި ހުކުމުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ދިފާއީ ހެކީގެ ގޮތުގައި "ހެކި އުފެއްދުމަށް" ނާޒިމްގެ ވަކީލުން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެމްއެންޑީއެފްގެ ފިސްތޯލައެއް ގެއްލިފައިވާ ކަމަށް ބުނެ ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ ރިޕޯޓުން އެކަން ސާބިތުވާ ކަމަށެވެ. އަދި އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫންކަމަށާއި، އެމްއެންޑީއެފްގެ އެއްވެސް ހަތިޔާރެއް މަދު ނޫންކަން އެމްއެންޑީއެފުން ކޯޓަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހުލާސާ ބަޔާން އިއްވުމަށް މިއަދު ހަވީރު ބޭއްވި ޝަރީއަތުގައި ކޯޓު އަމުރު ހޯދުމަށް ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ނާޒިމްގެ ވަކީލުން ބުނެފައި ވުމުން އެކަމާ ގުޅޭ ގޮތުން ހުކުމުގައި ފާހަގަކޮށްފައި ވަނީ ކޯޓު އަމުރު ފުލުހުންނަށް ދިނުމުގައި ކޯޓުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓް ބަލައި ފާސްކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގަވައިދާ އެއްގޮތަށް ކަމަށް ފުލުހުންގެ ހެކިބަހުން ސާބިވާކަމަށްވެސް ހުކުމް ގައި ވަނީ ބުނެފަ އެވެ.

ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވުމުގެ ކުރިން ފާހަގަ ކުރެވުނު ކަންކަން ބަޔާން ކުރަމުން ގާޒީ ވިދާޅުވީ، ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުގެ ހަތިޔާރު ފެނުނު ކޮޓަރީގައި ދިރިއުޅޭ ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދުގެ މައްޗަށް ދައުވާ ނުކުރުމަކީ ނާޒިމްގެ މައްޗަށް ދައުވާ ސާބިތުވާން ނުޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ޝަރީއަތުގެ މަޖިލިސް ނިންމާލުމަށް ފަހު ނާޒިމް ޝަރީއަތުގެ މަޖިލީހުން ނިކުތުމުގެ ކުރިން ވިދާޅުވީ " ހިތްވަރު ގަދަކުރައްވާ، ހައްގަށް އިންސާފު ލިބޭނެ" ކަމަށެވެ.

comment ކޮމެންޓް