އެމްޑީޕީ ޖޫރިމަނާކުރި މައްސަލަ ޝަރީއަތަށް ހުށަހަޅާނަން: އަލީ ވަހީދު

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު -- ސަން ފައިލް ފޮޓޯ

އެމްޑީޕީ 47،000 ރުފިޔާ އިން ޖޫރިމަނާކުރުން ގަބޫލު ނުކުރައްވާނެ ކަމަށާއި އެ މައްސަލަ ޝަރީއަތަށް ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެ ޕާޓީއާ މެދު ފިޔަވަޅު އަޅާފައި ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އަދި އެއްވެސް ތަހުގީގެއް ކުރުމެއް ނެތި ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިލެކްޝަންސް ކޮމިޝަނަށް ތިޔަބޭފުޅުން ތި ނިންމެވި ޣައިރު ގާނޫނީ ކަންތައްތައް އަޅުގަނޑުމެން ބަލައެއް ނުގަންނާނަމޭ. އަޅުގަނޑުމެން ދާނީ ކޯޓަށޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގެ ތެރެއަށް ގޭންގުތަކުން ވަދެ ކަތިވަޅިން ބިރުދައްކައި ތަކެއްޗަށް ގެއްލުންދޭއިރު އިލެކްޝަންސް ކޮމިޝަނުން އެބޭފުޅުންގެ ޒިންމާ އަދާކުރޭތޯ އަލީ ވަހީދު ވަނީ ސުވާލު އުފައްދާފައެވެ.

"ކޮބައިތޯ އަޅުގަނޑުމެން މުޒާހަރާތަކަށް ނުކުތީމަ ކަތިވަޅިއާއެއްކޮށް އައިސް އަޅުގަނޑުމެންގެ މުޒާހަރާތައް ފުނޑާލައި، އަޅުގަނޑުމެންގެ މީހުންނާ ދިމާލަށް ވަޅި އަނބުރައި، އަޅުގަނޑުމެންގެ ޕިކަޕުތައް ފުނޑާލިއިރު ކޮބައިތޯ ތި އިލެކްޝަންސް ކޮމިޝަން؟ ކޮބައިތޯ ތިޔަބޭފުޅުންގެ ޒިންމާ؟،" އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީއާ އެކު އަދާލަތު ޕާޓީ ވެސް 33،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އަލީ ވަހީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ބޭނުންވާނަމަ އެ ދެ ޕާޓީ އުވާލަންވީ ކަމަށެވެ. އަދި ޕާޓީ އުވާލިޔަސް އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ އެ ދެ ޕާޓީ ޖޫރިމަނާކޮށްފައި ވަނީ މުޒާހަރާތަކުގައި ސިޔާސީ ޕާޓީގެ ގާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ޚިލާފަށް، ފުލުހުންނަށް ހަމަލާ ދިނުމާއި، އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި އަމަލުތަކަށް ގޮވައިލުން ފަދަ އަމަލުތައް ހިންގާފައިވާތީ ކަމަށެވެ.

comment ކޮމެންޓް