ޓީމު ދެއްކި ކުޅުމާމެދު އެއްވެސް މައްސަލައެއް ނެތް: ޕޮޕޯފް

ރާއްޖޭގެ ގައުމީ ޓީމްގެ ހެޑް ކޯޗް ވެލިޒާ ޕޮޕޯވް --- ސަން ފައިލް ފޮޓޯ

މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗުން 2-0 ގެ ނަތީޖާއަކުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވެފައި ވާއިރު، އެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ގައުމީ ޓީމުގެ ހެޑް ކޯޗް ވެލިޒާ ޕޮޕޯފް ބުނެފި އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮޕޯފް ވަނީ، ޓީމު މިފަދަ މެޗަކަށް ތައްޔަރު ނޫން ކަމަށް ބުނެފައެވެ. އަދި މާޒިޔާ އާއި ނިއުރޭޑިއެންޓް ކުޅުނު އޭއެފްސީ މެޗުތަކަށް ފަހު، އެ ކްލަބުތަކުން ގައުމީ ޓީމަށް ނެގި ކުޅުންތެރިންގެ ފިޓްނެސް އެހާ ރަނގަޅު ނޫން ކަމަށް ޕޮޕޯފް ބުންޏެވެ.

"މި މެޗުގައި ފިޒިކަލީ ގޮތުން ބަލާއިރު ދިޔައީ ހަމަ ހީކުރި ގޮތަށް. މެޗުގެ ކުރިންވެސް އަހަރެން އެކަން ފާހަގަ ކުރިން. މެޗުގައި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފިޓްނެސް. އޭއެފްސީ މެޗުތަކަށް ފަހު މާޒިޔާ އާއި ނިއުގެ ކުޅުންތެރިން ތިބީ މި މެޗަށް ތައްޔާރަކަށް ނޫން. ރާއްޖެއާ އަޅައިބަލާއިރު، ތަޖިކިސްތާނު އޮތީ މި މެޗަށް ފިޒިކަލީ ގޮތުން މާ ރަނގަޅަށް ތައްޔާރުވެ،" ޕޮޕޯފް ބުންޏެވެ.

މިރޭގެ މެޗުގައި ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކުޅެފައި ނުވާއިރު، އޭނާގެ އިތުރުން ޓީމުގެ އިތުރު މުހިންމު ކުޅުންތެރިން ތަކަކަށް މިރޭގެ މެޗުގައި ނުކުޅެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު އުނިކަމެއްކަން ކޯޗް ޕޮޕޯފް ވަނީ ފާހަގަ ކޮށްފައެވެ.

"ކޮންމެ ގޮތެއް ވިޔަސް އަޝްފާގާ ނުލައި މި މެޗު ކާމިޔާބު ކުރުން ވާނީ އުނދަގޫ ކަމަކަށް. އޭގެ އިތުރުން ސެންޓޭ އަށްވެސް، އޮއްޕޮ އަށްވެސް މި މެޗުގައި ނުކުޅެވުމަކީ މިރޭ ލަނޑެއް ކާމިޔަބުކުރަން ރާއްޖެއަށް ދިމާވި އެންމެ ބޮޑު ދަތިކަން. ނަމަވެސް ކުޅުންތެރިން ދެއްކީ ހަމަ ވަރަށް ރަނގަޅު ކުޅުމެއް. ރަނގަޅު ދެ ތިން ޗާންސްވެސް ރާއްޖެއިން މެޗުގައި އުފެއްދި،" ޕޮޕޯފް ބުންޏެވެ.

"މި މެޗަށް އަޝްފާގު އަރުވައިގެން ރިސްކެއް ނަގަން އަހަރެން ބޭނުމެއް ނުވި. އޭނާ ރިކަވަރ ވަމުން ދިޔަ ނަމަވެސް، އަދިވެސް ޝޫޓު ކުރުމާއި ސްޕްރިންޓު ކުރަން އޭނާއަށް އުނދަގޫ. އެހެން އެކަން އޮއްވައި އަޝްފާގު ކުޅެން އެރުވުން ވާނީ ވަރަށް ބޮޑު ރިސްކަކަށް."

މިރޭގެ މެޗުން ބަލިވިނަމަވެސް، ޕޮޕޯފް ވަނީ އޭޕްރިލް މަހު ދިވެހި ލީގު ފެށުމުން ޓީމްގެ ފެންވަރު ރަނގަޅުވާނެ ކަމުގެ އުންމީދު ފާޅުކޮށްފައެވެ.

"ތިން ހަތަރު ދުވަސް ތެރޭ ޓީމެއް ރަނގަޅު ފެންވަރަކަށް ގެނެވުމަކީ އުނދަގޫ ކަމެއް. ދެން ކުރެވޭނެ ކަމަކީ މަޑުކުރުން. ލީގު ފެށުނީމަ ހުރިހާ ކުޅުންތެރިންހެންވެސް ހަމަ ހަފްތާއެއްގެ ތެރޭ ގިނަމެޗުތަކެއް ކުޅޭނެ. އޭރުން ކުޅުންތެރިންގެ ފިޓްނެސް ވެސް ރަނގަޅު ވާނެ،" ޕޮޕޯފް ބުންޏެވެ.

ޕޮޕޯފް އިތުރަށް ބުނީ، "ޖޫންގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފެންނާނީ މިރޭގެ މެޗަށް ވުރެ ފެންވަރު ރަނގަޅު ޓީމެއް." ކަމަށެވެ.

comment ކޮމެންޓް