ޖަލީލު، ތޮލްހަތު، އަދި ޒިޔާދަށް ހުކުމް އިއްވުން ފަސްކޮށްފި

ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު -- ސަން ފައިލް ފޮޓޯ

މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މާދަމާ ރޭ އެ ތިން ބޭފުޅުންގެ މައްޗަށް ހުކުމް އިއްވަން ތާވަލްކުރިނަމަވެސް ހުކުމް އިއްވުން މިހާރު އެހެން ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ހުކުމް އިއްވާނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން މޫސާ އަލީ ޖަލީލަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އެވެ. އެ ތިން ބޭފުޅުންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ ނިންމާލާފައެވެ.

އެބޭފުޅުންގެ އިތުރުން އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތް އަދި ނިމިފައެއް ނުވެއެވެ. ސަބަބަކީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި އުޅުއްވާތީއެވެ.

ސިފައިން މެދުވެރިކޮށް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ.

comment ކޮމެންޓް