ދިވެހި ތާރީހާ ބެހޭ ދިރާސާއެއް ކުރުމަށް ދިވެހި ވަފުދެއް އިންޑިއާ އަށް ދިއުމަށް ނިންމައިފި

ބަހުގެ އެކަޑެމީގެ ވަފުދު، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭއާއެކު -- ފޮޓޯ: އިންޑިއަން ހައިކޮމިޝަން

ދިވެހި ބަހާއި ރާއްޖޭގެ ތާރީހާ ބެހޭ ދިރާސާއެއް ކުރުމަށް ދިވެހި ބަހުގެ އެކަޑެމީގެ ޓީމެއް އިންޑިއާ އަށް ޒިޔާރަތް ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަހުގެ އެކަޑެމީގެ ހަތް ބޭފުޅުންގެ ވަފުދެއް އިންޑިއާ އަށް ޒިޔާރަތް ކުރާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހު ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ހައި ކޮމިޝަނުން ބުނީ، އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ކުރާ އެ ދަތުރުގައި އިންޑިއާގެ ޔުނިވަސިޓީތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވައި ރާއްޖޭގެ ބަހާއި ތާރީހާ ބެހޭ ގޮތުން ލިބެން ހުރި މައުލޫމާތުތައް ހޯދާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ބޮޑުތަކުރުފާނާ ބެހޭ ގޮތުން އިންޑިއާގައި ލިބެން ހުރި މައުލޫމާތު އެއްކޮށް ބަހާ ބެހޭ ދިރާސާއެއް ކުރުން ހިމެނޭ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

އެ ޓީމުން ޒިޔާރަތް ކުރާ ތަންތަނުގެ ތެރޭގައި ދިއްލީ އާއި އާގަރާ އާއި އަލީގަރާއި މައިސޫރާއި ކަންނަން ނޫރު އަދި ޓްރެވިންޑްރަމް ހިމެނެ އެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭ ވަނީ ބަހުގެ އެކަޑެމީގެ ވަފުދާ މިއަދު ބައްދަލުކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު