މުޒާހަރާތަކުގެ ސަަބަބުން އާއްމުންނަށާއި ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް މަޝްވަރާކޮށްފި

އިލެކްޝަންސް ކޮމިޝަނާ އެކު މިއަދު ފުލުހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ ޕޮލިސް

ސިޔާސީ ބައެއް ޕާޓީތަކުން އިންތިޒާމުކޮށްގެން ސިލްސިލާކޮށް ރޭގަނޑުގެ ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވުމާ ބެހޭ ގޮތުން ފުލުހުން، ކަމާ ބެހޭ ފަރާތްތާކާ އެކު މަޝްވަރާކޮށްފި އެވެ.

ފުލުހުން ބުނީ، މުޒާހަރާތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް ހުއްޓުވުމާބެހޭ ގޮތުން މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުންގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުންނާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މަޝަވަރާތަކުގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގަތް ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިމާޢީލް ނަވީން ވަނީ މިހާރު މާލޭގެ މަގުތަކުގައި ސިޔާސީ ޕާޓީތަކުން ރާވައިގެން ހިންގަމުންދާ ހަމަނުޖެހުންތަކާމެދު ފުލުހުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެކަންކަމާމެދު އެޅޭނެ ފިޔަވަޅުތަކާބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

"މިހާރު ބާއްވަމުންދާ އެއްވުންތަކުގައި ސުލްހަވެރިކަމުގެ ރޫޙު ގެއްލި ޢާއްމު ރައްޔިތުންނަށާއި ވިޔަވާރިވެރިންނަށް ބޮޑެތި ގެއްލުންތައްވެ، އަމަން ބެލެހެއްޓުމަށް ހަރަކާތްތެރިވަމުންދާ ފުލުހުންނާ ސީދާ ދިމާކޮށް ސަލާމަތީ ގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ވަންނަށް މަސައްކަތް ކުރަމުންދޭ،" ޗީފް އެސްޕީ އިސްމާއީލް ނަވީން ފާހަގަކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެ އެއްވުންތަކުގައި އާއްމު ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކައި ނުރައްކާތެރި ކަންތައްތަކަށް ހިތްވަރުދީ އެފަދަ ކަންތައްތައް ކުރުމަށް ގޮވާލަމުންދާ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.

މި އެއްވުންތަކުގެ ސަބަބުން އެކި ފަރާތްތަކަށް ލިބެމުންދާ ގެއްލުންތަކަށް އަލިއަޅުވާލައްވައި ނަވީން ވިދާޅުވީ، އެއްވުންތައް މިހާރު ބާއްވަމުންދާ ވަގުތަކީ ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ މުހިއްމު ވަގުތުކަމަށްވާއިރު، ކޮންމެ ރެއަކު ސިލްސިލާކޮށް މި އެއްވުންތައް މަޖީދީމަގާއި އެނޫނަސް ވިޔަފާރީގެ މުހިއްމު ސަރަޙައްދުތަކުގައި ބޭއްވުމުން މަގުތައް ބަންދުވާ ކަމަށެވެ.

މީގެއިތުރުން އެއްގަމު ދަތުރުތަކަށް ހުރަސްއެޅި، ހިނގާ ބިގާވުމަށާއި ވިޔަފާރި ކުރުމަށާއި އެހެނިހެން ބޭނުންތަކަށް މާލޭގެ އެކިސަރަޙައްދުތަކަށް ގޮސްއުޅެން ބޭނުންވާ މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށް ދަތިވުމުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް ބަންދުވެ ވިޔަފާރި ކުރާ ފަރާތްތަކަށް އިގްތިސާދީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށާއި މީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަންމަށް ވެސް ބުރޫއަރައި މިކަންކަން ތަކުރާރުވަމުން އަންނަ ނިސްބަތް އިތުރުވަމުންދާ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.

އަދި މިހާރު ބާއްވަމުންދާ އެއްވުންތަކުގެ ސަބަބުން އަމަން ބެލެހެއްޓުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތައްތަކަށް ބުރޫއަރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ފުލުހުން އަންގާފައިވާ ގޮތާ ހިލާފަށް، 23:00 ގެ ފަހުން އަޑުގަދަކުރާ ބޭނުންކުރުމާއި 00:00 ގެ ފަހުން އެއްވުން ކުރިއަށް ގެންދިއުން މިރޭ ތަކުރާރުކޮށްފިނަމަ ދެން މި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭން ވިސްނާފައިވާ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާއްމު ދިރުއުޅުމަށާއި، ވިޔަފާރިކުރާ ފަރާތްތަކަށް ތަކުރާރުކޮށް ލިބެމުންދާ އަގުނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެފަރާތްތަކުން ފުލުހުންނަށް ތަކުރާރުކޮށް ޝަކުވާ ހުށަހަޅަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް