"ނޭމާއަށް އަހަންނާ ވާދައެއް ނުކުރެވޭނެ"

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ --- ފޮޓޯ/ ލޫޕީކޭމޭން

ބްރެޒިލްގެ ފުޓްބޯޅައިގެ "ކިންގް"ގެ މަގާމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ފޯވާޑް ނޭމާ ޖޫނިއަރއަށް، އޭނާއާ ވާދަނުކުރެވޭނެ ކަމަށް ބްރެޒިލްގައި އުފެދުނު އެންމެ ވަރުގަދަ ފުޓްބޯޅަ ލެޖެންޑް ޕެލޭ ބުނެފި އެވެ.

އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މުޅިޖުމުލަ 1000 ގޯލަށް ވުރެ ގިނައިން ކާމިޔާބުކުރި ޕެލޭ އޮސްޓްރޭލިއާގައި ބޭއްވި ބައްދަލުވުންތަކެއްގައި ވާހަކަ ދައްކަމުން ވަނީ ނޭމާއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއްކަން ފާހަގަ ކޮށްފައެވެ. ނަމަވެސް އޭނާ ބްރެޒިލް ފުޓްބޯޅައިގައި ހާސިލްކުރި މަގާމު ނޭމާ ހާސިލް ކުރުމަކީ "ދުވަހަކުވެސް ނުވާނެ ކަމެއް"ކަމަށް ޕެލޭ ބުންޏެވެ.

"އެއީ ވާނެކަމެއް ނޫން،" ނޭމާއަށް އޭނާގެ ރިކޯޑު މުގުރާލެވިދާނެތޯ ސުވާލުކުރުމުން ޕެލޭ ބުންޏެވެ. "އާ ކިންގަކަށް ވުމަކީ، އާ ޕެލޭ އެއް އުފެއްދުމަކީ ވާނެކަމެއް ނޫން. ނަމަވެސް ނޭމާއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް، އޭނާއަށް ފާހަގަ ކުރެވޭ ވަރުގެ ތަރިއަކަށް ވެވިދާނެ."

އުމުރުން 23 އަހަރުގެ ނޭމާ މިހާތަނަށް އޭނާގެ ކެރިއަރުގައި ކްލަބްތަކުގެ އިތުރުން، ގައުމީ ޔޫތު ޓީމްތަކަށާއި ސީނިއާ ޓީމަށް ވަނީ މުޅިއެކު 136 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާ ބްރެޒިލްގެ ސީނިއާ ޓީމަށް 60 މެޗުގެ ތެރޭ 42 ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، ޕެލޭ ވަނީ 1957 ކުން 1971 އަށް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 92 މެޗުގައި 77 ލަނޑު ކާމިޔާބުކޮށް، ގައުމީ ރިކޯޑެއް ހަދާފައެވެ.

ޕެލޭއާ އެންމެ ގާތުން އެ ރިކޯޑަށް ވާދަކުރި ރޮނާލްޑޯ 62 ލަނޑު ބްރެޒިލަށް ކާމިޔާބު ކޮށްދީފައި ވާއިރު، 55 ލަނޑު ބްރެޒިލަށް ކާމިޔާބު ކޮށްދިން ރޮމާރިއޯ ވަނީ ނޭމާއަށް ޕެލޭގެ ރިކޯޑު މުގުރާލެވިދާނެ ކަމަށް ބުނެފައެވެ. އަދި ލައޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ފުޓްބޯޅައިގެ ލެޖެންޑުގެ މަގާމުތަކަށް ވާދަކުރާއިރު، ޕެލޭ ވަނީ މި ޒަމާނުގެ ފުޓްބޯޅަގައިވެސް އޭނާއަށް ކުރިއަށް ދެވިދާނެ ކަމަށް ބުނެފައެވެ.

"މިއުޒިކްގެ ދާއިރާއަށް ބީތަވޮން މިހާރު ބޭނުންތެރި ވާނެތަ؟ ހަމަ ޔަގީން ވާނެކަން،" ޕެލޭ ބުންޏެވެ. "މި ވަގުތު އަހަންނަށް ކުޅެން ތައްޔާރަށް ހުރިނަމަ، މިހާރުވެސް އަހަންނަށް ކުޅޭވޭނެ ނަމަ، އެކަން ދައްކާނަން. ފުޓްބޯޅަ ކުޅުމަށް އަހަންނަށް ލިބިފައި ވަނީ ގިފްޓެއްކަން ގިނަ މީހުން ހަނދާން ނެތޭ."

އެންމެ ފަހުން ބްރެޒިލް ކުޅުނު ވޯލްޑް ކަޕްގެ ސެމީފައިނަލްގައި، ނޭމާއާ ނުލާ ބްރެޒިލް 7-1 ގެ ނަތީޖާއަކުން ޖަރުމަނު އަތުން ބަލިވި މެޗާ މެދު ސުވާލު ކުރުމުން، ޕެލޭ ވަނީ އެކަމުން އޭނާއަށް ކުރެވުނު އިހުސާސްތައް ހިއްސާ ކޮށްފައެވެ.

"އަހަރެން ނުވިސްނަން – އަހަރެން ރުއީ،" ޕެލޭ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު