ހޮނިހިރު ދުވަހުން ފެށިގެން މުޒާހަރާތައް ރޫޅާލަން ހާއްސަ ބާރެއް ބޭނުންކުރަނީ

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު: މުޒާހަރާތައް ސުލްހަވެރި ނޫން ކަމަށް ބަލައި، ގާނޫނާ ހިލާފު ކަމެއް ކުރަން އުޅޭކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ ހިސާބުން މުޒާހަރާތައް ރޫޅާލާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ އަލީ ނަސީރު

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ކަމަށް ބެލެވެން ނެތް ކަމަށް ބުނެ، ހޮނިހިރު ދުވަހުން ފެށިގެން މުޒާހަރާތައް ރޫޅާލުމުގައި ހާއްސަ ބާރުތަކެއް ބޭނުން ކުރަން ފުލުހުން ނިންމައިފި އެވެ.

އިސްކަންދަރު ބިންޑިންގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ޖިނާއީ ކުށްކޮށްގެންނާއި އެފަދަ ކުށްތައް ކުރަން އުޅުމުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރަމުންދާ ކަމަށެވެ. މުޒާހަރާތަކުގައި ފުލުހުންނަށް އަނިޔާކޮށް، އެފަދަ އަނިޔާތައް ދިނުމަށް ގޮވާލަމުންދާތީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ، މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކީ "އެއްވެސް ހާލެއްގައި" އަމާންކަމާއެކު ކުރަމުންދާ މުޒާހަރާތަކެއް ކަމުގައި ނުވާތީ، ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި ކުރާ މުޒާހަރާތަކުގައި ގާނޫނާ ހިލާފު ކަމެއް ކުރަން އުޅޭކަން ފުލުހުންނަށް އެނގޭ ހިސާބުން މުޒާހަރާތައް ރޫޅާލާނެ ކަމަށެވެ.

"މުޒާހަރާތަކުގައިކޮށްފައިވާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން މިފަދަ އެއްވުންތަކަކީ އެއްވެސް ހާލެއްގައި އަމާން އޮމާންކަމާ އެކީގައި ކުރާ މުޒާހަރާތަކެއް ނޫން ކަމަށް ގަބޫލު ކުރާ ހާލު، ފުލުހުން މި ވަނީ ވަކި ކަންތައްތަކެއް ކުރަން ނިންމާފައި. ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި ކުރާ މުޒާހަރާތަކުގައި ގާނޫނާ ހިލާފު ކަމެއް ކުރާނަމަ އަދި އެފަދަ ކަމެއް ކުރަން އުޅޭ ކަމަށް އެނގުނަސް އިންޒާރު ދިނުމަށްފަހު މުޒާހަރާ ރޫޅާލާނަން،" ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ބައެއް މީޑިއާތަކުން މުޖުތައުމު ފަސާދަކޮށް، ހަމަނުޖެހުމަށް ގޮވާލަމުންދާ ކަމަށާއި އެ މީޑިއާތަކާމެދު ފިޔަވަޅު އަޅަންޖެހޭ މުއައްސަސާތަކުން ފިޔަވަޅު ނޭޅުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.

މީޑިއާތަކުން ޕްރޮފެޝަނަލް މަސައްކަތެއް ކުރާނަމަ އެފަދަ ފަރާތްތަކުގެ މަސައްކަތަށް ފުލުހުން ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް މުޒާހަރާގެ ބައިވެރިންނާއެކު ޖިނާއީ ކުށްތަކަށް ނޫސްވެރިން އަރައިގަންނަމުންދާނަމަ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

"ރާއްޖޭގެ މީޑިއާގެ ކަންކަން ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ބަޔަކު ތިބެ އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ނާޅައި، މީޑިއާގެ މިނިވަންކަމުގެ ނަމުގައި މުޖުތަމައު ފަސާދަކޮށް ރައްޔިތުންގެ މެދުގައި ހަމަނުޖެހުމަށް ހިތްވަރުދޭ ހަބަރު ފެތުރިނަމަވެސް މީޑިއާގެ ފަރާތްތައް ހައްޔަރު ކުރުމުން ރައްޔިތުންނަށް ކަމުގެ ހަގީގަށް އޮޅޭ ގޮތަށް ވާހަކަދައްކަމުން ދިޔުމަކީ ޒިންމާދާރު ކަމެއް ކަމުގައި ނުދެކޭ ވާހަކަ މޯލްޑިވްސް ޕޮލިސް ފަރާތުން ވެސް ހާމަ ކުރަން،" ނަވާޒު ވިދާޅުވި އެވެ.

ފުލުހުން އަމަލު ކުރަމުންދަނީ ގާނޫނާ އެއްގޮތަށް ކަމަށް ފާހަގަ ކުރައްވައި ނަވާޒު ވިދާޅުވީ ފުލުހުން ބޭނުން ކުރާ ބާރާމެދު ސުވާލު އުފެދޭނަމަ އެފަދަ ކަންކަން ބެލުމަށް އުފައްދާފައިވާ މުއައްސަސާތަކަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ފުލުހުންގެ ސަފުތައް "ވަރަށް ބަދަހި" ކަމަށް ފާހަގަކުރައްވައި ނަވާޒު ވިދާޅުވީ، ކުށް ކުރާ ފަރާތްތަކާއި ކުށް ކުރަން އުޅޭ ފަރާތްތަކަށް އިތުރު ފުރުސަތު ނުދޭނެ ކަމަށެވެ.

comment ކޮމެންޓް