ރާއްޖޭގެ ސަރަހައްދަށް ވަތް ބޯޓެއް ބަލައި ފާސްކޮށް ދޫކޮށްލައިފި

ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ބޯޓް-- ސަން ފޮޓޯ: އިދުރީސް

ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ސީޝެލްސްގެ މަސް ބޯޓެއް ބަލައި ފާސްކޮށް ދޫކޮށްލައިފި އެވެ.

"އޯޝަން ޓޫ" ނަމަކަށް ކިޔާ އެ ބޯޓްފެނިފައި ވަނީ، ގއ. ވިނލިގިލީ މަސް ދޯންޏެއް ކަމަށްވާ "ދެރިޔާ" އަށެވެ. އެ ދޯނީގައި މަހަށް ދާ މުހައްމަދު އިދުރީސް މިއަދު ސަން އަށް ބުނީ އެބޯޓް ފެނުނީ އިއްޔެ 1:13 އެހާކަންހާ އިރު ލ. ހިތަދޫ ބޭރުން 18 މޭލު ހިސާބުން ކަމަށެވެ. ފެންނަ ފެނުމަށް އެއީ ލޭނުއަޅާ ބޯޓެއްކަމަށް އޭނާބުންޏެވެ.

"އޭތި އަހަރެމެންނަށް ފެނުނު އިރު އޮތީ މަޑުޖައްސާފައި. އަހަރެމެންނަށް އޭތި ފެނިގެން އެއެއްޗާ ދިމާލަށް ދުއްވަން ފެށީމާ އޭތި ދުއްވީ، އޭތި ދިޔައީ ހުޅަނގަށް، ލޭނު އަޅާ ވައްތަރު ޖަހަނީ." އިދުރީސް ބުންޏެވެ.

އޭނާ ބުނީ އެބޯޓް ފެނުމާ އެކު ސިފައިންނާ ގުޅައި އެބޯޓާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުޙައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ، އެބޯޓް ރާއްޖޭގެ ސަރަހައްދަށް ވަތްކަމުގެ މައުލޫމާތު އިއްޔެ 1:45 އެހާކަންހާ އިރު ލިބިފައިވާ ކަމަށެވެ. އެބޯޓް ބެލިބެލުމުން މަސްވެރިކަން ކޮށްފައިނުވުމުން ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

"މަސްވެރި އާލާތްތައް ޕެކްކޮށްފައި ހުރީ، އަދި މަހެއް ވެސް ނެތް ބޯޓަކު،" އަދުނާން ވިދާޅުވި އެވެ.

އަދުނާން ވިދާޅުވީ އެއީ ސީޝެލްސް ބޯޓެއް ކަމަށާއި އެބޯޓް ދަތުރުކުރަމުން ދިޔައީ އިންޑޮނޭޝިއާއަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު