ކުށްވެރިންގެ އުފެއްދުންތެރިކަން ދައްކުވައިދޭ މައުރަޒު އަންނަ މަހު ބާއްވަނީ

2012 ވަނަ އަހަރު މައުރަޒުގައި ކުށްވެރިއަކު ހަދާފައިވާ ބޯޓެއް: ކަރެކްޝަނަލް ސާވިސް

އެކިއެކި ކުށްތަކުގައި ހުކުމް ކޮށްފައިވާ ކުށްވެރިން އުފައްދާފައި ހުންނަ އުފެއްދުންތައް ދައްކާލާ މައުރަޒު އަންނަ މަހު ބޭއްވުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސުޕްރިންޓެންޑެންޓު އޮފް ޕްރިޒަންސް މުހައްމަދު އާސިފް މިއަދު "ސަން" އަށް ވިދާޅުވީ، މި މައުރަޒު އޮންނާނީ އަންނަ މަހުގެ 16 އިން 18 ގެ ނިޔަލަށް ކަމަށެވެ.

އާސިފް ވިދާޅުވީ، މި މައުރަޒުގައި ކުށްވެރިން އެ މީހުންގެ އަމިއްލަ މަސައްކަތުން ތައްޔާރު ކޮށްފައި ހުންނަ ތަކެތި ދައްކާލުން އޮންނާނެ ކަމަށެވެ.

"އާދެ އަޅުގަނޑު ހަމަ ފާހަގަކޮށްލަން އިނގޭތޯ މި މައުރަޒުގައި ގައިދީން ހަދާފައި ހުންނަ އަތްތެރި މަސައްކަތްތަކާ އެ މީހުން އަމިއްލަ އަތުން ކުރާހާފައި ހުންނަ ކުރެހުންތައް ހުންނާނެ. މީގެ އިތުރުން ބައެއް ކުށްވެރިންނަކީ ދަނޑުވެރިކަން ކުރާ ފަރާތްތައް. އެހެންވީމަ އެ މީހުން [ކުށްވެރިން] ހައްދާފައި ހުންނަ ތަރުކާރީގެ ބާވަތްތައް ވެސް ހުންނާނެ މައުރަޒުގައި،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން މި އަހަރުގެ މައުރަޒުގައި ކުށްވެރިން ހަދާފައި ހުންނަ އެއްޗެހި އާންމުންނަށް ވިއްކާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ވަކިން ހާއްސަކޮށް ފާހަގަކޮށްލަން ބޭނުންވޭ މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަރަށް ހާއްސަ ކަމެއް ފެނިގެން ދާނެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މިއަހަރުގެ ކަލަންޑަރުގައި ހުރި ކުރެހުންތަކަކީ ކުށްވެރިން ކުރާހަފައި ހުރި ކުރެހުންތައް. ދެން ކުރެހުންތައް ކުރަހާފައި ތިބި ކުށްވެރިންނަށް އިނާމު ދިނުން މި މައުރަޒު ފެށުމުގެ ރަސްމިއްޔާތުގައި އޮންނާނެ." އާސިފް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު