ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން މާދަމާރެއަށް ތާވަލްކޮށްފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ތޮލްހަތުގެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބޭއްވުނު ޝަރީއަތުގައި ދައުލަތުގެ ފަރާތުން އަދި ތޮލްހަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވާ ނިމުމުން ގާޒީ ވިދާޅުވީ އެމައްސަލައިގެ ހުކުމް ކުރުން ހުކުރު ދުވަހުގެ ރޭ އޮއްނާނެ ކަމަށެވެ.

މިއަދުގެ ހުލާސާ ބަޔާނުގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ގާނޫނާ ގަވައިދާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ޝަރީއަތަށް ހުށަހެޅުނު ހެކިންގެ ހެކިބަހަށް ބަލައި ތޮލްހަތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށެވެ. އެގޮތުން އަބްދުﷲ ގާޒީ ހައްޔަރު ކުރަން ނިންމި ނިންމުމާއި، ގާޒީ ހައްޔަރުކުރުމަށް މަޝްވަރާ ކުރުމާއި، ގިރިފުށީގައި ބެހެއްޓުން އަދި ގަދަކަމުން ހައްޔަރުކޮށްގެން ގެންދިއުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ތޮލަހަތު އިސްވެ ބައިވެރިވެފައިވާ ކަން ސާބިތުވާކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ތޮލްހަތުގެ ވަކީލުން އިއްވި ހުލާސާ ބަޔާނުގައި ވިދާޅުވެފަިއ ވަނީ ކުރީގެ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ އެންގި އެންގުމަކަށް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވުމުން އެއީ ތޮލްހަތު ކުރެއްވި ކަމެއް ނޫންކަން ސާބިތުވާ ކަމަށެެވެ. އަދި ދައުލަތުގެ ވަކީލުންގެ ހުލާސާ ބަޔާން އިއްވާފައި ވަނީ ހުށަހެޅު ހެކިތަކަށް ރަގަޅަށް ބަލާފައި ނޫން ކަމަށާއި، ތޮލްހަތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހެއްކެއްވެސް ހުށަހެޅިފައި ނުވާ ކަމަށެވެ.

ތޮލްހަތުގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މުހައްމަދު ޒިއާދު އަދި މޫސާ އަލީ ޖަލީލަށް ހުކުމް ކުރުންވެސް މާދަމާރެއަށް ވަނީ ތާވަލުކޮށްފަ އެވެ.