ރައީސް އަރިހުން ސިޔާސީ ހައްލަކަށް ކުރީގެ ރައީސް ނަޝީދު އެދިވަޑައިގެންފި

ޝަރީއަތަށް ފަހު ރައީސް ނަޝީދު ފުލުހުންނާއެކު ވަޑައިގަންނަވަނީ: ފޮޓޯ: އޭޕީ/ ހުސައިން ސިނާން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން މި މަހު އިއްވި 13 އަހަރުގެ ޖަލު ހުކުމްގެ މައްސަލާގައި ސިޔާސީ ހައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ކިބައިން ކުރީގެ ރައީސް ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތައް މިނިވަން ނޫން ކަމަށާއި އަދި ރައީސް ޔާމީންގެ ނުފޫޒު ކޯޓުތަކަށް "އިންތިހާ" އަށް ފޯރާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.

އަދި އެއްވެސް މަރުހަލާއެއްގައި ކޯޓުތަކުން އިންސާފުވެރި ޝަރީއަތެއް ކުރައްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"އަދި އިންސާފުވެރި ޝަރީއަތެއް ލިބިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އޮތް މިހާލަތުގައި އިސްތިއުނާފަށް މައްސަލަތައް ހުށަހަޅައިގެން ކުރިއަށް ގެންދަވަން ބޭނުންފުޅުނުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި. އަދި ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގައި ދިޔަ ގޮތުން އެކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިގެން ދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވި. އޭގެ އިތުރުން އެމަނިކުފާނު [ރައީސް ނަޝީދު] ދެކިލައްވާ ގޮތުގައި މިހާރު އިސްތިއުނާފު މަރުހަލާގައި ދެން ދާން އޮތް ތަނަކީ ހައިކޯޓު،" ހިސާން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓު ވެސް އޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ކަމަށާއި އެގޮތުން ހައި ކޯޓުގެ ފަނޑިޔާރުން ވެސް ތިބީ ފިއްތުންތަކެއްގެ ތެރޭގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ ދެކުނުގައާ އުތުރުގައި އަލަށް ގާނޫނަށް އައިސްފައިވާ އިސްލާހާ ގުޅިގެން ގާއިމްކުރާ ދެ ކޯޓަށް ވަޑައިގަންނަވާނެ ފަނޑިޔާރުން ވެސް އަދި އޮތީ ކަނޑަނާޅުއްވާ. އެމަނިކުފާނު [ރައީސް ނަޝީދު] ގަބޫލުފުޅުކުރައްވާ ގޮތުގައި ކޯޓުތަކަށް ވަޑައިގަންނަވާނެ ފަނޑިޔާރުން މާލޭގައި މި ދިރިއުޅުއްވާ ފަނޑިޔާރުންގެ ތެރެއިން މާލެ ދޫކޮށް ރަށްރަށަށް ހިޖުރަ ކުރައްވާނެ ފަނޑިޔާރުން ކަނޑައަޅުއްވާނީ މި މައްސަލާގައި ޝަރީއަތް ކުރައްވާ ހުކުމް ކުރެވޭ ގޮތެއްގެ މައްޗަށް ކަން. އެހެންކަމުން އެއްވެސް ކޯޓެއްގައި އެއްވެސް މަރުހަލާއެއްގައި އިންސާފުވެރިކޮށް ޝަރީއަތެއް ކުރިއަށް ނުދާނެކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައި،" ހިސާން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ޖަލު ހުކުމް އިސްތިއުނާފު ކުރައްވަން ބޭނުންފުޅު ނުވަނީ ޖަލުގައި ހުންނަވަން ބޭނުންފުޅުވާތީ ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނު މައްޗަށް އިއްވާފައި ޖަލު ހުކުމް އިސްތިއުނާފް ނުކުރަން ނިންމެވީ ރޭގެ ވަގުތެއްގަ އެވެ. ރައީސް ނަޝީދުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ނިންމީ، އެމަނިކުފާނުގެ ޝަރީއަތް ހިނގައި ދިޔަ ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން މިއަދާ ހަމައަށް ވެސް ދޫކޮށްފައި ނުވާތީ ކަމަށެވެ.

comment ކޮމެންޓް