ތޮއްޑޫގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެ

 ތޮއްޑޫ މަގެއްގެ ވިނަތައް ނޮޅުމުގައި ބިދޭސީންތަކެއް-- ސަން ފައިލް ފޮޓ

ޒަހަމްތަކަކާ އެކު މަރުވެފައި އޮތް ބިދޭސީއަކު އއ. ތޮއްޑޫން ފެނިއްޖެ އެވެ.

ތޮއްޑޫ ކައުންސިލުންގެ ރައީސް ހަސަން އިބްރާހިމް މިރޭ "ސަން" އަށް ވިދާޅުވީ އެ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނުނީ މިރޭ 9:55 ހާއިރު ކަމަށާއި އޭނާގެ ކަރުގައި ވަރަށް ބާރަށް ފޮތިގަނޑެއް އޮޅާފައިވާ ކަމަށެވެ.

"ކަރުގައި މުންޑެއް ކަހަލަ އެއްޗެއް ބަދެފައި އޮތީ، ވަރަށް ބާރަށް އައްސާފަ އޮތީވެސް، އޭނާ އޮތީ ބަންޑުން ވެއްޓިފަ،" ހަސަން އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީ މީހާ މަރުވެފައި އޮތީ އޭނާ ދިިރިއުޅޭ ކޮޓަރި ތެރޭގައި ކަމަށާއި އެ ކޮޓަރީގައި އިތުރު ތިން ބިދޭސީން އުޅޭ ކަަމަށެވެ.

މަރުވެފައިވާ ބިދޭސީ މީހާގެ ބެލެނިވެރި ފަރާތް ތޮއްޑޫ، ނަސްރީނުގޭ، ހުސައިން ހަސަން "ސަން"އަށް ބުނީ އެ ބިދޭސީމީހާގެ ވަނަވަރެއް ނޭނގޭ ކަމަށެވެ. އެ ބިދޭސީ މީހާ އޭނާއާއެކު މަސައްކަތް ކުރާތާ މަސް ދުވަސް ވެއްޖެ ކަމަށާއި ބެލެވޭ ގޮތުގައި އޭނާ މަރުވެފައި ވަނީ އަމިއްލައަށް ކަމަށެވެ.

ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ހުސައިން ބުނީ އެ ބިދޭސީ މީހާއަކީ ސިނކުޑީގެ މައްސަލަ ހުންނަ މީހެއް ކަމަށެވެ.

"އޭނަ ސިކުނޑީގެ މައްސަލައެއް ހުރޭ، ކަމެއް ކުރާށޭ ބުންޏަކަށް ބުނާ ގޮތަކަށް ކުރާކަށް ނޭނގެ، ތާކަށް ދާށޭ ބުންޏަސް ބުނިތާކަށް ދާކަށް ނޭނގޭ،" ހުސެއިން ބުންޏެވެ.

ހުސެއިން ބުނީ އެ ބިދޭސީ މީހާ މިރޭ އިރުއޮއްސެންދެން ވެސް މަސައްކަތުގައި އުޅުނު ކަމަށާއި އޭނާގެ ފަރާތުން ތަފާތެއް ނުފެންނަ ކަމަށެވެ. އަދި އޭނާ އާއި މީހަކާ މައްސަލައެއް ޖެހިފައިވާކަން ވެސް އެނގިފައިނުވާ ކަމަށް ބުންޏެވެ.

ބުނާ ގޮތަށް މަސައްކަތް ކުރަން ނޭންގޭތީ އެ ބިދޭސީ މީހާ ރަށަށް ފޮނުވާލުމަށް ވެސް ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ވާހަކަ އެ ބިދޭސީމީހާ ގާތު ނުބުނާ ކަމަށް ހުސެއިން "ސަން"އަށް ބުންޏެވެ.

މިރޭ މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެކެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށަށް ދިއުމަށް ވަނީ ފުރާފަ އެވެ.

comment ކޮމެންޓް