"ބޮޑަމަގަ ހަަދަނޫ ފްލައިޓެއް ޖެއްސޭ ފެންވަރުގައި"

ލ. އަތޮޅުގެ ހަތަރު ރަށް ގުޅާލާފައިވާ ބޮޑުމަގަކީ ތަރައްގީ ކުރަނީ-- ސަން ފޮޓޯ/ މަރިޔަމް ރާނިޔާ

ލ. އަތޮޅުގެ ހަތަރު ރަށް ގުޅާލާފައިވާ "ބޮޑުމަގަކީ" އެ އަތޮޅު އެންމެން ދަންނަ ބިޔަ ބޮޑު މަގެކެވެ. އެ މަގަކީ ތާރީހުގައި އެތަކެއް ހިތާމަވެރި ހާދިސާތައް ހިނގައި އެތައް ބައެއްގެ ފުރާނަ ގޮސްފައިވާ މަގެކެވެ. ނަމަވެސް މިހާރުގެ ނަމުން ނަމަ އެެއީ ލ. އަތޮޅުގައި މި ސަރުކާރުން އަލަށް ތަރައްގީކުރާ ޒަމާނީ ފެންވަރުގެ "ލިންކްރޯޑް" އެވެ.

އެ މަގުގައި އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައި ވަނީ އެ އަތޮޅު ފޮނަދޫން ކައްދޫއާ ގުޅާލާފައިވާ ކޯޒްވޭގެ ސަރަހައްދާއި ކައްދޫއާ މާންދޫ ގުޅޭ ކޯޒްވޭގަ އެވެ. އެ ދެ ކޯޒްވޭ އަކީ މީގެ އަހަރުތަކެއް ކުރިން ރަށު އޮފީހާއި ރައްޔިތުންގެ މަސައްކަތުން ކޮށްފައިވާ މަސައްކަތެކެވެ.

ބޮޑު މަގުގައި އެފަދަ ހިތާމަވެރި ބައެއް ހާދިސާތައް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވުމުގެ އިތުރުން ވިއްސާރަ ދުވަސްވަރު މަގުގެ އަޑިގުޑަންތަކާއި ޗަކައިގެ ސަބަބުން ވެހިކަލްތައް ކަހާލައިގެންނެވެ. އެފަދަ ބައެއް ހާދިސާތަކުގެ ތެރޭގައި ކޯޒްވޭ މަތިން މޫދަށް ވެހިކަލްތައް ފުރޮޅާލައިގެން އެތައް ހާދިސާއެއް ހިނގާފައިވާ އިރު ކޯޒްވޭގެ އަރިމަތިން އޮންނަ ފާރު ބުރީގައި ޖެހި ހިނގި އެތައް ހާދިސާއެއްގައި ބައެއްގެ ފުރާނަ ވަނީ ގެެއްލިފަ އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު ވިދާޅުވާ ގޮތުގައި މަގު ހެދިގެން ދިޔުމަކީ އަތޮޅުގެ ރައްޔިތުންގެ ހުވަފެންތަކެއް ހަގީގަތަކަށް ވުމެވެ. އެ މަގު ހަދައިނިމުމުން ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ އެވެ.

"މަގުގައި ދެފަޅިން ދެކޮޅަށް ދުއްވޭ ގޮތަށް މަގު ހަދާ އިރު މަގުގައި ހަދަން ޖެހޭ ނިޝާންތަކާއި މަގުގައި ކުރަން ޖެހޭ ލައިންތަކުގެ ކުރެހުންތައް ނިންމާފައި ހުރީ، އެހެން ކަމުން މަގު ހެދުމާ އެކު ގަވާއިދުތައް ހެދިގެންދާނެ ކަމަށް މިބަލަނީ،"

ޗައިނާ ސަރުކާރުގެެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި ބޮޑު މަޝްރޫއުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ވަރަށް ބާރު ސްޕީޑެއްގައި ދަނީ ކުރިއަށެވެ.

ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތައްޔާރުކުރާ އެމަގުގެ މަސައްކަތް ކުރުމަށް ހާއްސަ ސައިޓެއް ޗައިނާގެ ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނިން ވަނީ ގާއިމުކޮށްފަ އެވެ. އެ ސައިޓްގައި މަގު ހެދުމަށް ބޭނުންވާ ތަކެތި ތަހުލީލު ކުރުމަށް ހާއްސަ ލެބޯޓްރީއެއް ހަދާފައިވެ އެވެ.

މަގު ހެދުމަށް ޓަަކައި ކޮންނަން ބޭނުންވާ ސަރަހައްދުގެ ދެ ބައިކުޅަ އެއްބައި މިހާރު ވަނީ ކޮނެ ނިންމައިފަ އެވެ. އެ މަގު ހަދަނީ މަގުގައި ހުރި ޗަކަފަސްގަނޑު ނެގުމަށް ފަހު މޫދު ވެލި އަޅައިގެންނެވެ. އެގޮތުން މޫދު ވެލިއެޅުމަށް ގާތްގަނޑަކަށް ދޮޅު ފޫޓަށް ނުވަތަ އެއް ފޫޓަށް މަގުތައް ވަނީ ކޮނެފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް މިހާރު ހުރީ ލޮނުވެލި އަޅައި ފަސްގަނޑު ބާރުކޮށްފަ އެވެެ. އަދި ފޮނަދޫ އާ ވީ ހިސާބުގެ މަގުގައި އަޅަން ޖެހޭ ކާނުގަނޑުތައް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

އެ މަގު ހެދުމަށް ވެލި ނަގަނީ އެ އަތޮޅު ގަމާއި ފޮނަދޫ މޫދު ސަރަހައްދުންނެވެ. މޫދުން ނަގާ ވެލި އަޅައިގެން މަގު އެއްވަރު ކުރުމަށް ފަހު ދެން އޮންނަ މަރުހަލާގައި މަގަށް ކޮންކްރީޓް އެޅުމަށް ވަނީ ހަމަައްސައިފަ އެވެ. އަދި ކޮންްކްރީޓް އެޅުމަށް ބޭނުންވާ ވެއްޔާއި ސިމެންތި ވެސް މިހާރު ވަނީ އެ އަތޮޅު ފޮނަދޫ އަށް ގެންގޮސްފަ އެވެ. އެއަށް ފަހު މަގުގެ އެންމެ މަތީގައި ފަށަލައަކަށް ތާރު އެޅުމަށް ވަނީ ހަމަޖައްސަައިފަ އެވެ.

ލިންކް ރޯޑް ބޭނުން ކުރާ އެ ރަށުގެ ޑްރައިވަރުން ބުނާ ގޮތުގައި ލިންކް ރޯޑު ހަދަނީ ފުލައިޓުތައް ވެސް ޖެއްސޭ ފެންވަރަށް ކަމަށާއި އައްޑޫ ލިންކް ރޯޑަށް ވުރެ ވެސް އެ ލިންކް ރޯޑު ފުރިހަމަވާނެ ކަމަށެވެ.

"ބޮޑަ މަގާ ހަދަނޫ އައްޑޫގެ ލިންކް ރޯޑަށް ވުރެ ވެސް ފެންވަރު ރަނގަޅަށް، އެމަގަ ހަދާ ނިމުމުން ފްލައިޓެއް ވެސް ޖެއްސޭނެ، އެހާ ވެސް ފެންވަރުގެ މަގެއް މިއޯ، ކައްދޫގެ ރަންވޭ އަށް ވުރެ ވެސް ވަރުގަދަ އަަށް މި މަގު މިހަދަނޫ،"

އެ ރަށު ކައުންސިލުން ބުނީ ލިންކް ރޯޑް ހެދުމަށް ބޭނުންވާ ވެލި ނަގަނީ އެންވައިރަމަންޓް މިނިސްޓްރީން ހުއްދަ ދީފައިވާ ސަރަހައްދުތަކުންނެވެ.

ލިންކް ރޯޑް ހެދުމަށް ގުޅިފައިވާ ރަށްރަށުން އެ މަގަށްވާ ގޮތަށް ހުރި ބައެއް ރުއްގަސްތައް ކަނޑާފައިވާ އިރު އެ މަގުގެ ބައެއް ސަރަހައްދުގައި އަދި ވެސް ކަނޑަންޖެހޭ ބަައެއް ރުއްތައް އެބަހުއްޓެވެ.

އެ ރަށުގެ ޒުވާނަކު ބުނީ މިރަށުގައި ބޮޑު މަގުގައި ވަރަށް ގިނަ ވެހިކަލް ދުއްވާ ކަމަށެވެ. ހާއްސަކޮށް ރޯދަމަހެއް ވެއްޖެއްޔާ ބޮޑު މަގު އޮންނާނީ ފުރިފައި ކަމަށް އޭނާ ބުންޏެވެ. "މިހާރު ސައިކަލެއް ގަނެގެން އޭތި ގަނޑު ފުނޑޭނީ މަގުތަކުގެ އަޑިގުނޑަން ކަމުން،" މަގު ހަދާ ނިމުމުން ސައިކަލެއް ގަންނަން މަޑުކޮށްގެން ހުރި ޒުވާނާ ބުންޏެވެ.

ލިންކް ރޯޑްގެ ތަރައްގީ ކުރުމުގެ ބިޔަ ބޮޑު މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތަކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާފައިވާ އެ މަޝްރޫއަކީ ޗައިނާ ސަރުކާރުން 30 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުކެވެ.

އެ މަަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރު ގަމުގެ 15.1 ކިލޯ މީޓަރުގެ ބޮޑު ލިންކް ރޯޑެއް އޮންނާނެ އެވެ. އަދި އެ ލިންކް ރޯޑާ މެދު އެ ރަށުގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެންތައް ވެސްް އެހާމެ ބޮޑެވެ.

ގުޅޭ ޓެގު
comment ކޮމެންޓް