ދިއްފުށި: އަމާންކަން ވިއްކައިގެން އެތައް ނަފައެއް!

ދިއްފުށިން: އަހުމަދު ސާއިލު އަލީ

މަލަމަތި ސިފަވަނީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގަ އެވެ. ރަށުތެރެ ވެސް ބޮޑަށް ފެންނަނީ ހަމަ އެގޮތަށެވެ. ހަލަބޮލިވެ އުޅޭތަން ގިނައިން ފެންނަނީ ދޮން މީހުންނެވެ. ހުސްފައިގައި ހިޔާލެއް ފިކުރެއްނެތި އެމީހުން އުޅެމުން ދަނީ ހަމަ އެރަށަށް އުފަން ބައެއް ވެސް އުޅޭނެ މިނިވަން ކަންމަތީ އެވެ. ދުނިޔެމަތީ ސުވަރުގެއޭ ބުނެވޭނެ ހުރިހާ ވެސް އިހްސާސެއް އެމީހުންނަށް އިހްސާސް ކުރެވޭ ކަހަލަ އެވެ. އާއެކެވެ. މިދައްކަވަނީ ކ. ދުއްފުށީގެ ވާހަ އެވެ. ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ޑޮލަރެއް އެވައްދަނީ ހަމަ އަމާންކަމުގެ ސަބަބުންނެވެ.

އަތޮޅު ތެރޭ ރަށްރަށަށް ޑޮލަރު ވައްދާ ވިޔަފާރިއަށް ވެސް އެހާމެ ފައްކަލެވެ. ގުދުރަތީ ރީތިކަން ވިއްކައިގެން އެހެރަ އާމްދަނީ ހޯދަނީ އެވެ. ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން އެރަށަކީ ވެސް ގުދުރަތީ ރީތި އެތައް ސިފައެއް ލިބިފައިވާ ރަށެކެވެ. އެ ހުރިހާ ކަމެއްގެ އިތުރުން އެރަށަށް ވަނީ މާ ބޮޑު ނަސީބެއް ލިބިފަ އެވެ. އެއީ އަމާން މުޖުތަމައުއެއްގެ އުފަލާއި ހިތްހަމަޖެހުމެވެ.
ދިއްފުށީ ގެސްޓް ހައުސްއެއް--

"މިރަށުގައި އަނެއްހެން ނުތިބޭނެ ކަންކަން މަތީގައެއް، ތިބޭ ބަޔަކު ވެސް އުޅޭނީ އަމިއްލައަށް މަސައްކަތް ކޮށްގެން ކައިގެން ބޮއެގެން. ވައްކަމެއް ނޯންނާނެ. މީހެއްގެ އެއްޗަކު އަތެއް ނުލާނެ،" ދިއްފުށީގައި ގެސްޓްހައުސްގެ ވިޔަފާރި ފެށި ހެޕީލައިފް މޯލްޑިވްސްގެ ވެރިޔާ ހަސަން އިދުވާން ވިދާޅުވި އެވެ.

އެއީ އެރަށު ހުރިހާ ރައްޔިތުންގެ ވެސް ހިތްހަމަޖެހުމެވެ. އެރަށުގައި މިވަގުތު ފަސް ގެސްޓްހައުސް އޮޕަރޭޓް ކުރަމުންދާ އިރު އެ ހުރިހާ ފަރާތަތެއްގެ ވެސް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެރަށުގެ އަމާން ކަމެވެ. އެބޭފުޅުންގެ ނަޒަރުގައި އެރަށުގެ ލޯކަލް ޓޫރިޒަމް ކުރިއަރާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ އެވެ. އެމީހުން އެރަށް ޕްރޮމޯޓް ކުރަނީ ވެސް އެޝިއާރުގެ ދަށުންނެވެ.

"އެގޮތަށް މިއަތޮޅުގައި ވެސް ނުހުންނާނެ މިކަހަލަ ރަށެއް. ޕޮލިސް ސްޓޭޝަނެއް ނުހުރޭ އެކަމަކު އެއްވެސް މައްސަލައެއް ނުނިކުންނާނެ،" މުހައްމަދު ޒައިދު ވިދާޅުވި އެވެ.
ސަން ޓީމް ގެސްޓްހައުސް ހިންގާ ފަރާތަކާއި އިންޓަވިއޫ ކުރަނީ--

ދިއްފުށީގައި ގެސްޓްހައުސް ވިޔަފާރި ހިންގާތާ އެތައް ޒަމާނެއް ވެފައިވާއިރު ވެސް މިހާތަނަށް އަދި އެރަށުގައި ޓޫރިސްޓަކަށް ގެއްލުމެއް ދިނުން ނުވަތަ ޓޫރިސްޓަކުގެ އަތުން ވައްކަން ކުރުން ފަދަ ނުކިއްސަރު އެއްވެސް ކަމެއް ހިނގާފައެއް ނެތެވެ. އޭގެ ބަދަލުގައި ޓޫރިސްޓުންގެ އަތުން ގެއްލިފައިވާތަކެތި ރައްޔިތުންނަށް ފެނުމުން ގެނެސްދީފައިއެބަހުއްޓެވެ. އެކަން އުފަލާ އެކު ޓޫރިސްޓުން ވެސް ފާހަގަކުރެ އެވެ.

"އަހަރުންތަނަށް އައި ދުބާއީގައި މަސައްކަތް ކުރާ ފުރާންސް މީހެއްގެ ވޮލެޓްގެއްލުނީ، ގެއްލިގެން ވެސް ހަމަ ގެއެއްގެ މީހަކު ހޮވާފައި ބާއްވާފައި އޮތީ. ދެން އަހަރުން އޭތި ހޯދަން ނުކުމެ އުޅެނިކޮށް ފެނިގެން އައިސްދީފި. އެގޮތަށް އެއްޗެއް ގެއްލުނަސް އެއްޗެއް ގެއްލިގެން ނުވެއް ދާނެ،" ޒައިދު ވިދާޅުވި އެވެ.

އަމާން އޮމާންކަމާ އެކު ކުރިއަށްގެންދާ އެވިޔަފާރިން އެތައް ނަފައެއް އެރަށަށް ދަނީ ހޯދަމުންނެވެ. ދެ ތިން ކޮޓަރިން އެވިޔަފާރިތެރެއަށް ވަތް އެތައް ގެސްޓުހައުސްއެއް އެއޮއްގެން ފުޅާކުރަނީ އެވެ.

ބިބީ މޯލްޑިވްސްގެ މަނޭޖަރު އިބްރާހިމް މުއިއްޒު އަކީ ވެސް އިއްސަށްގޮސް މަހަށް ގޮސް އުޅުނު ޒުވާނެކެވެ. ގެސްޓް ހައުސް ވިޔަފާރި ފެށީ އާއިލާގެ އެހީތެރިކަމާ އެކު އެވެ. ޒުވާން އުމުރުގައި މިއަދު އޭނާއަކީ ބޮޑު އާމްދަނީއެއް ލިބޭ ޒުވާނަކަށް ވާއިރު ހަތަރު ކޮޓަރީގެ ގެސްޓް ހައުސް ބޮޑުކުރަން އަމާޒު ވަނީ ހިފާފަ އެވެ. މުއިއްޒު ގަބޫލް ކުރައްވާ ގޮތުގައި އޭނާގެ ވިޔަފާރިއަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ އެރަށުގެ އަމާން ކަމެވެ.

އެއީ އިންތިހާއަށް ފައިދާވާ ވިޔަފާރިއެއްކަމުގެ އެހެން މިސާލަކަށް ބަލާލަމާތޯ އެވެ. އެރަށުގައި މިވަގުތު ހުރި އެންމެ ބޮޑު އަދި އެންމެ ފުރިހަމަ އެއް ގެސްޓުހައުސް ކަމަށްވާ ރަށު ހިޔާގެ އޮޕަރޭޝަން މެނޭޖަރު އަހުމަދު އިމްރާން ވިދާޅުވީ އެފުރިހަމަ 18 ރޫމުގެ ގެސްޓު ހައުސްއަކީ 16 މިލިއަން ރުފިޔާގެ އިންވެސްޓް މަންޓެއް ކަމަށެވެ. ޓޫރިސްޓުންގެ ތަރުހީބް އެވިޔަފާރިއަށް ބޮޑަށް ލިބެމުން އަންނާތީ ކުރިއަށްއޮތް ތިން އަހަރު ތެރޭ އެބޮޑު އިންވެސްޓް މަންޓް ކަވަރުވާނެ ކަމަށް އޭނާ ގަބޫލް ކުރެއެވެ. އެބޮޑު އިންވެސްޓްމަންޓް އެންމެ ތިން އަހަރުން ކަވަރުކޮށްލެވުމަކީ އެވިޔަފާރީގެ ފައިދާ ރަނގަޅަށް ސިފަވާ ސަބަބެކެވެ.

"މިހާރު މިދާގޮތުން ފުދޭވަރަކަށް އަވަހަށް އިންވެސްޓްމަންޓް ކަވަރުވާނެ. އަޅުގަނޑު އަމިއްލައަށް ލަފާ ކުރާގޮތުގައި ތިން އަހަރު ތެރޭ ކަވަރުވާނެ،" އިމްރާން ވިދާޅުވި އެވެ.

ދިއްފުށީގެ ގެސްޓްހައުސް ވިޔަފާރިއަށް ބަލާއިރު އަބަދުވެސް އެރަށުގައި 30 ވަރަކަށް ގެސްޓުން އުޅެ އެވެ. އެއް ދުވަހަށް ރޫމް ދޫކުރަނީ 80 ޑޮލަރާއި 90 ޑޮލަރާއި ދޭތެރޭ އަގުތަކެއްގަ އެވެ. މޫދު ކުޅިވަރުތަކުގެ ހިދުމަތް ދޭއިރު ގިނައިން ޓޫރިސްޓުން ވަގުތު ހޭދަކުރަނީ ގޮނޑުދޮށްތަކުގައި ބަހައްޓާފައި ހުރި ކުޑަތައް ދަށުގައި އަރާމު ކުރުމުގަ އެވެ. ގެސްޓްހައުސްތަކަށް ކުރާ ހޭދައިގެ އިތުރުން ޓޫރިސްޓުން ދަނީ ރަށުގެ އެކި ފިހާރަތަކަށާއި ކެފޭ ތަކަށް ހަރަދުކުރަމުންނެވެ. އެތައް ގޮތަކުން އެރަށަށް އާމްދަނީ ލިބެނީ އެވެ.

ވަޒީފާތަކަށް ބަލާއިރު އެރަށުގެ ޒުވާނުންނަށް އެއީ ރަށުގައި ތިބެގެން ފައިސާ ހޯދަން އޮތް ރަނުގެ ފުރުސަތެކެވެ. ގެސްޓްހައުސްތަކުގައި ގިނައިން ވަޒީފާގައި އުޅެނީ ރަށުގެ ޒުވާނުންނެވެ. އޭގެ އިތުރުން ގެސްޓްހައުސްތަކުގެ ތަކެތި ދޮންނަން ހަވާލުކޮށްފައި ވަނީ ގެވެހި އަންހެން ވެރިންނަށެވެ. ސެކިއުރިޓީ ބަލަހައްޓަނީ ރަށުގެ މެދުއުމުރުގެ މީހުންނެވެ. މިއީ ހައްތަހާ ވެސް އެރަށަށް އާމްދަނީ ލިބޭ މަގުތަކެވެ.

ޓޫރިސްޓުން އެރަށަށް ދަތުރުކުރާ މަގަކީ އެމްޓީސީސީ ފެރީ އެވެ. އެއީ ތިން ހަތަރު ގަޑިއިރުގެ ދަތުރެކެވެ. ޓޫރިސްޓުންގެ ހިތްހަމަޖެހުމަކީ ދަތުރުގެ އަގު ކުޑަވުމާއި ކަނޑުގައި ގިނައިރު ދަތުރެއްކޮށްލުމެވެ. ނަމަވެސް ބައެއް ދަތުރުތައް ލޯންޗުތަކުގައި ވެސް ކުރެއެވެ. ޓޫރިސްޓުނަށްޓަކައި ދިވެހި ކެއުމާއި ޒަމާނީ އެތައް ކެއުމެއް ލިބޭނެ އިންތިޒާމް ހުރީ ހަމަޖައްސާފަ އެވެ.

އެހެން ކަމުން ޖުމުލަކޮށް އެރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަނީ ވަރަށް ފަހިގޮތަކަށެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު ދައްޗަކަށް ވެފައިވަނީ ފެނުގެ މައްސަލައެވެ. ފެނުން ނުބައިވަސް ދުވުމާއި ފެން ލޮނުވުމެވެ. ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ބުނާ ގޮތުން މިއަހަރު ތެރޭގައި އެރަށުގެ ނަރުދަމާއާއި ފެނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ދެން އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ކުނީގެ މައްސަލަ އެވެ.

ދިއްފުށީ ކައުންސިލްގެ ނައިބް ރައީސް ހުސެއިން ޝަހުނީޒު ވިދާޅުވީ، އެ ރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރަމުންދަނީ އެކަށީގެންވާ ރަނގަޅު އުސޫލްތަކެއްގެ މަތިން ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށު ގެސްޓް ހައުސްތަކާ ގުޅޭ ގޮތުން ޝަކުވާތަކަކާއި މައްސަލަތަކެއް ފެންމަތިނުވާ ކަމަށް ވިދާޅުވި އެވެ.

ޓޫރިސްޓުންގެ ފަރާތުން ބައެއް ފަހަރު ދިވެހި އާދަކާދަތަކާއި ނުގުޅޭ މަންޒަރުތައް ފެނުމާއި އާންމު ރައްޔިތެއްގެ ފަރާތުން ޓޫރިސްޓަކު ހިތްހަމަ ނުޖެހޭނެ މަންޒަރެއް ފެނިދާނެތީ މިހާރު ކައުންސިލްގެ ޕްލޭންތައް ހުރީ ޓޫރިސްޓުން އަރާމު ކުރަން ގޮނޑުދޮށުގައި ވަކި ސަރަހައްދެއް ގާއިމް ކުރުމަށެވެ.

ލޯކަލް ޓޫރިޒަމްގެ ވިޔަފާރިން އެތައް ރަށަކުން ދަނީ ނަފާހޯދަމުންނެވެ. ނަމަވެސް ބައެއް ރަށްރަށުގައި އެ ވިޔަފާރިއާ އެކު ނުކިއްސަރު ކަންތައްތަކެއް ފެންމަތިވެ އެވެ. ޓޫރިސްޓަކަށް ގެއްލުމެއް ވެދާނެތީ ބިރުގަންނަންޖެހެ އެވެ. ނަމަވެސް ދިއްފުށީގައި މަންޒަރު ތަފާތެވެ. މިހާތަނަށް އެރަށް ފެންނަނީ ވަރަށް ސުލްހަވެރިރަށެއްގެ ގޮތުގަ އެވެ. އެނަން ދައްކައި އެރަށަށް އެތައް ނަފާއެއް އެދަނީ ހޯދަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް