1000ރ.ގެ ނޫޓާ އެކު ދައުރުވާ ފައިސާ އިތުރެއްނުވާނެ!

އެއްހާސް ރުފިޔާގެ ނޫޓް ތައާރަފް ކުރުމަށް ނިންމި ހިސާބުން ދިވެހި ފައިސާގެ އަގު ވެއްޓެނީ ކަމަށް ސިފަކުރަން ފެށި އެވެ. އެއްބަޔަކު ބުނަމުން ދަނީ އެއީ ފައިސާގެ އަގު ވެއްޓޭކަމުގެ ހެއްކެއް ކަމަށެވެ. އަނެއް ބަޔަކު ސިފަކުރަނީ އެއީ ތަކެތީގެ އަގު ބޮޑުވާނެ ކަމުގެ ސާފު ހެއްކެއް ކަމަށެވެ. އެކި މޭޒުތައް ދޮށުގައި އެކި ރާގުރާގަށް އެވާހަކަތައް ދެކެވޭ އިރު މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ސިފަކުރާ ގޮތުގައި އާ ނޫޓަކީ އިގްތިސާދަށް ބިރެއް ނޫނެވެ.

އެމްއެމްއޭގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އަލަށް ނެރޭ 1000 ރުފިޔާ ބާޒާރަށް ނެރޭނީ އިތުރަށް ފައިސާ ދައުރުނުވާ ގޮތަށެވެ. އެގޮތުން ކޮންމެ 1000 ރުފިޔާގެ ނޫޓެއް ބާޒާރަށް ނެރޭނީ 500 ރުފިޔާގެ ދެ ނޫޓް އެމްއެމްއޭ އަށް ނެގުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"އިތުރަކަށް ފައިސާ އިގްތިސާދަށް ނެރޭނީއެއް ނޫން، ބޭރުން ދެ ފައްސަތޭކަ ކަލެކްޓް ކުރުމަށް ފަހު އެއްހާސް ރުފިޔާގެ ނޫޓް އިގްތިސާދަށް ނެރޭނީ." އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 1000 ރުފިޔާގެ ނޫޓް ތައާރަފް ކުރާނީ އިގްތިސާދަށް ބޭނުންވާ ވަރަށް ޑިމާންޑަށް ބަލައިގެން ކަމަށެވެ. އެއީ އެއްވެސް ގޮތަކަށް އިގްތިސާދަށް ދިވެހި ފައިސާ އިތުރުކުރުމަށް ޗާޕް ކުރުން ނޫން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ފައިސާގެ އަގުވެއްޓުމުގެ ބިރެއްނެތެވެ.

ގިނަ ބަޔެއްގެ އެ ކަން ބޮޑުވުމަށް ޖަވާބު ލިބިފައިވާ އިރު ދެން އެންމެ ގިނަ ބަޔަކު އުފައްދާ ސުވާލަކީ 1000 ރުފިޔާގެ ނޫޓެއް ތައާރަފް ކުރުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟

މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ 1000 ރުފިޔާ ތައާރަފް ކުރަން ނިންމީ ބޮޑެތި ފައިސާގެ މުއާމަލާތް ކުރައްވާ ފަރާތްތަކަށް ފަސޭހައަކަށެވެ.

ރާއްޖޭގެ އިގްތިސާދަށް ބަލާއިރު ގިނައިން ފެންނަނީ ނަގުދު ފައިސާގެ މުއާމަލާތްތައް ކުރެވޭ ތަނެވެ. އެގޮތުން ގޭގޭ ކުލި ދެއްކުމާއި މަސްވެރިކަން ފަދަ ސިނާއަތްތަކާއި އެކި ވިޔަފާރިތަކުން އަދި ވެސް ގިނަ އަދަދަކަށް ނަގުދު ފައިސާ ބޭނުން ކުރަމުންދާތީ 500 ރުފިޔާގެ ގިނަ ނޫޓްތަކެއް ގެންގުޅެންޖެހުމުން އެކަން ވަނީ ބޮޑު ތަކުލީފަކަށް ވެފަ އެވެ. އެހެންކަމުން 1000 ރުފިޔާގެ ނޫޓާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ގަބޫލް ކުރެއެވެ.

ދެން ވެސް ދެކެވެނީ ބޮޑު ސުވާލެއްގެ ވާހަކަ އެކެވެ. އެއީ ތަކެތީގެ އަގުތައް މައްޗަށް ދާ ކަމުގެ ވާހަކަ އެވެ. އެމްއެމްއޭ އާއި އިގްތިސާދީ ބައެއް ތަޖުރިބާ ކާރުން ގަބޫލް ކުރާ ގޮތުގައި ޑިނޯމިނޭޝަންއަކަށް ނުވަތަ ފައިސާގެ ނޫޓުގެ އަދަދަކަށް ބަދަލެއް ގެނެސްގެން ތަކެތީގެ އަގު ބޮޑެއް ނުވާނެ އެވެ. ނަމަވެސް ގިނައިން ފައިސާ ޗާޕް ކުރާ ނަމަ ދިވެހި ފައިސާ އަގު ދަށަށް ގޮސް ތަކެތީގެ އަގު މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އެމްއެމްއޭ އިން ބުނަނީ އާ ސީރީޒްތަކާއެކު ވެސް އިތުރަށް ފައިސާ ޗާޕް ނުކުރާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަށް ބަލާއިރު ތަކެތީގެ އަގު މައްޗަށްދާ މިއުޅެނީ މައިގަނޑު ދެ ތިން ސަބަބެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ޑޮލަރު ލިބޭ އަގު މަތިވުމެވެ. މިސާލަކަށް 15.42 ރުފިޔާ އަށް ޑޮލަރެއް ގަނެގެން ތަކެތި ގެނެސް ވިއްކާ އަގާއި 18 ރުފިޔާ އަށް ޑޮލަރު ގަނެގެން ތަކެތި އިމްޕޯޓްކޮށްގެން ވިއްކޭނެ އަގާއި ބޮޑު ފަރަގެއް ހުންނާނެ އެވެ. އަނެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް މައްޗަށް ދިއުމެވެ. ހަމައެހެންމެ ވިޔަފާރި ހިދުމަތްދޭ ތަންތަނުގެ ކުލީގެ އަގުތަކާއި މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން ޖެހުމަކީ ވެސް ތަކެތީގެ އަގު މަތިވާ ސަބަބުތަކެވެ. އެއީ އެއް ގޮތަކަށް ވެސް ފައިސާގެ އަދަދަށް ގެންނަ ބަދަލާއި ގުޅުން ހުރި ކަމެއް ނޫނެވެ.

އެމްއެމްއޭ އިން ގަބޫލް ކުރާގޮތުގައި އަލަށް ރާއްޖެއަށް ތައާރަފް ކުރާ 1000 ރުފިޔާގެ ނޫޓަކީ ވިޔަފާރި ކުރަން އާންމުކޮށް ބޭނުން ކުރާނެ ނޫޓެއް ނޫނެވެ. އެ ނޫޓް ބޮޑަށް ބޭނުންކުރާނީ ބެންކްތަކާއި އެކިއެކި ސިނާއަތްތަކުގެ މުއާމަލާތްކަށާއި ބޮޑެތި ވިޔަފާރިތައް ކުރުމަށް ކަމަށް އެމްއެމްއޭ އިން ގަބޫލްކުރެ އެވެ.

"މިހާރު ވިޔަފާރި ކުރަން އެންމެ ގިނައިން ދައުރު ކުރެވެނީ 500 ރުފިޔާ، ނަމަވެސް ދުނިޔޭގެ ގައުމުތަކުގައި އެންމެ މަތީ ފައިސާގެ އަދަދަކީ އެހާ އާންމުކޮށް ބޭނުން ކުރެވޭ ނޫޓެއް ނޫން. އެހެން ކަމުން ރާއްޖޭގައި ވެސް އެއާދަ އަށަގަތުމަށް 1000 ތައާރަފް ކުރަނީ،" އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެއްހާސް ރުފިޔާގެ ނޫޓާ އެކު ދެން އަންނަ ބޮޑު ބަދަލެއް ކަމަށް ފާހަގަކުރެވެނީ ފަސް ރުފިޔާގެ ކަރުދާސް ރުފިޔާގެ ބަދަލުގައި ފައިސާ ފޮއްޗެއް ތައާރަފް ކުރުމެވެ. އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ، ފަސް ރުފިޔާއަކީ މިހާރު ވަރަށް ގިނައިން މާރުކުރާ ފައިސާއަކަށް ވުމުން ކަރުދާސް ރުފިޔާ ހަލާކުވާ ކަމަށެވެ. އެ ފައިސާ ގިނަ އިން ޗާޕްކުރަން ޖެހުމުން ހަރަދު ބޮޑުވާތީ ފަސް ރުފިޔާ، ފައިސާފޮއްޗެއްގޮތަށް ނެރުމުން އެކަމަށް ހައްލު ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އާ 1000 ރުފިޔާއާ އެކު ފެތުރޭ ވާހަކަތަކަށް އެމްއެމްއޭ އިން މިވަނީ ޖަވާބްތައް ދީފަ އެވެ. އާ ނޫޓެއް ވިޔަސް އިތުރު ފައިސާގެ އަދަދުތަކެއް އިގްތިސާދުގައި އިތުރުކުރަން ނުވިސްނަ އެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި ޑިނޯމިނޭޝަން އަށް އަންނަ ބަދަލާ އެކު ތަކެތީގެ އަގަށް ބިރުވެރި ކަމެއް ނެތެެވެ. މިވާހަކަތަކާ އެކު އާ ނޫޓާ އެކު މިއޮތީ ހިނިތުންވުމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް