މޯދީގެ ދަތުރުފުޅު ލަސްވުމާ، ނަޝީދުގެ ޝަރީއަތާ ގުޅުމެއް ނެތް: ތަރުޖަމާން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެއްވުމާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތާ އެއްވެސް ގުޅުމެއް ނެތްކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ ނޫހުން މިއަދު ބުނީ މޯދީ އަންނަ ހަފްތާގައި ސަރަހައްދުގެ ބައެއް ގައުމުތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ލިސްޓުން ރާއްޖެ އުނިކޮށްފައި ވާ ކަމަށެވެ. އަދި ސްރީލަންކާ އާއި މޮރިސަސް އާއި ސީޝެލް އަށް ދަތުރު ފުޅު ކުރައްވާނެ ކަމަށްވެސް އެ ނޫހުން ބުނެފައިވެ އެވެ.

މޯދީ ރައްޖެއަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "ޕީއެމް މޯދީ ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅު ލަސްވުމާ، ނަޝީދުގެ ޝަރީއަތާ އެއްވެސް ގުޅުމެއް ނެތް. މީ ދެ ސަރުކާރުގެ ނިންމުމެއް،" ކަމަށެވެ.



ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ވެބްސައިޓްއިޓްގައި ބުނެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅު ފަސްކުރައްވަން ނިންމާފައި ވަނީ، އެ ދަތުރުފުޅަށް ތައްޔާރުވުމަށް ދެގައުމުގެ ސަރުކާރަށް ވެސް އިތުރަށް ވަގުތުދޭން ބޭނުންވާތީ ކަމަށެވެ.

"ދަތުރުފުޅުގެ ތާރީޚާ ބެހޭގޮތުން އިންޑިއާ އާއި ރާޖެއާ ދެމެދުގައި ވަނީ މަޝްވަރާ ކުރެވިފައި. އަދި ދެގައުމުން އެއްބަސްވެފައި ވަނީ، އެ ދަތުރުފުޅަށް ތައްޔާރުވުމަށް ދެގައުމަށް ވެސް އިތުރު ވަގުތު ދިނުމުގެ ގޮތުން ދަތުރުފުޅު ފަސްކުރަން ދެގައުމުން ވަނީ ނިންމާފައި. އަދި ދަތުރުފުޅުގެ އާ ތާރީޚު ދެގައުމުން 'ފައިނަލައިޒްޑް' ކުރެވުމުން އިއުލާނު ކުރެވޭނެ،" ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ.


އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނެފައި ވަނީ، އެގައުމުގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލްކުރެއްވި ސަބަބު ސަރުކާރުން ނުބުނާ ކަމަށެވެ. ނަމަވެސް ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނީ މޯދީ ރާއްޖެއަށް ވަޑައިނުގަންނަ ވަނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ "ދާޚިލީ ކަންކަމާ ނުބެހުމުގެ" ގޮތުން ކަމަށެވެ.

އިންޑިއަން އޯޝަންގެ ގައުމުތަކަށް ބޮޑުވަޒީރު މޯދީ ކުރައްވާ ދަތުރުފުޅުން ރާއްޖެ އުނިކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށް އިންޑިއާގެ ނޫސްތަކުން ސިފަކޮށްފައި ވެއެވެ. ސަބަބަކީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އިއުލާން ކުރައްވާފައި ވާތީ ކަމަށް ދަ ހިންދޫގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު