މެސީ ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ މުއްސަނދި ކުޅުންތެރިޔަކަށްް ރޮނާލްޑޯ

ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ފީފާ ބެލޮންޑޯ އެވޯޑް މިދިޔަ އަހަރު ހާސިލްކުރި ރެއާލް މެޑްރިޑް އަދި ޕޯޗްގަލްގެ ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

ފުޓްބޯޅަ ކުޅުންތެރިންގެ ޖުމްލަ މުސާރަ އާއި އާމްދަނީއަށް ބެލުމަށްފަހު ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ "ގޯލް"އިން ހޮވާ އެންމެ މުއްސަނދި ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯއަށް ލިބިފައިވަނީ، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖުމުލަ ހަތަރު ފަހަރު ހޯދާފައިވާ ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ރޮނާލްޑޯއަށް ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ، އޭނާގެ މިލްކިއްޔާތުގައި ހުރި 232 މިލިއަން ޑޮލަރާއެކުގައެވެ. އޭނާގެ ފަހަތުން ދެވަނަ މެސީއަށް ލިބުނީ ރޮނާލްޑޯއަށް ވުރެއް 11 މިލިއަން ޑޮލަރުގެ ތަފާތަކުންނެވެ. މެސީގެ ޖުމްލަ މިލްކިއްޔާތުގައި ހުރީ 221 މިލިއަން ޑޮލަރެވެ.

މިހާރު ކުޅެމުންދާ ރެއާލް މެޑްރިޑާއެކު ހަދާފައިއޮތް އެއްބަސްވުން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާކުރުމުން ރޮނާލްޑޯއަށް އަހަރަކު 20 މިލިއަން ޑޮލަރުގެ ލިބެ އެވެ. އަދި މިދިޔަ އަހަރު ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރެއާލް މެޑްރިޑަށް މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުން އޭނާއަށް ލިބެމުންދިޔަ ބޯނަސްތައް އިތުރުވި އެވެ.

މީގެ އިތުރުން، ސްޕޮންސާޝިޕްތަކުން ރޮނާލްޑޯއަށް 27.6 މިލިއަން ޑޮލަރު މިދިޔަ އަހަރު ޖެހިފައިވާއިރު، މުދަލުގެ އަގު 33 މިލިއަން ޑޮލަރަށް އަރައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނަ 149 މިލިއަން ޑޮލަރާއެކު ލިބިފައިވަނީ، ބްރެޒިލްގެ ކެޕްޓަން އަދި ބާސެލޯނާގެ ފޯވާޑް ނޭމާ އަށެވެ. މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި ނޭމާއަށް މިދިޔަ އަހަރު އެކަނި ވެސް ވަނީ 41 މިލިއަން ޑޮލަރު ލިބިފައެވެ.

ލިސްޓުގެ ހަތަރު ވަނަ ލިބިފައިވަނީ، ސްވިޑަންގެ ކެޕްޓަން އަދި ފްރާންސްގެ ޕެރިސް ސައިންޓް ޖާމައިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް އެވެ. އޭނާއަށް ހަތަރު ވަނަ ލިބިފައިވަނީ މިލްކިއްޔާތުގައި ހުރި، 116 މިލިއަން ޑޮލަރާ އެކުގައެވެ.

އިބްރަހިމޮވިޗަށް ލިސްޓުގެ ހަަތަރު ވަނަ ލިބުނުއިރު، 114 މިލިއަން ޑޮލަރު މިލްކިއްޔާތުގައި ހުރި އިންގްލޭންޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ވޭން ރޫނީ ހިމެނިފައިވަނީ ލިސްޓުގެ ފަސް ވަނައިގައެވެ.

ތިރީގައި އެވަނީ ގޯލް އިން ހޮވި ދުނިޔޭގެ އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ބާކީ ކުޅުންތެރިންނެވެ.

ބްރެޒިލްގެ ރިކާޑޯ ކަކާ – 106 މިލިއަން ޑޮލަރު
ކެމަރޫންގެ ސެމުއެލް އެޓޫ - 95.9 މިލިއަން ޑޮލަރު
ސްޕެއިންގެ ރައުލް ގޮންޒާލޭޒް - 93.7 މިލިއަން ޑޮލަރު
ބްރެޒިލްގެ ރޮނާލްޑީނިއޯ - 91.5 މިލިއަން ޑޮލަރު
އިންގްލޭންޑުގެ ފްރޭންކް ލަމްޕާޑް – 88 މިލިއަން ޑޮލަރު
ބާސްޓިއަން ޝްވެއިންސްޓައިގާ - 82.7 މިލިއަން ޑޮލަރު
އިންގްލޭންޑުގެ ރިއޯ ފާޑިނެންޑް – 79 މިލިއަން ޑޮލަރު
އިޓަލީގެ ކީޕަރު ޖިއާން ލުއިޖީ ބުފަން - 74.9 މިލިއަން ޑޮލަރު
އިންގްލޭންޑުގެ ސްޓީވަން ޖެރާޑް – 70 މިލިއަން ޑޮލަރު
އައިވަރީ ކޯސްޓްގެ ޔާޔާ ޓޯރޭ – 68 މިލިއަން ޑޮލަރު
ފްރާންސްގެ ފްރޭންކް ރިބަރީ - 67 މިލިއަން ޑޮލަރު
އިޓަލީގެ ފްރެންސެސްކޯ ޓޮޓީ – 66 މިލިއަން ޑޮލަރު
ސްޕެއިންގެ ޖެރާޑް ޕީކޭ - 63.9 މިލިއަން ޑޮލަރު
އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ - 63.9 މިލިއަން ޑޮލަރު
އިންގްލޭންޑުގެ ޖޯން ޓެރީ - 61.7 މިލިއަން ޑޮލަރު
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު