ޝިޔާމް ހެކިބަސް ދެއްވުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި، އެމަނިކުފާނާ ދެކޮޅަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ހެކިބަސް ދެއްވާފައިވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޝިޔާމް ކޯޓަށް ހާޒިރުކުރައްވައި އޭނާގެ އަރިހުން ހެކި ބަސް ނެންގެވުމަކީ އަސްކަރިއްޔާއަށާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގެ އިއްޒަތާ ގަދަރަށް ލިބުނު ނިކަމެތިކަމެ ކަމަށެވެ.

ދައުލަތުގެ އަސްކަރިއްޔާގެ އެންމެ ގަދަރުވެރި، އެއް މަގާމަށް ކުޑައިމިސްކަމެއް ލިބޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް ބާރަކުން ކުރެއްވުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހަށް ޝިޔާމް ހާޒިރުކުރުމުން ރައީސް ނަޝީދު ވަނީ އޭނާގެ ހެކިބަސް ނެންގެވުމާ ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޝިޔާމަކީ މިގައުމުގެ ޗީފް އޮފް ޑިފެންސް ފޯސް ކަމަށާއި އެހެންކަމުން އޭނާގެ ހެކިބަސް ނުނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެހެންނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމީ ޝިޔާމްގެ ހެކިބަސް ނެގުމަށެވެ. ހެކިބަސް ދެއްވަމުން ޝިޔާމް ރޭ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ޒިންމާ ސިފައިން ނަގަން ނުޖެހޭނެ ކަމަށް ސިފައިންގެ އޮފިސަރުންތަކަކާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި އެކަމުގެ ލިޔުމެއް ބޭނުންވާ ކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އަހްމަދު މުހައްމަދު އެދިވަޑައިގަތުމުން އެފަދަ ލިޔުމެއް ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ޝިޔާމް ވަނީ ރޭ ވިދާޅުވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު