ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ފީފާއަށްވެސް ފާޑެއް ނުކިޔޭނެ: ކޯނެލް

ފީފާގެ ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގު ކުރުމާއި، އެކަންކަން ނައްތާލުމަށް ކުރާ މަސައްކަތުގައި ފީފާގެ އިސްވެރިންގެ ފާޑުކިޔުންތައްވެސް ބަލައި ނުގަންނާނެ ކަމަށް ފީފާގެ އެތިކްސް ކޮމިޓީއާ އަލަށް ހަވާލުވި ކޯނެލް ބޯބެލީ ވިދާޅުވެއްޖެ އެވެ.

ސްވިޒަލޭންޑުގެ އެޓާނީއެއް ކަމަށްވާ ކޯނެލް ރޮއިޓާސްއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތެއް ތަހުގީގު ކުރުމާއި ނުކުރުން، އަދި އެކަމުގައި ކަންކުރާނެ ގޮތްވެސް ނިންމާނީ އޭނާ އަމިއްލައަށް ކަމަށެވެ. އަދި އެކަމުގައި ފީފާގެ އެކްސްކޯއަށާއި އެ އިދާރާގެ އެއްވެސް ފަރާތަކަށް ގޮތް ކިޔަން ފުރުސަތު ނުދެއްވާނެ ކަމަށް ކޯނެލް ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގު ކުރުމުގައި އެއްވެސް ފަރާތެއްގެ އޯޑަރަކަށް އަހަރެން ކިޔަމަންތެރިއެއް ނުވާނަން. ފީފާއާމެދު ކޮރަޕްޝަންގެ ތުހުމަތެއް ކުރެވޭ ހިނދު، އެކަން ތަހުގީގު ކުރާނީތޯ، އެކަން ކުރާނީ ކިހިނެއްތޯ އަދި އެކަން ނިންމާނީ ކޮން އިރަކުންތޯ، އެއީ އަހަރެން އަމިއްލައަށް ނިންމާނެ ކަންކަން. އެކަމުގައި ފީފާގެ އެކްސްކޯއަށްވެސް، އަދި އެހެން ފަރާތަކަށްވެސް ބަހެއް ނުކިޔޭނެ،" ކޯނެލް ވިދާޅުވި އެވެ.

ކުރިއަށް އޮތް 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރަން ބިޑު އުސޫލުން ރަޝިއާ އަށާއި ގަތަރަށް ފީފާއިން 2010 ވަނަ އަހަރު ދިނުމުން، އެކަން ފީފާއިން ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ފީފާ އެތިކްސް ކޮމިޓީގެ ކުރީގެ ޗެއާމަން މައިކަލް ގާސިއާ ރިޕޯޓެއް ނެރުއްވުމުން، އެ ރިޕޯޓާމެދު ފީފާއިން ކަންތައް ކުރިގޮތާ މެދު ހިތްހަމަ ނުޖެހިގެން ގާސިއާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ފީފާއަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގު ކުރުމަށްފަހު ގާސިއާ ވަނީ 430 ސަފްހާގެ ހުލާސާ ރިޕޯޓެއް ނެރުއްވާފައެވެ. ނަމަވެސް ފީފާއިން އެ ރިޕޯޓް އާންމުކުރީ 42 ސަފްހާގެ ހުލާސާ ބަޔާނެއްގެ ގޮތުގައެވެ.

އޭގެ އިތުރުން ފީފާއާމެދު ކޮރަޕްޝަންގެ ތުހުމަތުތައް ކުރާ ފަރާތްތަކާ މެދު އެ އިދާރާއިން ކަންތައް ކުރަމުން ދަނީ ވަރަށް ހަރުކަށިކޮށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައި ވާއިރު، ކޯނެލް ވަނީ އެކަން ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފީފާގެ ފަރާތުން ތަހުގީގު ކުރަންޖެހޭ ފަދަ އެއްވެސް ކަމެއް ފެނިއްޖެނަމަ އެކަން ތަހުގީގު ކުރައްވާނެ ކަމަށްވެސް ކޯނެލް ވިދާޅުވި އެވެ.

"ފީފާއާމެދު އެއްވެސް ތުހުމަތެއް، ނޫނީ ޝަކުވާއެއް އޮވެއްޖެ ނަމަ އެ މައްސަލަ ޖައްސަން ބޭނުންވާ ފަރާތަށް އެއްވެސް ބިރަކާ ނުލާ އެކަން ކުރެވޭނެ. އަދި އޭނާ ކުރާ ޝަކުވާ ވަރަށް ރަނގަޅަށް އަހަރުމެން ބަލާނަން. ތަހުގީގު ކުރަން ޖެހޭވަރުގެ އެއްވެސް އަމަލެއް ފީފާގެ އެއްވެސް ފަރާތަކުން ފެންނަތޯ އަހަރެން ވަރަށް ރަނގަޅަށް ބަލާނަން. އަދި އެފަދަ ކަމެއް ފެނިއްޖެ ނަމަ، ޕްރިލިމިނެރީ ތަހުގީގެއް ވަގުތުން ފަށާނަން،" ކޯނެލީ ވިދާޅުވި އެވެ.

މިދިޔަ ޑިސެންބަރު މަހު ފީފާގެ އެތިކްސް ކޮމިޓީގެ ޗެއާމަންގެ މަގާމުން ގާސިއާ އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އައްޔަނުކުރި ކޯނެލީއަކީ މީގެ ކުރިން ސްވިޒަލޭންޑުގެ ވެރިރަށް ޒުރިކްގައި ތިން އަހަރު ވަންދެން އިގްތިސާދީ ކުށްތައް ތަހުގީގުކުރާ ޔުނިޓެއްގެ އެންމެ އިސް މަގާމް އަދާކުރައްވައިފައެވެ. އޭގެ އިތުރުން މީގެ ކުރިން އޭނާ ވަނީ މިލިޓަރީ ޓްރައިބިއުނަލްއެއްގައި ޕްރޮސެކިއުޓަރެއްގެ މަގާމްވެސް އަދާ ކުރައްވައިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު