ކަނޑުމަތީ މުޒާހަރާގައި އުޅަނދުތަކަށް ހުއްދަދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ނޭރުވުމަށް އިލްތިމާސްކޮށްފި

އެމްޑީޕީ އިން މިއަދު ހަވީރު ކަނޑުމަތީގައި ބާއްވާ މުޒާހަރާގައި އުޅަނދު ތަކަށް މީހުން އަރުވަން ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ނޭރުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މުޒާހަރާގައި ބޭނުންކުރާ އުޅަނދު ތަކަށް މީހުން އަރުވަން ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ނޭރުވުމަށް އޮޑިދޯނިފަހަރު ދުއްވާ ފަރާތްތަކަށާއި އޮޑި ދޯނިފަހަރުގެ ވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ކަނޑުމަތީގައި މުޒާހިރާގައި އޮޑިދޯނިފަހަރު ހަރަކާތްތެރިވަމުންދާއިރު އޮޑިދޯނިފަހަރުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލުމަށް ފުލުހުން އެ އުޅަނދަކަށް އަރައި ބަލައި ފާސްކުރަން ޖެހިއްޖެނަމަ އެ އުޅަނދުތައް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މިގޮތަށް ބަލައި ފާސްކުރާއިރު ސަލާމަތީ ގޮތުން އެ އުޅަނދުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަނުވެ ހުރިނަމަ އެއުޅަނދެއް ހުއްޓުވައި އަނބުރައި ފޮނުވައި ލެވޭނެއެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ ގާނޫނާ ގަވާއިދާ ޚިލާފުވެއްޖެނަމަ އެފަދަ އުޅަނދެއްގެ ކެޕްޓަނާއި އުޅަނދު ދުއްވުމުގައި ޒިންމާވާ އިސްފަރާތާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

"ކަނޑުމަތީގައި މިއަދު ކުރާ މުޒާހިރާގެ ބައިވެރިން ގޮވައިގެން، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގެ 7 ވަނަ ނަމްބަރުގައި ބަޔާން ކޮށްފައިވާ ތަންތަނުންކުރެ ތަނަކަށް ހިނގައްޖެނަމަ އެ އުޅަނދެއް ދުއްވަން ހުރި މީހަކާ އުޅަނދު ދުއްވުމުގައި ޒިންމާވާ އިސްފަރާތަކާމެދު ފިޔަވަޅު އަޅާނެވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ކަނޑުމަތީގައި ކުރާ މުޒާހިރާގައި ބައިވެރިވާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު