ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖު: ޕާކް ބޯއިސް ފެށުން ރަނގަޅުކޮށްފި

ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާއި ހުޅުމާލެ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖުގައި، އިއްޔެ އެ ޓީމް ކުޅުނު ފުރަތަމަ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، ހުޅުމާލެ ޕާކް ބޯއިސް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

އިއްޔެ ރޭ އެޗްޑީސީގެ ވޮލީބޯޅަ ގްރައުންޑުގައި ކުޅުނު އެ މެޗުގައި ޕާކް ބޯއިސްއާ ދެކޮޅަށް ވާދަކޮށްފައި ވަނީ ސަންސެޓް ޔޫތު އެވެ. އެ މެޗުގެ ސެޓުތައް ޕާކް ބޯއިސް ކާމިޔާބުކުރީ ތާފާތުބޮޑު 13-25، 11-25 އަދި 7-25 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކް ބޯއިސްގެ އަހުމަދު ފަޒީލް އެވެ.

އެ މެޗުގެ އިތުރުން އިއްޔެ ހަވީރު ކުޅުނު މެޗުގައި، ސްޓެލްކޯ ރެކްރިއޭޝަން ވަނީ މުބާރާތުގައި އެ ޓީމްގެ ފުރަތަމަ ކާމިޔާބީ ހޯދާފަ އެވެ. އެ މެޗު ސްޓެލްކޯ ރެކްރިއޭޝަން ކާމިޔާބު ކުރީ ޓީއެމްއޭއާ ވާދަކޮށް 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 25-15 ގެ ނަތީޖާއަކުން ގެންދިޔައީ ސްޓެލްކޯ އެވެ. ނަމަވެސް ދެވަނަ ސެޓު 20-25 އިން ޓީއެމްއޭ ގެންދިޔުމުން، ސްޓެލްކޯ ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ދެ ސެޓު 25-23 އަދި 25-15 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ހަސަން އާމިރު އެވެ.

މި މަހިގެ ހަތަރުވަނަ ދުވަހު ފަށައިން ކުރިއަށް ގެންދާ ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖުގައި މުޅިއަކު ހަތް ޓީމެއް ވާދަކުރާ އިރު، އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިންނެވެ.

އެގޮތުން މުބާރާތުގެ ގްރޫޕް 'އޭ'ގައި އެމްޓީސީސީ އާއި ކްލަބް އެޗްޑީސީ، ސަންސެޓް ޔޫތު އަދި ހުޅުމާލެ ޕާކް ބޯއިސް ހިމެނޭއިރު، ގްރޫޕް 'ބީ'ގައި ހިމެނެނީ ހުޅުމާލެ ޕޮލިހާއި ސްޓެލްކޯ ރެކްރިއޭޝަން އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު