ސީރިޔާ ސިފައިން، ޖަބްހަތުއްނުސްރާގެ އިސް ކޮމާންޑަރު އަބޫހުމާމް އައްޝާމީ މަރާލައިފި

ދިމިޝްގު (މާޗް 6) : ސީރިޔާގެ ހަރަކާތްތެރިވާ އަލްގާއިދާގެ ގޮފި ކަމަށް ސިފަކުރެވޭ ޖަބްހަތުއްނުސްރާއަކީ ޖަމާއަތުގެ އެންމެ އިސް ކޮމާންޑަރު އަބޫހުމާމް އައްޝާމީ މަރާލިކަމަށްބުނެ އެގައުމުގެ ސަރުކާރުން ފެތުރި ޚަބަރުގެ ތެދުކަން ނުސްރާ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

ސޯޝަލް މީޑިޔާގައި ނުސްރާ ޖަމާއަތުން ބުނެފައިވަނީ އަބޫހުމާމް އާއި އެޖަމާއަތުގެ އިތުރު ތިން ކޮމާންޑަރުން ވައިގެ ޙަމަލާތަކެއްގައި ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމުގައެވެ. މި ތިން ކޮމާންޑަރުންނަކީ އަބޫމުސްއަބް އަލްފަލަސްތީނީ އާއި އަބޫއުމަރުލްކުރުދީ އާއި އަބޫބަރާއުލް އަންސާރީ ކަމަށްވެސް ޖަބްހަތުއް ނުސްރާއިން ކަށަވަރުކޮށްދީފައިވެއެވެ.

ސީރޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަ ކުރަމުން ގެންދާ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ޖަބްހަތުއްނުސްރާގެ އިސް ކޮމާންޑަރު އަބޫހުމާމް، މަރާލީ ސޫރިޔާގެ އިދްލިބްގައި ރޭ ކުރިޔަށްދިޔަ އެޖަމާއަތުގެ އިސްވެރިންގެ ބައްދަލުވުމަކަށް އަމާޒުކޮށް ސީރިޔާގެ ވައިގެ ސިފައިން ދިން ބޮމުގެ ޙަމަލާތަކެއްގައި ކަމަށް އެގައުމުގެ ރަސްމީ މީޑިޔާއިން ބުނެފައިވެއެވެ. ނުސްރާ ޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ޖިހާދުގެ ނަމުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ސޫރިޔާއަށް އަންނަ ބޭރު ގައުމުތަކުގެ ޒުވާނުން ކަމަށްވެއެވެ.

ޖަބަހަތުއްނުސްރާ އަކީ ސީރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަ ކުރަމުން ގެންދާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ބާރުގަދަ އަދި ހަނގުރާމަވެރިންވެސް ގިނަ އަދި ހަތިޔާރާއި ހަނގުރާމައިގެ ތަޖްރިބާވެސް ހުރި ޖަމާއަތެކެވެ. ސީރިޔާގެ ބޮޑު ސިޓީއެއް ކަމަށްވާ ޙަލަބް ގައި ހުންނަ އެގައުމުގެ ޖާސޫސީ އިދާރާގެ ހެޑްކުއާޓަރު ގޮއްވާލުމަށް މިދިޔަ ބުދަދުވަހު ދިން ބޮމުގެ ވަރުގަދަ ޙަމަލާގެ ފަހަތުގައިވަނީ ޖަބްހަތުއްނުސްރާކަން އެޖަމާއަތުންވަނީ ކަށަވަރުކޮށްދީފައެވެ.

ސީރިޔާގެ ވައިގެ ސިފައިން ވަރުގަދަ ޙަމަލާތަކެއްދީ ޖަބްހަތުއްނުސްރާގެ އެންމެ އިސް ކޮމާންޑަރާއި އިތުރު ތިން ކޮމާންޑަރުން މަރާލީ އެޖަމާއަތާ ދެކޮޅަށް ބައްޝާރުގެ ސަރުކާރުން ހިންގި ވަރުގަދަ ބަދަލުހިފުމެއް ކަމަށް މުރާސިލުން ބުނެއެވެ. ޖަބްހަތުއްނުސްރާގެ އިސް ކޮމާންޑަރު އަބޫހުމާމް އައްޝާމީއަކީ އަފްޣާނިސްތާނާއި ސީރިޔާގައިވެސް ހަނގުރާމަކޮށް ތަޖްރިބާ ލިބިގެން ހުރި ވަރަށް ކުޅަދާނަ ހަނގުރާމަވެރިއެކެވެ. ގެރިއްލާ ހަނގުރާމައިގާ އާދަޔާ ޚިލާފު ކުޅަދާނަ ކަމެއް ލިބިގެންވާ ހުމާމް މަރާލުމަކީ ފަސޭހަ ކަމެއްނޫންކަމަށް ބެލެވިފައިވެއެވެ.

އަބޫހުމާމް މަރާލުމަކީ ޖަބްހަތުއްނުސްރާއަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމަކަށް ވެގެންދާނެ ކަމަށް އަސްކަރީ މުޙައްލިލުން ސިފަކުރެއެވެ. ޖަބްހަތުއްނުސްރާ ޖަމާއަތުގެ އެންމެ ބޮޑު ވާދަވެރި ޖަމާއަތަކީ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތެވެ. އެދެޖަމާއަތުގެ ޙަމަލާތަކުގައި އެދެޖަމާއަތުގެ ހަނގުރާމަވެރިންގެ އެތަށްބަޔަކު މަރަމުން ގެންދެއެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ރުކުރުވާލާފައިވާ ކޯލިޝަނުން ސީރިޔާއަށް ދެމުންގެންދާ ވައިގެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އައިއެސްގެ މަރުކަޒުތަކަށެވެ. ނަމަވެސް ޖަބްހަތުއްނުސްރާ ގެ މަރުކަޒުތަކަށްވެސް އެ ކޯލިޝަންގެ ޙަމަލާތައް ބައެއްފަހަރު އަމާޒުކުރެއެވެ. އަބޫހުމާމް މަރާލުމަށް ދިން ޙަމަލާއަކީ ކޯލިޝަންގެ ހަމަލާއެއް ނޫންކަން ކޯލިޝަންގެ ފަރާތުން ވާހަކަ ދެއްކެވި ތަރްޖަމާނަކުވަނީ ކަށަވަރުކޮށްދެއްވާފައެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު