ފަލަސްތީނުން އިސްރާއީލާއެކު ބާއްވާ އަމަނާބެހޭ ހުރިހާ ގުޅުންތަކެއް ކަނޑާލައިފި

ރާމަﷲ (މާޗް 6):އިސްރާއީލާއެކު ބާއްވަމުންގެންދިޔަ އަމަނާބެހޭ އެންމެހާ ގުޅުންތައް ކަނޑާލިކަން ފަލަސްތީނުން އިއްލާންކޮށްފިއެވެ.

ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވީ އަމަނާބެހޭ ކަންކަމުގައި އިސްރާއީލަށް ދެމުންގެންދިޔަ އެއްބާރުލުން މުޅިން ހުއްޓާލައި ސަލާމަތީ ކަންކަމުގައި އިސްރާއީލާއެކު ބާއްވަމުން ގެންދިޔަ ހުރިހާ ގުޅުންތަކެއް ކަނޑާލައި އެކަން ފަލަސްތީނުގެ ސަރުކާރުން އިސްރާއީލަށް އަންގާފައިވާ ކަމުގައެވެ. މިގުޅުންތައް ކަނޑާލުމަށް ނިންމީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްކަމަށްވާ ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީ.އެލް.އޯ) ގެ މަރުކަޒީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ކަމަށްވެސް ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

އަމަނާބެހޭ ކަންކަމުގައި ފަލަސްތީނުން އިސްރާއީލަށް އެއްބާރުލުން ދޭން ފަށާފައިވަނީ 1993 ގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު އޮސްލޯގައި ސޮއިކުރި ސުލްޙައިގެ މުއާހަދާގެ ދަށުންނެވެ. މިމުޢާހަދާއާ އިސްރާއީލުން ޚިލާފްވެފައިވާތީ އެއާއެއްގޮތަށް އަމަލުނުކުރާނެ ކަމުގެ އިންޒާރު ފަލަސްތީނުން އެތަށްފަހަރެއްގެ މަތިން އިސްރާއީލަށް ދީފައިވެއެވެ. އަމަނާބެހޭ ކަންކަމުގައި ފަލަސްތީނުން އިސްރާއީލަށް އެއްބާރުލުންދިނުން ހުއްޓާލައިފިނަމަ ސަލާމަތީގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އިސްރާއީލަށް ކުރިމަތިވާނެ ކަމަށް މުރާސިލުން ބުނެއެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު