ފޭކު ލިޔުންތަކާއެކު ވާނުވާގެ ތެރެއަށް!

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ލީޑަރު، އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އޭނާގެ އަނބިކަނބަލުން މިޝޭލް އޮބާމާގެ ވައިބާ 'ކޮންވަޒޭޝަން' ތަކެއް ކަމަށް ބުނާ ސްކްރީން ޝޮޓްތަކެއް ދުށީމެވެ. މުޅިންވެސް މަޝްވަރާ ކޮށްފައިވަނީ ކެއިންބުއިމުގެ ކަންތައްތަކާއެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުން ވައިބާގައި ދެއްކެވިކަމަށް ބުނާ ވާހަކަފުޅުތައް ލިޔެފައި ހުރީ ދިވެހިބަހުން 'ލެޓިނުން' ނެވެ. ދެން ފެނުނީ އަޅުގަނޑުމެންގެ މިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އިނގިރޭސިން ލިޔަންކިޔަން ނޭނގޭ މިންވަރު ދައްކުވައިދީފައިވާ ފޮޓޯތަކެކެވެ. މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާއި މެންބަރުން މަޖިލިސްތެރެ ހަލަބޮލިކޮށް އަޑުގަދަކުރައްވަމުން ގެންދެވި ވަގުތު، މަޖިލީހުގެ ބައެއް މެމްބަރުން ގެންގުޅުއްވި ބޯޑުތަކުގައި ލިޔެފައިވާ ލިޔުންތައް މިދުވަސް ކޮޅު ސޯޝަލް މީޑިއާގައި ބަޔަކު އެބަ އަނބުރައެވެ. އެ ބަލާފައި ހަމަ ހިނިއަންނަނީ އެވެ.

ހަގީގަތަކީ، ރައީސް އޮބާމާއާއި އަނބިކަނބަލުން މިޝޭލްގެ ވައިބާ ކޮންވަޒޭޝަން ތަކަކީ ވެސް ފޭކް އެއްޗެކެވެ. އަދި ސޯޝަލް މީޑީއާގައި އަނބުރަމުން ގެންދާ، މަޖިލިސް މެންބަރުން ގެންގުޅުއްވި ކަމަށް ބުނާ އެ ލިޔުންތައްވެސް އެއީ ބަޔަކު އެއަށް ބަދަލުގެންސް، ހަދާފައި ހުރި ފޭކް އެއްޗިއްސެވެ.

ސޯޝަލް މީޑިއާއަށް ބަލާއިރު މިދުވަސްވަރު އެފަދަ އެތައް ލިޔުމެއް ދަނީ ދައުރުވަމުންނެވެ. ސިޔާސީ ވެރިންގެ އެތައް ޗެޓްލޮގްސް ތަކެއް ކަމަށް ބުނެ އެފަދަ އެތަކެއް ސްކްރީން ޝޮޓްތަކެއް ވަނީ އާންމުވެފައެވެ. އެތައް ޓުވީޓެއް ދަނީ ދައުރުވަމުންނެވެ. މި ހުރިހާ ކަމެއްވެސް އާންމު ވިސްނުމަކުން ބަލާއިރު ފެންނަގޮތާއި ފުންވިސްނުމަކުން ބަލާއިރު ފެންނަ ގޮތް ތަފާތެވެ. އެއީ ޒަމާނުގެ ގޮތުން އަސްލު ނޫން އެތައްކަމެއް އޭގައި ހިމެނޭތީ އެވެ.

ފޯނު އަޑުއެހުމާއި އެފަދަ އެހެން ބިރުތަކަށްޓަކައި ގިނަ ބަޔަކު ހާއްސަކޮށް ސިޔާސީ ފަރާތްތަކުން ގިނައިން މުއާސަލާތު ކުރާ ވަސީލަތަކަށް ވެފައިވަނީ ވައިބާ އެވެ. މިއީ ގިނަ ބޭނުން ތަކެއްގައި ޗެޓްކުރުމަށް ވެސް ބޭނުންކުރާ ވަސީލަތެކެވެ. އެކަން އެހެން އޮއްވައި މިހާރަކަށް އައިސް މުޅި ސޯޝަލް މީޑިއާގައި މި ދައުރުވަނީ، އެއް ސިޔާސީ ލީޑަރަކު އަނެއް ސިޔާސީ ލީޑަރަކާ ދައްކާފައި ހުންނަ ވާހަކަތައްކަމަށް ބުނާ ސްކްރީން ޝޮޓްތަކެވެ. ކުރީގެ ރައީސުންނާއި އެންމެ އަޑުގަދަ ސިޔާސީ ލީޑަރުންގެ ދެމެދުގައި ދެކެވިފައި ހުންނަ ކަމަށް ބުނާ ވާހަކަތަކުގެ ސްކްރީން ޝޮޓްތައް އެބަ ދައުރުވެއެވެ. ހަމައެހެންމެ ދެމަފިރިން ދޭތެރޭ މައްސަލަ ޖެހޭ ފަދަ އެތައް 'ކޮންވަޒޭޝަން'ތަކެއްވެސް އެގޮތަށް އާންމުވެގެން އެބައުޅެ އެވެ.

ވައިބާ ޗެޓްލޮގެއް އެޑިޓް ކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިކަން މިހާ އާންމުވެފައިވާއިރު އެއީ ވަކި ބައެއްގެ އަގު ވައްޓާލުމަށް ނުވަތަ ސިޔާސީ ވަކި މަގުސަދުތަކަކަށްޓަކައި ކުރަމުން އަންނަ ކަންކަމެވެ. ވައިބާއަކީ ދެ ސްމާޓް ފޯން ނުވަތަ އެއަށްވުރެ ގިނަ އެފަދަ މުވާސަލާތީ އާލާތްތައް މެދުވެރިކޮށް، ބޭނުން ނަމެއްގައި ބޭނުންފޮޓޯއެއް ޕްރޮފައިލަށް ލައިގެން ކޮންވަޒޭޝަންތައް ހެދޭނެ އެޕްލިކޭޝަނެކެވެ. އެހެން ކަމުން ސޯޝަލް މީޑިއާގައި އެ ދައުރުވާ ސްކްރީން ޝޮޓްތަކުގެ ތެރެއިން ބޮޑު ބަޔަކީ ފިތުނަ އުފެއްދުމަށް ހަދާފައިވާ ސްކްރީން ޝޮޓްތައްކަން ޔަގީނެވެ.

ސޯޝަލް މީޑިއާގައި މިދުވަސްވަރު ފޯރިއާއެކު ދައުރުކުރާ، ރާއްޖޭގެ ސިޔާސީ ދާއިރާއާ ގުޅޭ މިފަދަ ތަކެތީގެ ތެރޭގައި "RAEES NASHEED IS A LIAR" ލިޔެފައިވާ ބޯޑެއް "RAEES NASHEED IS A LRIA" އަށް ބަދަލުކޮށްގެން ހަދާފައިވާ ފޮޓޯއެއް މިދުވަސްވަރު ވަރަށް މަޝްހޫރެވެ. ހަމަ އެގޮތަށް ޕީޕީއެމުން އިއްޔެ ރައީސް ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލައި "PROSECUTE" ލިޔެގެން ގެންގުޅުނު ގަނޑުތައް ވަނީ "PROSECUT" އަށް ބަދަލުކޮށްފައެވެ. މިދެންނެވި ލިޔުންތަކަށް ބަދަލުގެނެސްގެން ސޯޝަލް މީޑިއާގައި އެތަކެތި ދައުރު ކުރުވާ ފަރާތްތަކުގެ ނިޔަތަކީ، އެ ލިޔުންތައް ހިފައިގެން އުޅުނު މީހުންގެ އަގުވައްޓާލުން ކަމަށް ވެދާނެ އެވެ. އެމީހުންނަކީ ތަންދޮރު ނުދަންނަ ބައެއްގެ ގޮތުގައި އާންމުންގެ ކުރިމަތީގައި އެމީހުން ސިފަކުރުވުން ކަމަށްވެސް ވެދާނެ އެވެ. މީގެއިތުރުންވެސް އެފަދަ އެކިއެކި ލިޔުންތަކާއި ބެނާތަކުގައި ލިޔެފައިވާ ލިޔެކިޔުންތައް ބަދަލުކޮށްގެން އެ ބޭނުންކޮށްގެން ސިޔާސީ ވާދަވެރިންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކުރުމަށް ބޭނުން ކުރުން މިވަނީ ވަރަށް އާންމުކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން ހަގީގަތް މިވަނީ އޮޅެން ފަށާފައެވެ.

ޑިޖިޓަލް ފޮޓޯއެއް އެޑިޓްކޮށްލުމަކީ 'ފޮޓޯ ޝޮޕް'ގެ މިޒަމާނުގައި ވަރަށް ފަސޭހަ ކަމެކެވެ. އެއްއަކުރު އަނެއް އަކުރަށް، އެ އަކުރު އެއްތަނުން އަނެއް ތަނަށް ލައިގެން ކިތެންމެހާވެސް ވައްތަރެއް ޖެއްސިދާނެއެވެ. ބެނާތަކުގައި ހުންނަ ލިޔުންތައް މާނަ އޮޅޭގޮތަށް ބަދަލު ކޮށްލެވިދާނެއެވެ. ހަމައެހެންމެ ތަފާތު ވައްތަރުގެ ފޮޓޯތައް އަސްލާ އެއްގޮތަށް ހަދާލުމަކީވެސް ވަރަށް ފަސޭހަ ކަމަކަށް ވަނީ ވެފައެވެ.

ހަމައެހެންމެ އެހެން މީހުންގެ ނަންނަމުގައި ޓުވިޓާ ނުވަތަ ފޭސްބުކް ގުރޫޕުތަކާއި ޕޭޖްތައް ހިންގުމަކީވެސް ފަސޭހަކަމެކެވެ. އެފަދަ އައިޑީތައް މެދުވެރިކޮށް ތަފާތު ވާހަކަތައް ފެތުރުން މިހާރު މިވަނީ އިންތިހާއަށް އާންމުވެފައެވެ. ބައިނަލްއަގުމާވީ ފެންވަރުގައި އެފަދަ އައިޑީތައް ނުވަތަ ޕޭޖްތައް ހިންގާތީ އެއީ ވަކި މީހެއްގެ މިލްކެއްކަން ކަނޑައަޅަން ކުރާކަމަކީ "ވެރިފައި" ކުރުމެވެ. ނަމަވެސް މިއީ އަދި މި ރާއްޖޭގައި އެހާ އާންމު ކަމެއް ނޫނެވެ.

ހަގީގަތުގައި މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ. އެފަދަ ކަންކަމުގެ ސަބަބުން ހަގީގަތް އޮޅި އެތައް ގޮތަކަށް ފިތުނަ އުފެދުމަށް ފުރުސަތު ލިބިގެން ދެއެވެ. މިއީ ކޮންމެ ޕާޓީއަކުން ކުރިޔަސް ވަރަށް ދެރަ ކަމެކެވެ. އެކްޓިވިސްޓުންގެ ފަރާތުން ފެންނަ އެފަދަ ދަށުދަރަޖައިގެ އާދަތައް ހުއްޓުވުމަށް ޕާޓީތަކުގެ އިސް ލެވަލްގައި މަސައްކަތް ކުރަންޖެހެއެވެ. އާންމުވަމުން އެ ދަނީ ދަށް ފަންތީގެ އަމަލެކެވެ. އެފެތުރެނީ ދޮގު މައުލޫމާތެވެ. ނަތީޖާއަކަށް ވަނީ ފިތުނަ އުފެދުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު