ނާޒިމްގެ ގާނޫނީ ޓީމުން މީޑިއާ އަށް މައުލޫމަތު ދިނީ ހަގީގަތް އޮޅޭގޮތަށް: ޕީޖީ އޮފީސް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ގާނޫނީ ޓީމުން ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދީފައި ވަނީ ރައްޔިތުންނަށް އޮޅޭގޮތަށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އާންމު ރައްޔިތުންނަށް އޮޅުންއަރާގޮތަށް ނާޒިމްގެ ގާނޫނީ ޓީމުން މައުލޫމާތު ފޯރުކޮށްދީފައި ވަނީ ކޯޓުގައި ހިނގަމުންދަ މައްސަލައަށް އަސަރު ފޯރާ ގޮތަށް ކަމަށެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅޭގޮތުން އޭނާގެ ގާނޫނީ ޓީމުމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ ގެ ބަލައި ފާސްކުރިތާ ތިން ދުވަސް ފަހުން، މިދިޔަ މަހުގެ 20 ވަނަ ދުވަހު ފުލުހުން ތައްޔާރުކޮށްފައިވަ ފޮރެންސިކް ރިޕޯޓުގައި ގައިވާ ގޮތުން، ހެކީގެ ގޮތުގައި ނާޒިމްގެ ގެއިން ފުލުހުން ހޯދި އެއްވެސް އެއްޗެއްގައި ހުރި އިނގިލީގެ ނިޝާނަކާއި ފުލުހުންގެ ޑޭޓާބޭސްގައި ހުރި ނާޒިމްގެ އެއްވެސް އިނގިލީގެ ނިޝާނަކާ ދިމާނުވާ ކަމަށެވެ.

މީގެއިތުރުން ނާޒިމާ ދެކޮޅަށް ހެކިބަސް ދީފައިވަ ފަރާތްތަކުގެ މައުލޫމަތު ސިއްރުކޮށްފައިވާތީ އެކަމާ ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ ހެކިބަސްދޭ މީހުންގެ މައުލޫމާތު ދައުވާ ލިބޭ ފަރާތައް އެނގިއްޖެނަމަ ހެކީންނަށް އެކި ގޮތްގޮތުން އުނދަގޫތަކެއް ކުރިމަތިވެ ޖިސްމާނީ އަނިޔާތައް ލިބުމަކީ ވެދާނެ ކަމެއް ކަމަށް ފެންނާތީ ހެކިބަސްދޭ މީހަކީ ކާކުކަން ސިއްރު ކުރުމަކީ ހައިކޯޓުގެ ގަޒިއްޔާއެއްގައި ހުއްދަކޮށްފައިވާ ކަމެއް ކަމަށެވެ.

"ހެކިން ތަހްޤީޤަށް ދީފައިވާ ބަޔާންތަކުން އެބަޔާން ދެނީ ކާކުކަން ނޭގޭގޮތަށް ނަން ސިއްރުކުރު ކުރުމާއި، ދައުވާއުފުލިފައިވާ ފަރާތް އެއް ހާޒިރު ނުވާފަދަ ގޮތަކަށް ހެކިބަސް ނެގުމަކީ ދަޢުވާ އުފުލިފައިވާމީހަށް ހެކިބަސްދެނީ ކޮންފަރާތެއްކަން އެނގިއްޖެނަމަ ގިނަ ގޮތްގޮތުން ދަތި އުނދަގުލާއި ޖިސްމާނީ އަނިޔާތަކެއްވުން ގާތްކަމަކަށްވުމާއި އޭގެ ސަބަބުން ބޮޑެތި މާރާމާރީތައް ފަދަ ޖަރީމާތައް ހިނގާފާނެކަމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ފެންނަނަމަ ޝަރީޢަތް އިންޞާފުވެރިކޮށް ގެންދިއުމުގެ ބޭނުމުގައި ހެކިންގެ ތަހްޤީޤަށް ދީފައިވާ ބަޔާންތައް މައްސަލާގެ ދައުވާ އުފުލިފައިވާ ފަރާތައް ސިއްރު ކުރުމާއި އެ ހެކިބަސް ދެނީ ކޮން ފަރާތެއްކަން ނޭނގޭގޮތަށް ސިއްރުން ދިނުން ފަދަ ކަންކަމަކީ ގާނޫނު އަސާސީންނާއި ގާނޫނުތަކުންނައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކުން އިސްތިގުރާރުވެފައިވާ އަސާސެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި މައްސަލައަށް ސީދާ އަސަރު ފޯރާ ގޮތަށް މައްސަލައިގެ ހަސްމުން ތަމްސީލުކުރާ ފަރާތްތަކުން ދައްކާ ވާހަކަތަކަ ގުޅޭގޮތުން ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެ އޮފީހުން އަޅަމުން ގެންދާނެ ކަމަށެވެ.

ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ޕީޖީ އޮފީހުގެ އަގުވެއްޓޭގޮތަށް ތަކުރާރުކޮށް އޭނާގެ ގާނޫނީ ޓީމުން ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް ކޯޓު މަރުހަލާގައިއޮތް މައްސަލައަކަށް ވާތީ އެ ހުރިހާ ތުހުމަތުތަކަށް ޖަވާބު ދެވެން ނެތް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު