މިލަންދޫގައި ނަރުދަމާގެ މަސައްކަތް ފަށައިފި

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ށ. މިލަންދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މިލަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ އެންވައިރޮމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

ނަރުދަމާގެ މަސައްކަތް ފެށުމާ ގުޅިގެން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު ހަސަން މިރޭ ސަން އަށް ވިދާޅުވީ 2300 އަށް ވުރެ މީހުން ގިނަ މިލަންދޫގައި ނަރުދަމާގެ ނިޒާމެއް ނެތުމުން އެ ރަށުގެ ފެން ތަގައްޔަރުވެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. މިހާތަނަށް އެ ރަށުގައި ނަރުދަމާގެ ނިޒާމެއް ނެތުމުން ނަޖިސް ހިންދަނީ ވަކިވަކި ގޭގޭގައި ޓޭންކް ހަދައިގެން ބިމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ރައްޔިތުން މިހާރުން މިހާރަށް އެންމެ އެދިއެދި ތިބި ކަންތައް، ފެން ވަރަށް ނަޖިސް ނަރުދަމާގެ ނިޒާމެއް ނެތުމުގެ ސަބަބުން" ފާއިޒް ވިދާޅުވިއެވެ.

މިއަދު މިލަންދޫގައި ބޭއްވި ރަސްމިއްޔާތެގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔްއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ރައްޔިތުންގެ އެހީތެރިކަމާއެކު ވީހާ އަވަހަކަށް ނަރުދަމާގެ ނިޒާމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އެނަރުދަމާގެ ނިޒާމާއެކު މިނަލްދޫގައި ވަޒީފާގެ ފުރުސަތުތަކެއް އިތުރުވެގެން އަންނާނެ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

އެމްޑަބްލިޔްއެސްސީއިން ބުނި ގޮތުގައި އެ މަޝްރޫގެ ދަށުން 13.26 ކިލޯމީޓަރުގެ ނަރުދަމާގެ ނިޒާމަކަށް ހޮޅި ވަޅުލުމާއި ފަސް ސުވަރޭޖް ޕަމްޕް ސުޓޭޝަން ބަހައްޓައި އައުޓްފޯލް ސިސްޓަމެއް ގާއިމް ކުރެވޭނެ ކަމަށެވެ. އެ މަޝްރޫ ނިންމަން ދީފައިވާ ތާރީހަކީ މިއަހަރުގެ ނިޔަލަށެވެ.

ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫގެ ދަށުން އެމްޑަބަބްލިޔްއެސްސީއިން މިހާރުވެސް ދަނީ 16 ރަށެއްގެ ނަރުދަމާގެ މަސައްކަތާއ ހަތަރު ރަށެއްގެ ފެނުގެ މަޝްރޫ ކުރިއަށް އެބަގެންދެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު