އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ނަޝީދު ބަޔާން ދެއްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ނަޝީދު ކޯޓަށް ހާޒިރުކުރުމުގެ ތެރޭގައި އަނިޔާލިބުނު ކަމަށް ބުނެ ޕޮލިސް އިންޓަގުރިޓީއަށް ހުށައަޅާފައިވާ މައްސަލައަށް ނަޝިދު ބަޔާން ދެއްވައިފި އެވެ.

ރާއްޖެޓީވީގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވީ ކޯޓަށް ހާޒިރު ކުރި ދުވަހު ފުލުހުންގެ ފަރާތުން ރައީސް ނަޝީދަށް އަނިޔާ ލިބިފައި ވާތީ އެ މައްސަލަ ޕޮލިސް އިންޓަގުރިޓީ ކޮމިޝަނަށް ހުށައަޅާފައިވުމުން އެ މައްސަލައާއި ގުޅިގެން ރައީސް ނަޝީދު ބަޔާން ދެއްވާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅުން ހުރި ފޮޓޯ އާއި ވީޑިއޯ ވެސް ޕޮލިސް އިންޓަގުރިޓީ ކޮމިޝަނަށް ހުށައަޅާފައިވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ނަޝީދަށް އެއްވެސް ވަރެއްގެ އަނިޔާއެއް ވެފައިނުވާ ކަމަށް ނަޝީދު ބެއްލެވި ޑޮކްޓަރުންގެ ތަހުލީލު ރިޕޯޓްތަކުގައިވާ ކަމަށެވެ.

"ނަޝީދު ބެއްލެވި ޑޮކްޓަރުން ވިދާޅުވީ، އެއްވެސް އަނިޔާއެއް ނަޝީީދަށް ލިބިފައި ނެތް ކަަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް ނަޝީދު ކޯޓަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދަށް އެއްވެފައިވާ މީޑިއާގެފަރާތްތަކާ ވާހަކަ ދައްކަވަން ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް އެ ފުރުސަތު ނުދީ ފުލުހުން ނަޝީދު ކޯޓަށް ވައްދަނިކޮށް އެމަނިކުފާނު ގަދަ ހައްދަވައި ވަގުތު ބިމަށްޗަށް ވެއްޓުނެވެ.

ނަޝީދާ މެދު އަމަލުކޮށްފައި ވަނީ އަނިޔާ ވެރިކޮށް ކަމަށް ބުނެ އެޗުއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން "ބާރުގެ ބޭނުން ނަހަމަގޮތުގައި" ކޮށްފައިވާ ކަމަށެވެ. އަދި ނަޝީދާ މެދު ފުލުހުން އަމަލުކޮށްފައި ވަނީ "ރަހުމްކުޑަކޮށް" ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު