ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ސިފައިން ނަގަން ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި: ޝިޔާމް

ރައީސް ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ޒިންމާ ސިފައިން ނަގަން ނުޖެހޭނެ ކަމަށް ކުރީގެ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ޝިޔާމް ވިދާޅުވީ، ސިފައިންގެ އެންމެ މަތީވެރިޔާ އެގޮތަށް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން ޖެނެރަލް އޮފިސަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އަހްމަދު މުހައްމަދު އެ ބައްދަލުވުމުގައި ރައީސް ނަޝީދާ ސުވާލު ކުރެއްވި ކަމަށެވެ.

''ސިފައިންގެ އެންމެ މަތީ ވެރިޔާގެ އަރިހުން އަހްމަދު މުހައްމަދު އެއްސެވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ، ސިފައިންގެ މުއައްސަސާއަށް ލިބޭ ވަރަށް ބޮޑު ބަދުނާމެކޭ. ވަރަށް ބޮޑު ހަޑިއެކޭ. ތިޔަ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނޭ. އެކަމުގެ ހުރިހާ ބަދުނާމެއް ލިބޭނީ ސިފައިންނަށޭ، " ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ އެ ސުވާލުގެ ޖަވާބުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ސިފައިން ނަގަން ނުޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމުން އެކަމުގެ ލިޔުމެއް ދެއްވުމަށް އަހްމަދު މުހައްމަދު އެދިވަޑައިގަތުމުން އެފަދަ ލިޔުމެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ސިފައިންގެ އެންމެ މަތީވެރިޔާ ވިދާޅުވި ލިޔުން ވެސް ދެއްވާނަމޭ،" ޝިޔާމް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝިޔާމް ހިއުމަންރައިޓްސް ކޮމިޝަނަށް ފޮނުއްވި ސިޓީއަކާ ގުޅޭގޮތުން ވެސް ދައުލަތުން މިރޭ ވަނީ ޝިޔަމާ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ޝިޔާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ އޭރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ އާއި، އޭރުގެ ޑިފެންސް މިނިސްޓަރު ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެ ހިއުމަން ރައިޓސް ކޮމިޝަނަށް އޭނާ ސިޓީއެއް ފޮނުއްވީ އެ ކޮމިޝަނުން އެމްއެންޑީއެފް އަށް ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ ބޭފުޅުންގެ ބަހެއް ނެތި އެމްއެންޑީއެފްއަށް އެއްވެސް އޮޕަރޭޝަނެއް ނުހިންގޭނެ ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި ރޭ ނޫން ކުރީ ދުވަހުގެ ރޭ ކާނަލުން ފެށިގެން މަތީގެ އޮފިސަރުންނާ އޭރުގެ ޑިފެންސް މިނިސްޓަރު ޠަލްހަތު އިބްރާހީމް ކަލޭފާނު ބައްދަލު ކުރެއްވި ކަމަށާއި، އެ ބައްދަލުވުމުގައި " ހުރިހާ އޮފިސަރުން ވެސް ވަރަށް ކްލިއާކޮށް، އަބްދުﷲ ގާޒީ ހައްޔަރު ނުކުރުމަށް އެޑްވައިސް ކުރި" ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ހެކިބަސް ނަންގަވަން ހުވާލައިދެއްވަން ފަނޑިޔާރު އުޅުއްވަނިކޮށް ރައީސް ނަޝީދު ވިދާޅުވީ ޝިޔާމަކީ މިގައުމުގެ ޗީފް އޮފް ޑިފެންސް ފޯސް ކަމުގައި ވާތީ އޭނާގެ ހެކިބަސް ނުނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ހެކިބަސް ނަންގަވައި ނިމުމުން ޝިޔާމާ ސުވާލު ކުރެއްވުމުގެ ފުރުސަތު ރައީސް ނަޝީދަށް އެރުވުމުން އެމަނިކުފާނު ވިދާޅުވީ ޝިޔާމާ ކުރައްވާނެ ސުވާލެއް ނެތް ކަމަށެވެ.

"އަޅުގަނޑު މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާ ކުރާނެ ސުވާލެއް ނެތް، " ރައީސް ނަޝީދު ވިދާޅުވި އެވެ.

ޝިޔާމްގެ އިތުރުން މިރޭ ހެކިބަސް ދެއްވާފައި ވަނީ މެޑިކަލް އޮފިސަރު، ފަސްޓް ލެފްޓިނެންޓް ޑރ. އަލީ ޝާހިދު މުހައްމަދާއި، ވޮރަންޓް އޮފިސަރު އާއިޝަތު ޒީނާ އެވެ. އެ ދެ ބޭފުޅުން ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓަވާފައި ހުންނެވިކަން ސާބިތުކޮށް ދިނުމަށެވެ. އެގޮތުން އެކަން ސާބިތުވާ މިންވަރަށް އެ ދެ ބޭފުޅުން ވަނީ ހެކިބަސް ދެއްވާފަ އެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށް ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާން ކުރައްވާފަ އެވެ.

comment ކޮމެންޓް