މަޓާޓޯ ޓެރެވަލް އެވޯޑްސްއަށް އޮންލައިންކޮށް ވޯޓްލުމުގެ ފުުރުސަތު ހުޅުވާލައިފި

މަޓާޓޯ ޓްރެވަލް އެވޯޑްސްއަށް އޮންލައިންކޮށް ވޯޓްލުމުގެ ފުުރުސަތު މިއަދު ހުޅުވާލައިފި އެވެ. ހުވަފެންފުށީ ރިސޯޓްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޓާޓޯގެ ސެކެއްޓަރީ ޖެނެރަލް އިބްރާހިމް މުނާޒް ވިދާޅުވީ މިއަދުން ފެށިގެން 10 އެޕްރިލްގެ ނިޔަލަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"މިފަހަރު މިވަނީ 33 ކެޓަގަރީ އަކުން ވޯޓަށް ހުޅުވާލާފައި. މީގެ ތެރޭގައި އަލަށް އަޅުގަނޑުމެން ހިމެނި ދިހަ ދާއިރާ ހިމެނޭ،" މުނާޒު ވިދާޅުވި އެވެ.

މިފަހަރު އަލަށް ހިމަނާފައިވާ ދާއިރާތަކުގެ ތެރޭގައި ލީޑިން ގެސްޓް ހައުސް، ލީޑިން ޑޮމެސްޓިކް އެއާޕޯޓް ލީޑިން ހިއުމަން ރިސޯސަސް މެނޭޖްމެންޓް ފަދަ ކެޓަގަރީތައް ހިމެނެއެވެ. މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2015 ވަނަ އަށް ވަނީ ސަތޭކަ ފަރާތުން ނޮމިނޭޓް ވެފައެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ހުރިހާ ފަރާތްތަކަށް އަންގާފަ ވޯޓް ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ވާހަކަ،" މަޓާޓޯ ޓްރެވަލް އެވޯޑް އިންތިޒާމްކުރާ ހައިރައިޒްގެ ޖެނެރަލް މެނޭޖާ ހަބީބާ ހުސެއިން ވިދާޅުވި އެވެ.

މި އެވޯޑަށް ފަތުރުވެރިންގެ އިތުރުން ދާއިރާގައި ވަޒީފާ އަދާ ކުރާ ފަރާތްތަކާއި ފަތުރުވެރިކަމަށް ޝައުގު ހުންނަ ކޮންމެ ފަރާތަކަށް ވެސް އޮން ލައިންކޮށް ވޯޓް ދެވޭނެ އެވެ. އޮންލައިންކޮށް ވޯޓް ދިނުމަށް ވަނީ ޚާއްސަ ވެބްސައިޓެއް ހަަމަޖައްސާފައެެވެ.

ޖުމްލަ ވޯޓް ހިސާބު ކުރުމުގައި އޮންލައިންކޮށް ނެގޭ ވޯޓަށް 40 އިއްސައްތަ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުނާޒު ވިދާޅުވި އެވެ.

އެހެން އަހަރުތަކާއި ތަފާތުކޮށް މަޓާޓޯ އެވޯޑްސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެ ގޮތުން އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ އެއްބައި އަންނަ މޭ މަހު ދުބާއީގައި ބާއްވާނެއެވެ. އެވޯޑް ދިނުމުގެ ފައިނަލް ބައި އޮންނާނީ ނޮވެމްބަރު މަހު ކޮކޯ ބޮޑު ހިތި ރިސޯޓްގަ އެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް ވިލަރެސް ކުރާ ފަރާތަކީ ހައިރައިޒް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު