ގެމަނަފުށީ "ރަޓު ރަހަ" ބާޒާރަށް ނެރެފި

ޒުވާނުން ދަނޑުވެރިކަމަށް ޝައުގުވެރި ކުރުވުމަށްޓަކައި ސަރުކާރުން އިސް ނަގައިގެން އުފައްދާފައިވާ ހަމައެކަނި މަސްވެރިކަމުގެ ކޯޕަރޭޓިވް، ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތަކެއް ބާޒާރަށް ނެރެފި އެވެ.

"ރަޓު ރަހަ" ގެ ނަމުގައި އެ ކޯޕަރޭޓިވް ސޮސައިޓީން އުފައްދާ ތައާރަފްކުރި ތިން ވައްތަރެއްގެ ރިހާކުރާއި ވެކިއުމްކޮށްފަ ހުންނަ ވަޅޯ މަހާއި ތެލުލި ރެއްސާއި ތެލުލި ބޯދި ލޯންޗު ކޮށްދެއްވީ ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ އެހެން ކޯޕަރޭޓިވް ތަކަށް ވެސް ސަރުކާރުން ބޮޑު ހަރަދެއްކުރާއިރު، ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓީއަށް އެކަނި ވެސް ސަރުކާރުން 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށެވެ. އަދި އުފެއްދުންތައް ލޯންޗު ކުރުމަށްފަހު ދެން ކުރިއަށް ދާނީ އެ ތަކެއްޗަށް މާކެޓް ހޯދުން ކަމަށް ވިދާޅުވި އެވެ.
ގެމަނަފުށީ ކޯޕަރޭޓިވް ސޮަސައިޓީގެ ފަރާތުން ތައްޔާރުކޮށް ބާޒާރަށް ނެރުނު އުފެއްދުންތައް ފިޝަރީޒް މިނިސްޓަރާ ހަވާލު ކުރަނީ--- ސަން ފޮޓޯ/ އަލީ ނަސީރު

"މި މަސައްކަތް މިކުރަނީ މިނިސްޓްރީ އާއި ކޯޕަރޭޓިވް ތަކާއި ހިސާބު ގަނޑުގެ ރިސޯޓްތަކާއި ވެސް ގުޅިގެން. ޗެއިން އެއްކޮށް ފުރިހަމަވާނީ އުފެއްދުންތަކާއެކު އެ އުފެއްދުންތައް މާކެޓް ކުރެވިގެން. މިކަހަލަ ޕްރޮޑަކްޓައް ހަދަން ފުރުސަތު ލިބުމަކީ ރާއްޖެއިން ބޭރަށް ވެސް އެކަން ތައާރަފްކުރެވިގެންދާނެ ކަމެއް. އަޅުނގަޑުމެންނަށް ވެސް އެ މާކެޓް ތެރެއަށް ވަދެވޭނެ. މިއީ އޭގެ ފެށުން،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓީއަށް މަހުގެ އުފެއްދުންތައް ތައްޔާރުކުރެވޭނެ މެޝިނަރީ އާއި ތަކެތި ފޯރުކޮށްދީފައިވާއިރު، ކޯޕަރޭޓިވް އިން އުފައްދާ މަހުގެ ބާވަތްތައް ޕެކް ކުރުމަށް ބޭނުންވާ އެންމެހާ އާލާތްތައް ވެސް ފޯރުކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އިންޓަނޭޝަނަލް ފަންޑު ފޮ އެގްރިކަލްޗަރު ޑިވެލޮޕްމަންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ އާއި ގުޅިގެން ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓީ އުފެދިފައި ވަނީ 2012 ވަނަ އަހަރު މެއި މަހު އެވެ. އަދި އެ ކޯޕަރޭޓިވް ގައި 215 މެންބަރުން މަސައްކަތްކުރާއިރު 112 މެންބަރުންނަކީ އަންހެނުންނެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން އަހުމަދު ޝާފިއު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ދުވަހުގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކުރެވި މިހާރު ޕްރޮޑަކްޝަން ފައްޓަން ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން މިމަސް ނިމުމުގެ ކުރިން ސަޕްލަޔަރު ހިތްހަމަޖެހޭ ވަރަށް ތައްޔާރުކުރަން ފަށަން ނިންމާފައިވާއިރު، މެޝަނަރީތަކަށް އަހުލުވެރިވާ ވަރަކަށް ބާޒާރަށް ގިނަ އުފެއްދުންތަކެއް ނެރޭނެ ކަމަށް ޝާފިއު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހަތް ކޯޕަރޭޓިވް ހަރަކާތްތެރިވަމުންދާއިރު، ދަނޑުވެރިކަމުގެ ދެ ކޯޕަރޭޓިވް އެއްގެ އުފެއްދުންތައް މިދިޔަ މަހުގެ ތެރޭގައި ވަނީ ބާޒާރަށް ނެރެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު