އެއާޕޯޓްގައި މުޒާހަރާ ކުރި 14 އަންހެނަކާއެކު ފިރިހެނަކު ހައްޔަރުކޮށްފި

އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މުޒާހަރާ ކުރި 14 އަންހެނަކާއެކު ފިރިހެނަކު ދާދި ދެންމެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ، މުޒާހަރާ ކުރުން މަނާ ތަނެއް ކަމަށްވާ އެއާޕޯޓްގައި މުޒާހަރާ ކުރުމުން ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެއާޕޯޓްގައި އެ މީހުން މުޒާހަރާ ކުރާ މަންޒަރު ބައެއް ޓީވީ ތަކުން ވަނީ ލައިވްކޮށް ދައްކާފަ އެވެ. އެގޮތުން ދެއްކި މަންޒަރު ތަކުން ފެންނަނީ ބޯޑުތަކެއް ހިފައިގެން ތިބެ، އެއާޕޯޓްގައި އެ މީހުން އަޑު އުފުލަމުން ދިޔަ މަންޒަރެވެ.

ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މުޒާހަރާ ކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ރާއްޖޭގެ ވައި ބަނދަރުތައް ހިނެ އެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރަމަށް އިތުރު މަސައްކަތްތަކެއް ކުރަން އެމްޑީޕީން ނިންމާފައިވާ ކަމަށް އަންގާރަދުވަހުގެ ރޭ އެޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދު އޭރު ވިދާޅުވީ ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީ މެމްބަރަކު ކަމެއް ކުރަން ބޭނުން ވެފައި ނުކުރެވިފައި ތިބެން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު މިނިވަން ކުރުން ނޫން އެހެން ކަމެއް އެމްޑީޕީއަށް މިވަގުތު ނުވެސް ނެތްކަމަށެވެ.

"...އަޅުގަނޑުމެންނަށް ހަގީގަތުގައި އެމްޑީޕީއަށް އެހެން ކަމެއް ނުވެސް ނެތް. އެހެންވީމާ ނާއިންސާފުން ސަރުކާރުން ގެންގޮސް މިނިޒާމުގެ ތެރެއިން އެބޭފުޅުން ބޭނުންކަމެއް ކުރެއްވި ކަމުގައި ވިޔަސް އަޅުގަނޑުމެން ރައީސް ނަޝީދާ ނުލައި އެމްޑީޕީ ކުރިއަކަށް ނުދާނެ. ހަރާބުގެ މަގަށް ހަގީގަތުގައި އެބޭފުޅުން އެހެންކަމަށް ވަންޏާ އެ ގެންދަވަނީ. އެހެންވީމާ ހަމަ ގައިމުވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ ޕާޓީގެ އާއްމު މެމްބަރުންގެ ވިންދާ ރޫހާ އަދި އޭގެ އިތުރުން މެމްބަރުންނާ ރައީސް ނަޝީދާ ދޭތެރޭގައި އެ އޮންނަ ލޯތްބާ ދޭތެރެގެ މެދަކަށް އަޅުގަނޑުމެން ނުވަންނާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު