އައިއޯއައިޖީގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ސީއެމްޑީއަކަށް ނޫރައްދީން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މިއަހަރި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންގެ ކޮންޓިންޖެންޓުގެ ޝެފް ޑި މިޝަނަކަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ވެސް ކުރީގެ ކެޕްޓަން އިބްރާހިމް ނޫރައްދީން ހަމަޖައްސައިފި އެވެ.

ނޫރައްދީނުގެ އިތުރުން އޮލިމްޕިކް ކޮމިޓީން އައްޔަނު ކުރި ސީއެމްޑީ ޓީމުގެ ޑެޕިއުޓީ ސީއެމްޑީގެ މަގާމަށް އައިމިނަތު ހަލީމް އާއި އިހުސާން އަބްދުލް ޣަނީ ވަނީ ހަމަޖައްސާފައެވެ. އަދި ސީއެމްޑީގެ ބެލުމުގެ ދަށުން އެ މުބާރާތަށް އެމްއޯސީން އުފެއްދި ސްޓިއަރިން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހުސެއިން ހަލީމް އާއި ހުސެއިން ރަޝީދު، މޮނާ އައްބާސް، މުހައްމަދު އަނީސް އަދި އަހުމަދު އިބްރާހިމް ވަނީ ހަމަޖައްސާފައެވެ.

އައިއޯއައިޖީގައި ބައިވެރިވާ ރާއްގެ ކޮންޓިންޖެންޓަށް ހާއްސަ ސީއެމްޑީއަކާއި ސްޓިއަރިން ކޮމިޓީއެއް އެމްއޯސީން އުފައްދަން ނިންމީ އައިއޯއައިޖީ އަކީ ގިނަ ކުޅިވަރުތަކެއް އެކުލެވޭ މުބާރާތްތަކަށް ވެފައި، އެ މުބާރާތުގައި މިފަހަރު ރާއްޖެގެ 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރަން ހަމަޖެހިފައި ވާއިރު، އެ ކޮންޓިންޖެންޓުގެ ކަންކަން ބެލެހެއްޓުމުގެ ގޮތުންނެވެ.

އެމްއޯސީން އައިއޯއައިޖީއަށް ހާއްސަކޮށް އުފެއްދި ސްޓްއަރިން ކޮމިޓީގެ މައިގަނޑު މައްސޫލިއްޔަތުތަކެއްގެ ގޮތުގައި ކަނޑާއަޅާފައި ވަނީ މުބާރާތައް ތައްޔާރުވުމަށާއި، މުބާރާތުގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމްތަކުގެ ކަންކަން ބެލެހެއްޓުމުގައި، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ކޯޗުންނާއި މެނޭޖަރުންގެ އިތުރުން ކުޅުންތެރިންނާއެކު މަސައްކަތްކޮށް، އެހީތެރި ވުމެވެ.

އޭގެ އިތުރުން ގޭމްސް އޯގަނައިޒިން ކޮމިޓީއާ ކުރާ މުއާމަލާތްތަކުގައި އިސް ދައުރެއް އަދާކޮށް، މުބާރާތުގެ ހެޑް އޮފް ޑެލިގޭޝަންސް މީޓިންގްތަކުގައި ރާއްޖޭގެ ކޮންޓިންޖެންޓު ތަމްސީލުކުރާ ގޮތަށް ހަމަޖެހިފައި ވަނީ އެ ސްޓިއަރިން ކޮމިޓީ އެވެ.

ޔޫތު މިނިސްޓްރީއާ ގުޅިގެން އެމްއޯސީން އައްޔަނު ކުރި ސްޓިއަރިން ކޮމިޓީގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި، މުބާރާތަށް ތައްޔާރުވާ އެތުލީޓުންގެ ޕްރޮގްރެސް ރިޕޯޓެއް މުބާރާތް ފެށެންދެން ކޮންމެ މަހަކު ޔޫތު މިނިސްޓްރީއަށް ހުށަހެޅުން ހިމެނެއެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވަން ތާވަލް ކޮށްފައި ވަނީ އޯގަސްޓް 15 އިން 23 ހަށް ފްރާންސްގެ ރިޔޫނިއަންގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު