ދަރިވަރުންނަށް ހާއްސަ މާޝަލް އާޓްސް ކްލާސްތަކެއް ފަށަނީ

ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން މާޝަލް އާޓްސް ކްލާސްތަކެއް ފަށަން "މާޝަލް އާޓްސް އެކަޑަމީ އޮފް މޯލްޑިވްސް" އިން ނިންމައިފި އެވެ.

މާޝަލް އާޓްސް އެކަޑަމީގެ ފައުންޑަރު އަހުމަދު ރިޒްވީ ވިދާޅުވީ، އެ ހަރަކާތުގައި ދަރިވަރުންގެ އިތުރުން އާންމުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އަޖުމަ ބެލުމަށް މިހާރު ކުރިއަށްގެންދާ ސެޝަންތަކުގައި ވެސް 35 ބައިވެރިން ތަމްރީން ހާސިލްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އެ ހަރަކާތުގައި އުމުރުން ހަތް އަހަރުން މަތީގެ އުމުރުފުރައިގެ ކޮންމެ ކުއްޖަކަށް ވެސް އަދި ބޭފުޅަކަށް ވެސް ބައިވެރިވެވޭނެ. ބައިވެރިންނަށް ތަމްރީނު ދިނުމުގައި ހަރަކާތްތެރިވާނީ ކަމުގެ ތަޖުރިބާ ލިބިފައިވާ އަދި މި ރޮނގުން ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބީތައް ހޯދާފައިވާ ބޭފުޅުން،" ބައިނަލްއަގުވާމީ ކަރާޓޭ މުބާރާތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ ރިޒްވީ ވިދާޅުވި އެވެ.

މާޝަލް އާޓްސް އެކަޑަމީން ވަނީ، އެ ހަރަކާތުގެ ކްލާސްތައް ހިންގުމަށް މާފަންނު މަދަރުސާއާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ.

ރިޒްވީ ވިދާޅުވީ، އެ ހަރަކާތުގެ ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތަފާތު ވަގުތުތަކަށް ބަހާލައިގެން ތަފާތު ލެވެލްތަކަށް ކަމަށެވެ. ނަމަވެސް ދަރިވަރުންނާއި އާއްމު ފަރާތްތަކުގެ ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވަކި ގަޑި ތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މަހު ފީ އެއް ނަގައިގެން ކުރިއަށް ގެންދަން ރާވާފައިވާ އެ ހަރަކާތުގައި ބައިވެރިވާ ބައިވެރިން ހޯދައި، ކުރިއެރުމާ އެއްގޮތަށް ކާމިޔާބީގެ ސެޓްފިކެޓް އަދި ބެލްޓްސް ވެސް ދެވޭއިރު، ހަރަކާތް ފުރިހަމަ ގޮތުގައި ނިންމާ ފަރާތްތަކަށް ތަފާތު ރޮނގުތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ވެސް ތަނަވަސްވެގެން ދާނެ ކަމަށް މާޝަލް އާޓްސް އެކަޑަމީން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު