ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބީއެފްއެމް ތުލުސްދުއަށް

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބަށިބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސް އިން ކ. ތުލުސްދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތުލުސްދޫގައި ހާއްސަ ބަށި މުބާރާތެއް ބާއްވަން ބީއެފްއެމުން ރާވާފައި ވާކަމަށް އެ ފެޑަރޭޝަނުން މައުލޫމާތު ދެއެވެ. އަދި އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެ ރަށުގައި ކުޅިވަރު ކުރިއަރުވަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޒުވާނުންގެ ރޫހާއި ގުޅިގެން ކަމަށްވެސް ބީއެފްއެމުން މައުލޫމާތު ދިނެވެ.

ތުލުސްދޫގައި ބާއްވާ ބަށިބޯޅަ މުބާރާތުގައި، މިއަހަރުތެރޭ ބީއެފްއެމުން ބާއްވަން ނިންމާފައިވާ ބަށިބޯޅަ ލީގަށް އެ ރަށުން ނިކުންނަ ޓީމު ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން ބަށިބޯޅަ އޮފިޝަލުން ތަމްރީނު ކުރުމަށް ހާއްސަ ވޯކްޝޮޕެއް އެ ރަށުގައި ހިންގަން ރާވާފައި ވާކަމަށްވެސް ބީއެފްއެމުން ވަނީ މައުލޫމާތު ދީފައެވެ.

މިއަހަރުތެރޭ ބީއެފްއެމުން އަލަށް ބާއްވަން ރާވާފައިވާ ބަށިބޯޅަ ލީގު ފަށަން ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ ކުރިންނެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގައި ލީގު ކުޅުމަށް ފަހު، ލީގުން އެންމެ ކުރި ހޯދާ ޓީމްތަކުގެ މެދުގައި ޒޯން މުބާރާތްތަކެއްވެސް ކުޅުމަށް ރާވާފައި ވާއިރު، ޒޯން މުބާރާތްތައް ކުރިއަށް ގެންދާނީ ރަމަޟާން މަހަށް ފަހު ކަމަށް ބީއެފްއެމުން ވަނީ މައުލޫމާތު ދީފައެވެ.

ބީއެފްއެމުން ތުލުސްދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތަކަށް ތައްޔާރު ވުމުގެ ގޮތުން، އެ ފެޑަރޭޝަންގެ އިސް ވެރިންނާއި މެންބަރުން މިއަދު މެންދުރު ފަހު ތުލުސްދޫއަށް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު