އިންޖީނުގެ ހޫނު ވައިން އުފެއްދި ފެން ގުޅީގެ ގެތަކަށް ފޯރުކޮށްދޭން ފަށައިފި

އިންޖީނުގެ ހޫނުވައި ބޭނުންކޮށްގެން ކ. ގުޅީ ސްޓެލްކޯ އާއި އިނގިރޭސިވިލާތުގެ އަކުއިއާ ފައުންޑޭޝަން ގުޅިގެން އުފެއްފި ސާފު ބޯފެން އެ ރަށުގެ ގެތަކަށް ސަޕްލައިކޮށްދޭން ފަށައިފި ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

"އަކުއިއާ ފުށި" ނަމުގައި މިއަދު ގުޅީ ގެތަކަށް ސަޕްލައިކޮށްދޭން ފެށި މި ފެން އުފައްދާފައި ވަނީ ކ. ގުޅީ އިންޖީނުގެއިން ބޭރުވާ ހޫނު ވައި ބޭނުންކޮށްގެންނެވެ.

މި ފެން ލިބެން ހުންނަނީ ހަމައެކަނި 18 ލިޓަރުގެ ފުޅީގަ އެވެ.

ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހަންމަދު ލަތީފު މިއަދު ވިދާޅުވީ މިއަދުން ފެށިގެން ހަފްތާއެއް ވަންދެން ގުޅީ ގަތަކަށް ހިލޭ ފެން ގެންގޮސްދޭނެ ކަމަށެވެ. އަދި އޭގެ ފަހުން އޯޑަރު ދިނުމުން ގުޅީގެ ގެތަކަށް ފެން ގެންގޮސްދޭނެ ކަމަށެެވެ. މިހާރު ފެން ހިލޭ ފޯރުކޮށްދިން ނަމަވެސް ހަފްތާއެއް ފަހުން ފެން ވިއްކާނީ ކަމަށާއި އެ ގޮތުން 18 ލިޓަރުގެ ފެން ފުޅިއެއް ވިއްކާނީ 25 ރުފިޔާ އަށް ކަަމަށް ސްޓެލްކޯ އިން ބުނެ އެވެ. މި ސައިޒްގެ ފެންފުޅި މާލޭ ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަނީ 53 ރުފިޔާ އަށެވެ.

"މިއީ އަޅުގަނޑުމެން ކުރިޔަށް ގެންދިޔަ ޕައިލެޓް ޕްރޮޖެކްޓެއް. މިފަދަ ޕްރޮޖެކްޓްތައް ސްޓެލްކޯގެ އިންޖީނުގެތައް ހުންނަ އެހެން ރަށްރަށުގައި ވެސް މުސްތަގުބަލުގައި ކުރިޔަށްދާނެ،" ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހަންމަދު ލަތީފު ވިދާޅުވި އެވެ.

ގުޅި އަކީ ވެސް ބައެއް ފަހު ފެނުގެ ތާށިކަން ދިމާވާ ރަށެއް ކަމަށާއި މުސްތަގުބަލުގައި ވެސް މިފަދަ ޕްރޮޖެކްޓްތައް ހިންގާނެ ރަށްތައް ކަނޑައަޅާ އިރު ފެނުގެ ދަތިކަން ދިމާވާ ރަށްތަކަށް އިސްކަން ދެއްވާނެ ކަމަށް ލަތީފު ވިދާޅުވި އެވެ.

ގުޅީގައި ހިންގި ސާފު ބޯފެން އުފެއްދުމުގެ މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ދުވަހަކު 10 ޓަނުގެ ފެން އުފައްދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު