ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރެވޭނީ އެންމެން ޝާމިލުކޮށްގެން: ޑޭން ލީފް

ރާއްޖޭގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މުޅި އާބާދީ އެކަމުގައި ޝާމިލުކޮށްގެން ކަމަށް އެމެރިކާގެ ދިފާއީ މާހިރެއްކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޑޭން ފިގްލީފް ވިދާޅުވެއްޖެ އެވެ.

"ޔޫއެސް ޕާސްޕެކްޓިވް އޮފް މެރިޓައިމް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" (އެމެރިކާގެ ނަޒަރުގައި ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން) މިނަ މުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގައި މިއަދު ކުރެއްވި ތަގުރީރެއްގައި ޑޭން ވިދާޅުވީ ސަލާމަތްތެރިކަމުގެ މުހިއްމުކަން އެންމެނަށް ވިސްނައިދޭން ޖެހޭ ކަމަށެވެ.

"... އުތުރުން ދެކުނަށް، ތަފާތު 189 ރަށުގައި މީހުން ދިރިއުޅޭ އިރު، ސްޓައިލުގެ ގޮތުން ތަފާތު، ކަންކަމާ ދޭތެރޭ ގޮތް ވަރަށް ތަފާތު ކަމުގައިވާ އިރު، އަޅުގަނޑަށް ދެކެނީ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ހިމެނޭ އެއް ކަމަކަށް ވާން ޖެހޭނީ ސަލާމަތީ ކަންކަމުގައި އެމީހުން ބައިވެރި ކުރުން،" ޖެނެރަލް ލީފް ވިދާޅުވި އެވެ.

މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ އެމެރިކާގައި ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ހިޖުރަކޮށްފައިވާ ބޮޑު އާބާދީއެއް އެގައުމުގައި އޮތް އިރު އެއާބާދީ އެކަމުގައި ބައިވެރި ނުކުރެވުން ކަމަށެވެ. އަދި އެއީ އެމެރިކާ އިން މަސައްކަތް ކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ވިސްނުންތެރިކަމާ އެކު ސަލާމަތީ ކަންކަމުގައި އެންމެން ބައިވެރި ނުކުރެވޭ ނަމަ ސަލާމަތްތެރިކަން ނުލިބޭނެ ކަމަށެވެ.

ސަލާމަތީ ކަންކަމުގައި އެންމެން ބައިވެރި ކުރުމަށް ކުރެވޭނެ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ މީހުންގެ ދިރިއުޅުމާއި އެކަމާ ގުޅިފައިވާ މިންވަރު ވިސްނައިދިނުން ކަމަށެވެ.

"... ހާސްކަން އުފައްދައިގެންނެއް ނޫން. ހަކަތައަށް އޮތް މަގުތަކާއި ޓޫރިޒަމާއި ފެން ލިބުން ފަދަ ކަންތައްތައް އެކަން އަނެއްކަމާއި ގުޅިފައި ވަނީ ކިހާ މިންވަރަކަށް ކަމާއި ކުރިން ދެންނެނި ފަދަ ނުރައްކާތަކަށް ހުށަހެޅިފައި ވަނީ ކިހާ ވަރަކަށް ކަން މީހުން ނަށް ވިސްނައިދީގެން،" ލީފް ވިދާޅުވި އެވެ.

ކަނޑުމަގުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކުރެވޭނެ ކަންކަމާ މެދު ވާހަކަ ދެއްކެވުމުގެ ކުރިން އޭނާ ވަނީ ރާއްޖެ އަށް ނުރައްކާތެރިކަން އޮތް ދާއިރާތައް ވިދާޅުވެދެއްވާފަ އެވެ. އެގޮތުން އޭނާ ހަތަރުކަމެއް ފާހަގަ ކުރެއްވި އެވެ. އެއީ ގުދުރަތީ ހާދިސާތަކާއި ގައުމުތައް ހުރަސްކޮށް ހިންގާ ކުށްތައް (ޓްރާންސް ނެޝަނަލް ކްރައިމް) އާއި ޓެރަރިޒަމާއި ކަނޑު ފޭރުމެވެ. މިދާއިރާތަކުގެ ގައުމުތައް ހުރަސްކޮށް ކުރާ ކުށްތަކާއި ޓެރަރިޒަމާއި ކަނޑު ފޭރުމަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންތައްތައް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޑޭފް ފިގް ލީފް އަކީ އެމެރިކާގެ ދިފާއީ ދާއިރާގައި އަސްކަރީ ބޭފުޅެއްގެ ގޮތުންނާއި އެނޫން ގޮތުން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަސްކަރީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައި، އަދި މީހުން ތަމްރީނު ކުރެއްވުމުގައި ވެސް އޭނާ ހަރަކާތްތެރިވެވަޑައިގެންފައިވެ އެވެ. އަދި އެމެރިކާގެ ޕެސިފިކް ކޮމާންޑްގައި އޭނާ ގިނަ ދުވަސްތަކެއް ވަންދެން މަސއްކަތް ކުރައްވާފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު