އިސް ގާޒީ ހައްޔަރު ކުރުމުގައި ޖަލީލުގެ ދައުރެއް ނެތް ކަމަށް ހަތަރު އޮފިސަރަކު ހެކިބަސްދީފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމުގައި މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލުގެ އެއްވެސް ދައުރެއް ނެތް ކަމަށް ސިފައިންގެ ހަތަރު އޮފިސަރަކު ހެކިބަސްދެއްވާފައި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެއްވާފައި ވަނީ އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހްސާނާއި ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފާއި މެޑިކަލް ސާވިސް ކޮމާންޑަރު ޑރ. އަލީ ޝާހިދު މުހައްމަދު އާއި ވޮރަންޓް އޮފިސަރު އާއިޝަތު ޒީނާއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ ހެކިބަސްދެއްވާފައި ވަނީ ކެޕްޓަން އަލީ އިހުސާނެވެ. ހެކިބަސްދެއްވަމުން އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ކުރިން އެމްއެންޑީއެފާއި ޕޮލިހުން ބޭއްވި ބައެއް ބައްދަލުވުންތަކުގައި މޫސާ އަލީ ޖަލީލު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް އެ ބައްދަލުވުންތަކުގައި އޭނާ ބައިވެރިވެފައިނުވާތީ ބައްދަލުވުމުގައި ދެކެވުނު ވާހަކައެއް ދަންނަވަން އެނގިވަޑައިނުގަންނަވާކަށް އިހުސާން ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭގޮތުން، އޭރުގެ ހޯމްމިނިސްޓަރު ހަސަން އަފީފާއި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ އާއި ކުރީގެ ކާނަލް ޒިޔާދު ބައިވެރިވެވަޑައިގެން ފުލުސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރުގެ ސެކްރެޓަރީގެ މަސްއޫލިއްޔަތު އަދާކުރެއްވި އިހުސާން ވިދާޅުވީ އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ފުލުސް އޮފީހުން ފޮނުވި ސިޓީއެއް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނަށް އޭނާ ރައްދުކޮށްފައިވާނެ ކަމަށެވެ. އަދި އެ ސިޓީގެ ކޮޕީއެއް އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާ ވެސް ހަވާލުކުރި ކަމަށާއި ސިޓީ ހަވާލުކުރުމުން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް މޫސާ އަލީ ޖަލީލު ވިދާޅުނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގައި މޫސާ އަލީ ޖަލީލު ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އެބައޮތްތޯ ދައުލަތުން ދެންނެވުމުން އިހްސާން ވިދާޅުވީ އެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން އޭރުގެ ޑިފެންސް މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމެއްގައި މޫސާ އަލީ ޖަލީލު ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިއަދު ދެވަނައަށް ހެކިބަސް ދެއްވި ކާނަލް އަބްދުއްރަހީމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރިކަން އޭނާއަށް އެނގިވަޑައިގަތީ ސިފައިންގެ ޓްރޭނިންގް ރަށެއްކަމުގައިވާ ލ. ގިރިފުއްޓަށް ގެންދިޔުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރިފަހުން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ސިފައިންނާ ބައްދަލުކުރެއްވި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސިފައިންނާ ބައްދަލުކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެއިން ބައްދަލުވުމެއްގައި މޫސާ އަލީ ޖަލީލު ބައިވެރިވެވަޑައިގަތް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ފުލުހުންގެ މަސައްކަތަށް ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މޫސާ އަލީ ޖަލީލު ވެސް ވާހަކަދެއްކެވި ކަމަށާއި އެހެންނަމަވެސް ވަކި މީހަކު ހައްޔަރުކުރުމާ ބެހޭ ވާހަކައެއް އެބައްދަލުވުމުގައި ދެކެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ވަނައަށް ހެކިބަސް ދެއްވި ޑރ. ޝާހިދު ވިދާޅުވީ 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ މީހަކު އެރަށަށް ގެންދާތީ އެމީހާގެ މެޑިކަލް ކަންތަކުގައި އޭނާވެސް އެރަށަށް ދިޔަ ކަމަށެވެ. އަދި އެއީ އަބްދުﷲ ގާޒީކަން އެނގުނީ މާފަހުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭގޮތުން މޫސާ އަލީ ޖަލީލު އެއްވެސް އަމުރެއް ޝާހިދުއަށް ކުރެއްވިތޯ މޫސާ އަލީ ޖަލީލު ދެންނެވުމުން އޭނާ ވިދާޅުވީ އެފަދަ އަމުރެއް ކުރައްވާފައިނުވާ ކަމަށެވެ.

މިއަދު ހަތަރު ވަނައަށް ހެކިބަސްދެއްވި ވޮރަންޓު އޮފިސަރު އާއިޝަތު ޒީނާ ވިދާޅުވީ އަބްދުﷲ ގާޒީގެ ވެލްފެއާ ކަންތަކުގައި ތޮލްހަތު އަންގަވައިގެން އޭނާ ގިރިފުއްޓަށް ގޮސްފައިވާނެ ކަމަށެވެ.

ޒީނާވެސް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭގޮތުން އެއްވެސް އެންގުމެއް މޫސާ އަލީ ޖަލީލު އޭނާއަށް އަންގާފައިނުވާ ކަމަށެވެ.

މިއަދު ހާޒިރުކުރި ހަތަރު އޮފިސަރުންގެ ހެކިބަސް ނަގައި ނިމުމާ އެކު ދައުލަތުގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހު އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް އަތީފް އާއި ސިފައިންގެ އޮފިސަރެއް ކަމަށްވާ ކާނަލް ވައިސް ވަހީދު މިހާރު ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އެހެންކަމުން އެބޭފުޅުން މިއަދު ކޯޓަށް ހާޒިރުނުކުރެވުނީ ކަމަށާއި އެބޭފުޅުން ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު