ސީ އެންބިއުލާންސްގެ ވައުދުގެ 50 ޕަސެންޓް ކާމިޔާބު ކުރެވިއްޖެ: ހެލްތް މިނިސްޓްރީ

ސީ އެންބިއުލާންސް ތައާރަފްކޮށް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައި ލުއިފަސޭހަކަމާ އެކު ބަލިީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ސަރުކާރުން ވެފައިވާ ވައުދުގެ 50 ޕަސެންޓް ކާމިޔާބު ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ބުނީ، އަތޮޅު ތެރޭގައި ދެމުން އަންނަ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން ފެށި ސީ އެންބިއުލާންސްގެ ހިދުމަތަށް މިހާތަނަށް ނުވަ އުޅަނދު ނިމި އަށް އުޅަނދު އަތޮޅުތަކާ ހަވާލުކޮށް، ހިދުމަތް ދެވުން އަންނަ ކަމަށެވެ.

އެގޮތުން، މިހާރު އެ ހިދުމަތް ދެމުން އަންނަ އަތޮޅުތަކީ، ހެލުތުން ބުނި ގޮތުގައި ހއ. އަތޮޅުން ފެށިގެން އުތުރުން ރ. އަތޮޅާ ހަމަ އަށެވެ. އަދި މެދު ރާއްޖެ ތެރެ އިން ފ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އަދި ދެކުނުން ގދ. އަތޮޅުގައި އެ ހިދުމަތް ތައާރަފުކޮށްފައިވާ ކަމަށް ހެލްތުން ބުންޏެވެ.

ހެލްތުން ބުނީ އެ އަތޮޅުތަކަށް 14.2 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެ ހިދުމަތް ގާއިމްކުރުމަށް 38 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

"މިދިޔަ އަހަރުގެ މެއި މަހު ފެށި އެ ޕްރޮޖެކްޓުގެ ދަށުން ވޭތުވެ ދިޔަ 14 މަސްް ދުވަހުގެ ތެރޭގައި އެ ވައުދުގެ 50 ޕަސެންޓް ކާމިޔާބު ވެފައިވާކަން އުފަލާ އެކު ފާހަގަކުރަން ޖެހޭ،" ހެލްތު މިނިސްޓްރީ އިން ނެރުނު މީޑިއާ ބަޔާނެއްގައި ބުންޏެވެ.

ހެލްތު މިނިސްޓްރީ އިން އެހެން ބުނެފައިވާ އިރު، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ހިދުމަތް ތައާރަފް ކުރެވިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން އިތުރު ތިން އެންބިއުލާންސް ހިދުމަތަށް ތައާރަފްކުރާނެ ކަމަށެވެ. އަދި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ހިދުމަތް މުޅި ރާއްޖެ އަށް ގާއިމްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަލިމީހާ އަށް ބޭނުންވާނެ އެންމެހާ ވަސީލަތްތައް ފުރިހަމަކޮށް ސިއްހީ ޑަކްޓަރުންނާއި ނަރުހުން އެކަށީގެންވާ ގޮތުގައި ބަލިމީހާ އަށް ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސީ އެންބިއުލާންސްގެ ހިދުމަތް ދެނީ އެމްއެންޑީއެފާ ގުޅިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު