ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ރައީސްކަމުގެ އިނާޔަތް ކެނޑޭގޮތް ހަދަނީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ދެމުންދާ އިނާޔަތް ރައީސް ނަޝީދަށް ނުލިބޭނެ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ އިސްލާހު، މަޖިލީހުން ފާސްވެއްޖެނަމަ ރައީސް ނަޝީދަށް މިހާރު ލިބެމުންދާ ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތް އުނިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ރައީސްކަން ކޮށްފައިވާ މީހަކު ޓެރަރިޒަމްގެ އަމަލެއް ކުރުން ނުވަތަ އެފަދަ ޖަމާއަތެއްގައި ބައިވެރިވުމާއި އެކަމަށް ގޮވާލުމުގެ އިތުރުން އެފަދަ ކަމަކަށް ހިތްވަރުދީފިނަމަ ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދެމުންދާ އިނާޔަތް ލިބުމުން މަހުރޫމު ވާނެ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް މިހާރު ދައުލަތުން އުފުލާފައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރައީސްކަން ކުރައްވާފައިވާ ފަރާތްތަކުގެ އިނާޔަތުގެ އިސްލާހުގެ ބިލު ފާސްވެއްޖެ ނަމަ ރައީސް ކަމުގެ އިނާޔަތުން ނަޝީދު މަހުރޫމު ވާނެ އެވެ.

ރައީސްކަން ކޮށްފައިވާ މީހަކު ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ އަމަލެއް ކުރުމާއި އެފަދަކަމަކަށް ހިތްވަރުދިނުން ނުވަތަ އެފަދަ ކަމަކަށް ގޮވާލައިފި ނަމަވެސް އެފަރާތްތަކަށް ދޭ އިނާޔަތްތަށް ގެއްލިގެން ދާނެ އެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭފަދަ ގޮތަކަށް އަމަލުކުރުމާއި ގައުމުގެ އިގްތިސާދު ފުނޑު ފުޑުކޮށްލާފަދަ އަމަލެއް ކޮށްފި ނަމަވެސް ރައީސްކަން ކުރި ފަރާތްތަކަށް ލިބޭ އެންމެހާ އިނާޔަތްތަކާއި ރައްކާތެރިކަމުން މަހުރޫމު ވާނެ އެވެ.

އެ އިސްލާހުގެ އިތުރުންވެސް އެ ބިލަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވިއިރު ޖިނާއީ ކުށެއް ކުރެއްވިކަން ޝަރުއީ ކޯޓަކަށް ސާބިތުވެއްޖެނަމަ، އެފަދަ ކުށެއް ސާބިތުވާ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް އިނާޔަތެއް ނުލިބޭނެ އެވެ. އަދި ރައީސްކަން ކޮށްފައިވާ މީހެއްގެ މައްޗަށް ސާބިތުވާ ޖިނާއީ ކުށުގެ އަދަބެއްގެ ގޮތުން އެކުށް ބަޔާންކުރާ ގާނޫނުގައި ބަންދުގެ މުއްދަތެއް ކަނޑައަޅާފައި ވާނަމަ، އެކަނޑައަޅާފައިވާ މުއްދަތުގެ ކޮންމެ މަހަކަށް ތިން މަހުގެ ނިސްބަތުން، އިނާޔަތުން މަހުރޫމްވާ މުއްދަތު އިތުރުވާނެކަމަށްވެސް ގާނޫނަށް ހުށަހެޅި އިސްލާޙުގައި ބުނެފައިވެ އެވެ.

ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ އިނާޔަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގައި ބުނެފައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު، ކުރި ޖިނާއީ ކުށެއް ޝަރުއީ ކޯޓަކަށް ސާބިތުވެއްޖެނަމަ، އެކުށް ސާބިތުވީ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އިނާޔަތްތައް ހުއްޓޭނެ އެވެ. އަދި އެކުށް ބަޔާންކޮށްފައިވާ ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެމުއްދަތުގެ ކޮންމެ މަހަކަށް އިތުރު އެއްމަސް ދުވަހަށް އިނާޔަތްތައް ހިފެހެއްޓޭނެކަމަށްވެސް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މީގެ ކުރިން ރައީސްކަން ކޮށްފައިވާ ފަރާތްތަކުގެ މައްޗަށްވެސް އެ ގާނޫނު ތަންފީޒު ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއުރާގެ މެންބަރު މުހައްމަދު އިސްމާއިލް، ބިލް ހުށަހެޅުއްވި ސަބަބެއް ކަމުގައި ބަޔާންކޮށްފައި ވަނީ ރައީސްކަންކޮށްފައި ވާ ފަރާތްތަކަކީ ރައްޔިތުންނަށް ނަމޫނާ ބައެއް ކަމަށް ކަށަވަރު ކުރުމާއި އަދި އެފަދަ ފަރާތްތަކަށް ހިމާޔަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޖިނާއީ ކުށަކަށް އަރައިގަންނަށް ނުޖެހޭ ގޮތަށް ހަމަޖެއްސުމެވެ.

މުހައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަކީ އަބަދުވެސް ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރަންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ރައީސްކަމުގެ މަގާމު އަދާކުރެއްވި ދުވަސްވަރު އަދި މަގާމުން އިސްތިއުފާ ދެއްވުމަށްފަހުވެސް ކުށުން ބަރީއަތްވެގެންވާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ ބިލުގެ އިސްލާޙު މިއަދު މަޖިލީހަށް ވަނީ ބަލައިގަނެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު