ގައުމީ 8-ބޯލް ބިލިއާޑް މުބާރާތުން އަށް ކުޅުންތެރިއަކު ކަޓައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށް ގެންދާ ގައުމީ 8-ބޯލް ބިލިއާޑް މުބާރާތުގެ ފުރަތަމަ ބުރުން، މުބާރާތުގެ އަށް ކުޅުންތެރިއަކު ކަޓައިފި އެވެ.

އަހަރުގެ ފުރަތަމަ ރޭންކިން މުބާރާތުގެ ގޮތުގައި އެމްޕީބީއޭއިން ކުރިއަށް ގެންދާ ގައުމީ 8-ބޯލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ކަޓާފައިވާ ކުޅުންތެރިންނަކީ އިބްރާހިމް ޝާހިދު، ޔޫސުފް ޒުބައިރު، އަހްމަދު ނަފީލް، އަހްމަދު ރަމްޒީ، އަސްލަމް އަބްދުﷲ، ހަސަން ރާޖޭޝް މޫސާ، އަހްމަދު ސޮފްވަތު އަދި ފަތުހުﷲ ޖަމީލް އެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ރޭސްޓް ހަތް ފްރޭމަށް ކުރިއަށް ގެންދާ އެ މުބާރާތުން ޝާހިދު ކަޓާފައި ވަނީ ރޭ އިބްރާހިމް ހަނީފްއާ ދެކޮޅަށް އޭނާ ކުޅެން އޮތް މެޗަށް ހާޒިރު ނުވުމުގެ ސަބަބުން ނެވެ. އެހެން ކަމުން ހަނީފަށް އެ މެޗު ލިބިފައި ވަނީ 7-0 ފްރޭމުންނެވެ.

ޝާހިދުއާ ހިލާފަށް، އެ މުބާރާތުން ޒުބައިރު ކަޓާފައި ވަނީ ރޭ އަހުމަދު އިޔާދު ސައީދުއާ ދެކޮޅަށް ކުޅުނު މެޗު 4-7 ފްރޭމުން އިޔާދު ކާމިޔާބު ކުރުމުންނެވެ. އަދި ރޭ ކުޅުނު މެޗުތަކުގައި ދުންޔާޒް މުހައްމަދު އަތުން 7-6 ފްރޭމުން ބަލިވުމުން ނަފީލް މުބާރާތަށް އަލްވަދާއު ކިޔާފައި ވާއިރު، ރަމީޒް ކެޓީ ރޭގެ މެޗުގައި 7-4 ފްރޭމުން އައްބާސް ސައީދު އަތުން ބަލިވުމުން ނެވެ.

ރޭގެ މެޗުގައި އަސްލަމް ބަލިވީ އަހުމަދު ޒިޔާންއާ ދެކޮޅަށް ކުޅުނު މެޗުން އޭނާ 7-2 ފްރޭމުން ބަލިވުމުންނެވެ. އަދި ރާޖޭޝް ޝިފާއު އަބްދުﷲ އަތުން 4-7 ފްރޭމުން ބަލިވިއިރު، ސޮފްވަތު އާއި ފަތުހުﷲ މުބާރާތުން ކަޓާފައި ވަނީ ރޭ ހަސަން ޝާޒް މުހައްމަދު އާއި މުހައްމަދު އަކްސަމް ވަހީދުއާ ވާދަކޮށް، 4-7 އަދި 2-7 ފްރޭމުން އެ ދެ ކުޅުންތެރިން ބަލި ވުމުންނެވެ.

މި މަހުގެ އެކެއްގައި 32 ކުޅުންތެރިންނާއެކު ފެށި ގައުމީ 8-ބޯލް މުބާރާތުގެ ފުރަތަމަ ބުރުގައި ވާދަކުރަނީ ކޮލިފިކޭޝަން މެޗުތަކުން ހޮވުނު 16 ކުޅުންތެރިންނާއި އެމްޕީބީއޭ ރޭންކިންގެ ގަދަ 16 ކުޅުންތެރިން ހިމެނޭގޮތަށް، މުޅިއެކު 32 ކުޅުންތެރިންނެވެ. އަދި އެ މުބާރާތުގެ ފުރަތަމަ ބުރުގެ އެންމެ ފަހު އަށް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިރޭ އެވެ.

އެމްޕީބީއޭ ކްލަބް ހައުސްގައި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގައުމީ 8-ބޯލް ބިލިއާޑް މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް ކުޅެފައި ވަނީ މިދިޔަ މަހުގެ ފަހު ކޮޅު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު