ވެހިކަލް ކޮންޓްރޯލް ކޮށްގެން ނޫނީ ހައްލެއް ނެތް: ޕޮލިސް

މާލޭގައި ދުއްވޭ ތަކެތީގެ އަދަދު ކޮންޓްރޯލް ކުރެވިގެން ނޫނީ މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ހެޑް އޮފް ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް މުހައްމަދު ދާއޫދު "ސަން" އަށް ވިދާޅުވީ، މުޅި މާލެ ތޮއްޖެހިފައިވާއިރު މާލޭގެ މަގުތަކަކީ އެންމެ ރަނގަޅަށް ތަރުތީބުކޮށް ބެލެހެއްޓޭ މަގުތައް ނޫން ކަމަށެވެ. އެގޮތުން މާލެއަށް އެތެރެކުރާ ވެހިކަލްތައް އެތެރެކުރުމަށް ހައްލެއް އައިސްގެން މެނުވީ މާލޭގެ މަގުތައް އަމާން ވެގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޓޯވެސް ކުރެވިދާނެ، ސްޓިކާވެސް ޖެހިދާނެ. ކިތަންމެ ވަރަކަށްވެސް ޖެހިދާނެ. އެކަމަކު ނަތީޖާއަކީ މަހެއްގެ މައްޗަށް 300، ނުވަތަ 400 ސައިކަލް މާލޭގެ މަގުމައްޗަށް އެބަ ނިކުމޭ. 60 ނުވަތަ 70 ކާރު އެބަ ނުކުމޭ. މިލެވެލުން އެހެން ނުކުންނަ ކަމަށް ވަންޏާ، އަދި ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި އޮންނަ އުސޫލަކުން ނޫން ރާއްޖޭގެ ކެޕިޓަލް ސިޓީގައި މިކަން މިހިނގަނީއެއް،" ދާއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި މާލެއާ ހިލާފަށް، އެ ގައުމުތަކުގެ ވެރިރަށްރަށުގައި ވެހިކަލް ދުއްވޭނީ ވަކި މުއްދަތެއް ވަންދެން ކަމަށެވެ.

ދާއޫދު ވިދާޅުވީ، އެކްސިޑެންޓުތައް ހުއްޓުވުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގުރާމްތައް ހިންގަމުންދާ ކަމަށް ވިދާޅުވި އެވެ. މިފަދަ މައްސަލަތައް ހައްލުކުރެވޭނީ އެންމެހާ ފަރާތްތަކުން ގަވައިދަށް އަމަލު ކުރުމުން ކަމަށްވެސް ދާއޫދު ވިދާޅުވި އެވެ.

"މީގައި ހައްލު އޮތީ ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިގެން. ހަމައެކަނި ފުލުހުން ނުކުމެގެން ކުށް ކުރާ މީހުން ހޯދައިގެން އެމީހުންނާއި މެދު މިދެއްނެވިގޮތަށް ޖޫރިމަނާކޮށް އެ ފައިސާ ދައުލަތައް ހޯދައިގެން އެކުރެވޭ ކަމަކުން ހައްލެއް ނާންނާނެ،" ދާއޫދު ވިދާޅުވި އެވެ.

ލައިންސެންސް ނުނަގާ އެތައް ފަހަރަކު ދުއްވާ ފަރާތްތައް ހުއްޓުވުމަށް އާއިލާތަކުން ޒިންމާ އަދާ ކުރަންޖެހޭ ކަމަށްވެސް ދާއޫދު ވިދާޅުވި އެވެ. ހަމައެހެންމެ ތަކުރާރުކޮށް ޓްރެފިކް ގާނޫނާއި ހިލާފްވާ ފަރާތްތަށް ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމުގެ ފުރުސަތު ނެތުމުން ދަތިތަކާއި ކުރިމަތިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށް ކަމާ ގުޅެފަރާތްތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ދާއޫދު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ، މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދާ އިރު އެ އުޅަނދުތައް ޕާކް ކުރުމަށް މިހާރު ހުރި އޭރިއާއަކީ އުޅަނދަކަށް 1.5 މީޓަރު ކަމަށާއި އެ އޮތޯރިޓީގެ ވިސްނުން ހުރީ އެ އަދަދު ދެ މީޓަރަށް ވާނެ މިންވަރަށް ބަދަލުކުރުން ކަމަށެވެ. އެގޮތުން އެ އޮތޯރިޓީ އިން މަސައްކަތް ކުރަމުންދަނީ މާލޭގައި ދުއްވޭނީ ކިހާ އުޅަނދެއްކަން ވަރަށް އަވަހަށް ކަނޑައަޅައި އެކަމަށް އަމަލު ކުރަން ފެށުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު